Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަގު ހެދި ބިލްތަކަށް ފައިސާ ނުލިބޭ: ރޯޑް ކޯޕަރޭޝަން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ން އައްޑޫގެ ވެލި މަގު މަރާމާތު ކުރި ބިލްތަކަށް އަދި މިހާތަނަށް އައްޑޫ ސިޓީ ކައުންސިލުން ފައިސާ ނުދޭ ކަމަށް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޒީމް ވިދާޅުވީ ކައުންސިލަށް ހުށަހެޅި ބައެއް ބިލްތަކަށް ފައިސާ ނުލިބި ހުރުމުގެ ސަބަބުން މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
10672279_10152734907380180_3284542120368535832_n

ނަޒީމް ވިދާޅުވީ ފައިސާ ނުލިބި ހުރި މައްސަލާއިގެ އިތުރުން މި ދުވަސްކޮޅު އައްޑޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ބޮޑެތި ފެންގަނޑު ހެދިފައި ހުރުމުގެ ސަބަބުން މިދުވަސްކޮޅު މަގު ހެދުން ދަތިކަމަށެވެ.

ނަމަވެސް ކައުންސިލާއި އެކު މަޝްވަރާ ކޮށް މިހާރުން މިހާރަށް ކުރެވޭނެ ކަންތައް ބަލަމުން އަންނަ ކަމަށް ނަޒީމް ވިދާޅުވިއެވެ.
10408603_335287869977007_5588118445216584479_n

"އަޅުގަނޑުމެންގެ ބައެއް ބިލްތަކަށް އަދިވެސް ފައިސާ ނުލިބި އެބަހުރި، އެނގިވަޑައިގަންނަވާނެ މަގު މަރާމާތުކޮށް ބެލެހެއްޓުން އެއީ ކައުންސިލުން ކުރައްވަން ޖެހޭ މަސައްކަތެއް، އެބެފުޅުންގެ އެ ކެޕޭސިޓީ ނެތީމަ، އަޅުގަނޑުމެންނަށް މި ރިކްއެސްޓް މި ކުރައްވަނީ. ބައެއް ފަހަރު އެބޭފުޅުން ރިކްއެސްޓް ކުރައްވާއިރު އަޅުގަނޑުމެން އެހެން މަސައްކަތެއް ކުރިއަށް ގެންދާތީ ވަގުތުން ވަގުތަށް އެ ރިކްއެސްޓް ފުރިހަމަ ނުކުރެވޭ"

އައްޑޫގެ މަގުތައް މަރާމާތު ނުކުރެވި ދިގުލައިގެން ގޮސް، ދަތުރު ކުރާ ފަރާތްތަކާއި، ހިނގާ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ، އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މަގު މަރާމާތު ކުރުމަށް އެތައް ފަހަރެއްގެ މަތިން ރޯޑް ކޯޕަރޭޝަނަށް ލިއުމުން އެދިފައިވާ ކަމަށެވެ. އަދި އައްޑޫގެ މަގު ހެދުމަށް ބޭނުންވާ ފައިސާ މިދިޔަ އަހަރުގެ ބަޖެޓްގައި ހިމެނުމުން އެފައިސާ ހައުސިން މިނިސްޓްރީގެ ބަޖެޓްގެ ތެރެއަށް ހިމަނާފައިވާ ކަމަށެވެ.

ރޯޑް ކޯޕަރޭޝަނުން މަގު ހެދުމަށްފަހު ހުށަހެޅި ބިލްތަކަށް ފައިސާ ހޯދުމަށް ރޯޑް ކޯޕަރޭޝަންގެ އިސްވެރިންނާއި އެކު ފިނޭންސް މިނިސްޓަރާއި، ހައުސިން މިނިސްޓަރާއި އެކު ބައްދަލު ކޮށްފައިވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ފައިސާ ނުލިބިގެން ކަމަށް ބުނެ ރޯޑް ކޯޕަރޭޝަނުން ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ.

އަދި މަގު ހެދުން ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި އޮތަސް ސަރުކާރުގެ ސިޔާސަތުގެ ދަށުން މަގު ހެދުމަށް ކުންފުންޏެއް އުފައްދައި އައްޑޫގެ މަގުތައް ހެދުމަށް ކުރީން ކައުންސިލްގެ ދަށުގައި ތިބި ވެހިކަލްތައް ރޯޑް ކޯޕަރޭޝަނަށް ބަދަލުކޮށްފައިވާ އިރު ކައުންސިލަށް އެމަސައްކަތް ކުރިއަށް ގެންދެވެން މިހާރު ފުރުސަތެއް ނެތް ކަމަށެވެ.

އައްޑޫގެ ވެލި މަގުގެ ހާލަތު މިހާ ދަށްފެންވަރަކަށް ނުދާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.