Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އަންހެނުންގެ ޑޮކްޓަރު ދެ ދުވަސް ނުވަނީސް އިސްތިއުފާ ދީފި!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދިޔަ އެމްއެންޑީއެފްގެ އަންހެނުންގެ ޑޮކްޓަރު ފުރައިގެން ދިއުމުން މިދިޔަ ހަފްތާގައި ހޮސްޕިޓަލަށް ގެނައި ޑޮކްޓަރު ދެދުވަސް ނުވަނީސް އިސްތިއުފާ ހުށަހަޅައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖަރ ހަދީޖާ ހަފްސާ މިއަދު ވިދާޅުވީ، މިދިޔަ ހަފްތާގައި ހޮސްޕިޓަލަށް ގެނައި އަންހެނުންގެ ޑޮކްޓަރު އިސްތިއުފާ ދިނުމަށްފަހު މިއަދު ފުރާނެ ކަމަށެވެ.

ހަފްސާ ވިދާޅުވީ ޑޮކްޓަރު އިސްތިއުފާ ދިނީ ޑޮކްޓަރު އައްޑޫއަށް އައިތަނުން އޭނާގެ ދަރިފުޅު ކުއްލި ގޮތަކަށް ބަލިވެގެން ހޮސްޕިޓަލްގެ އިއިސީޔޫގައި ފަރުވާ ދޭން ފެށުމުން އެނބުރި އިމަޖެންސީގައި ދާން ޖެހުމުންނެވެ.

"ޑޮކްޓަރު މިކޮޅަށް އައިތަނުން ޑޮކްޓަރުގެ ދަރިފުޅު ކުއްލިއަކަށް ބަލިވީ، ދޭން އިމަޖެންސީ ލީވްއެއް ދެވޭކަށް ނޯވޭ. އެހެންވެ ޑޮކްޓަރު ރިޒައިން ކުރީ. އެކަމަކު ބުނި 15 ދުވަސް ފަހުން އަންނާނެކަމަށް"

ހިތަދޫ ހޮސްޕިޓަލްގައި އެންމެ ފަހުން މަސައްކަތް ކުރި އެމްއެންޑީއެފްގެ ޑޮކްޓަރު ސިޒޭރިއަން ހެދުމަށްފަހު ނެގި ކުއްޖަކު 24 ގަޑިއިރު ނުވަނީސް ނިޔާވި މައްސަލައެއް ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލުން ބަަލަމުން އަންނަ އިރު މިވަގުތު ހޮސްޕިޓަލްގައި އިތުރު އަންހެނުންގެ ޑޮކްޓަރަކު ނެތެވެ.

ހަފްސާ ވިދާޅުވީ އައްޑޫއަށް އިތުރު ޑޮކްޓަރަކު ގެނައުމަށް މެޑިކަލް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.