Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ކާނަލް ނާޒިމް ޖަލުގައި ހިތްވަރާއި އަޒުމްގައި، ހިނިތުންވުމާއިއެކު!

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ހިންގުންތެރި އެއް މިނިސްޓަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްބޭފުޅަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމެވެ. އެކަމާއި މެދު އެއްބަސްވަނީ ހަމައެކަނި އެމަނިކުފާނުގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ. އެމަނިކުފާނަށް ތާޢީދު ނުކުރާ ފަރާތްތަކުން ވެސް އެކަން ބަލައިގަނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ހިނގާ ދިޔަ ކަންތައް ތަކާއި މެދު އެމްޑީޕީގެ މެންބަރުން ހިތްހަމަނުޖެހިފައި ތިބި ނަމަވެސް އެމީހުން ވެސް ކާނަލް ނާޒިމް އަކީ ޤާބިލް މިނިސްޓަރެއްގެ ގޮތުގައި ބަލައިގަނެއެވެ.

ސިފައިންގެ ބޭކަލެއްގެ ގޮތުގައި ފަޚުރުވެރިކަމާއި އެކު ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވި ކާނަލް ނާޒިމް ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެނގިވަޑައިގަތީ ރައީސް މުހައްމަދު ވަޙީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކަމުގެ މަޤާމަށް ވަޑައިގެންނެވި ހިސާބުންނެވެ.

ރައީސް ވަޙީދުގެ ސަރުކާރަށް ސިޔާސީ ގޮތުން އެތެރެއިންނާއި ބޭރުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކާއި އެކު ވެސް އެ ސަރުކާރު ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ވެސް ކާނަލް ނާޒިމެވެ.

ރައީސް ވަޙީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން ސިފައިންގެ ސަފުތައް ބަދަހިކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތުގެ ސަބަބުން ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް އެމަނިކުފާނު ވަނީ ޑިފެންސް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރެވިފައެވެ.

ކާނަލް ނާޒިމްގެ ޚިދުމަތްތައް ދިވެހި ޤައުމަށް އެންމެ ބޮޑަށް ލިބިގެން ގޮސްފައިވަނީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ހުންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައެވެ.

ޑިފެންސް މިނިސްޓަރ ކަމުގައި ހުންނަވައިގެން އެތެރޭގެ ކަންކަން ވަރުގަދަ ކުރެއްވުމާއެކު ފުރުސަތުގެ ބޭނުން ހިއްޕަވާ އެބޭފުޅާ ފާހަގަ ކުރެވެނީ ބޭރާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އިންޑިއާއާއި ޗައިނާއާއި، ލަންކާއަށް ކުރައްވާ އަވަސް ދަތުރުފުޅުތަކެއް ކުރެއްވި އިރު ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ބަލިކަށި ކަމުގެ ސަބަބުން އުފެދޭ ހުސް ޖާގަ ނާޒިމް ފުރުއްވަމުން ގެންދެވީ ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ބޮއްސުން ލާފައި ވަނިކޮށް ހެލްތު މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން "ބަލިކަށިވެފައިވާ" ސިއްހީ ދާއިރާ ހަރުދަނާ ކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެއާއި އެކު އެމަނިކުފާނުގެ ހިދުމަތް ރައްޔިތުން ބަލައިގަނެ، މަގްބޫލްކަން ދިޔައީ އިންތިހާއަށް ލިބެމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އެފަދަ މަންޒަރަކީ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާކަމަށްވާ މިހާރުގެ ނައިބް ރައީސް އަޙްމަދު އަދީބަށް ބަލަން ކެތްކުރެވޭ ވަރުގެ މަންޒަރަކަށް ނުވިއެވެ. ކާނަލް ނާޒިމްގެ މަޤުބޫލުކަން އިތުރުވިޔަ ނުދިނުމަށްޓަކައި ހަމައެކަނި ކެބިނެޓުން ބޭރުކޮށްލީ އެއް ނޫނެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ބޭނުންފުޅުވީ ކާނަލް ނާޒިމް ރައްޔިތުންގެ ލޯތަކަށް "ގެއްލުވާ"ލުމަށެވެ.

ބޭއިންސާފުން ކުރެވުނު ޝަރީޢަތެއް ކަމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ވެސް ފާހަގަކުރި ޝަރީއަތަށް ފަހު ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލެވުމާއި އެކު ދެން ފެށިގެން ދިޔައީ އަހްމަދު އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭނެ މަގު ފަހި ކުރުމަށް މަސައްކަތް ފެށިތަނެވެ.

ކާނަލް ނާޒިމްގެ މައްޗަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފުރޮޅާލުމަށްފަހު "ކުރުމަގަކުން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި" ކަމުގެ ތުހުމަތު ސަރުކާރުގެ އިސްބޭފުޅުން ކުރައްވާފައި ވެއެވެ.

އެގޮތުން މިހާރުގެ ނައިބު ރައީސް އަދީބް މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި "ކާނަލް ނާޒިމް މަސައްކަތް ކުރެއްވީ ލަންކާގެ ރައީސް ސިރިސޭނާ ފަދައިން ފަހުވަގުތު ވެރިކަމަށް ވަޑައިގަތުމަށް" ކަމަށް ތުހުމަތުކޮށް އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ސަރުކާރުގެ އިސްބޭފުޅުން ކާނަލް ނާޒިމަށް ކިތަންމެ ވަރަކަށް ފާޑުވިދާޅުވި ނަމަވެސް އެބޭފުޅުންނަށް އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކާއި ބެހޭގޮތުން އެއްވެސް ވާހަަކައެއް ދައްކަވާކަށް ކެރިވަޑައެއް ނުގަންނަވައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅޭ ވެރިރަށް މާލެ ފެނަށް ޖެހުނު ކާރިސާގައި މިނިސްޓަރ ނާޒިމްގެ ފަރާތުން ފެނުނު ލީޑާޝިޕަށް ފަހު އެމަނިކުފާނަށް ރައްޔިތުންގެ ހިތްތަކުން ލިބިގެން ދިޔަ ޖާގައަކީ ސަރުކާރުގެ އިސްވެރިން ކުޅެލާ ޑްރާމާއަކުން އަތުލެވޭނެ ޖާގައެއް ނޫންކަން ސަރުކާރުގެ އިސްވެރިންނަށް، ވަކިން ޚާއްސަގޮތެއްގައި މިހާރުގެ ނައިބު ރައީސް އަދީބަށް ވެސް އެނގިލައްވާނެ ކަން ކަށަވަރެވެ.

އެދުވަހު ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލަން އެދުވަހު ކާނަލް ނާޒިމް ބޭނުންފުޅުވި ނަމަ އެއީ ކިހާ ކުރުމަގެއް ތޯއެވެ؟ އެހެން ނަމަވެސް ކާނަލް ނާޒިމް މަސައްކަތްޕުޅު ކުރެއްވީ އެ ނާޒުކު ދަނޑިވަޅުގައި ވެސް ވަރަށް ޙިކްމަތްތެރިކަމާއި އެކުގައެވެ.
MALE_2234194g
ޖަލުގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ކާނަލް ނާޒިމަށް ދިނުމުން ގިނަބަޔަކު ހީކުރީ، ދެން އެބޭފުޅާ އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ. އެއީ މީގެ ކުރިން ޖަލުގައި ތިއްބަވަނިކޮށް އެގޮތަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ބައެއް މީހުން ފިލައިގެން ގޮސްފައިވާތީ ކަމަށް ވެދާނެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި ބައެއް ބޭފުޅުން ޖަލު ހުކުމެއް އަތުވެދާނެތީ ބިރުން ޤައުމުން ބޭރަށް ފިއްލަވާވަޑައިގެން ދިޔަ ނަމަވެސް، ކާނަލް ނާޒިމް އިޚްތިޔާރު ކުރެއްވީ، ބޭއިންސާފުން އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރެވުނު ނަމަވެސް، އެނބުރި ޖަލަށް ވަޑައިގަތުމަށެވެ. އެގޮތުން ބޭސްފަރުވާއަށް ދިއުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު ހަމަވުމާއި އެކު އެނބުރި ރާއްޖެ ވަޑައިގަތީ، އެމަނިކުފާނަކީ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގެ ފަހަތުގައި ހުރި، ބާޣީ ލުތުފީ ފަދައިން ފިލައިގެންދާނެ ފިނޑި ބޭފުޅެއް ނޫންކަން ސާބިތުކޮށްދިނުމަށް ފަހުއެވެ.

ރާއްޖެއިން ބޭރު ޤައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ހުރުމުގެ ފުރުސަތު ކާނަލް ނާޒިމަށް ވެސް އޮތެވެ. އެހެން ނަމަވެސް އެހުރިހާ ފުރުސަތެއް އޮތްވައި އެމަނިކުފާނު އެނބުރި ޖަލަށް ވަޑައިގަތުން ވެގެން ދިޔައީ ސަރުކާރުގެ އިސްބޭފުޅުންނަށް ލިބުނު ހައިރާން ކަމަކަށެވެ.

ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި 205 ދުވަސް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް އެމަނިކުފާނުގެ މޫނުފުޅުމަތިން ފެންނަމުން ދަނީ ހިނިތުންވުމެކެވެ. އިންސާފު ލިބިވަޑައިގަންނަވާނެ ކަމާއި މެދު އަދިވެސް ޝައްކެއް ނުކުރައްވައެވެ. ސަރުކާރުން ހުށަހެޅި އެއްވެސް "ޑީލަކަށް" އެއްބަސްވެވަޑައެއް ނުގަންނަވައެވެ. ސާބިތުކަމާއި އެކު ކާނަލް ނާޒިމް ހިނިތުންވެވަޑައިގެން ހުންނަވާ ކޮންމެ ދުވަހަކީ ރައީސް އަބްދުﷲ ޔާމީން އާއި ނައިބު ރައީސް އަދީބަށް އުނދަގޫ ދުވަހެކެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ކާނަލް ނާޒިމްގެ އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ނާޒިމް އަދިވެސް ހުންނެވީ އިންސާފު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަމާއި އެކުގައެވެ. ކޯޓުތަކުން ކޮންމެ ގޮތަކަށް ޢަމަލު ކުރެއްވި ނަމަވެސް ޤާނޫނާއި ޚިލާފު އެއްވެސް "ޑީލަކަށް" ނުވަތަ ކަމެއް ކުރައްވައިގެން ސަލާމަތްވުމަށް މަސައްކަތް ކުރައްވާކަށް އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ.

ކާނަލް ނާޒިމަކީ ދިވެހިރާއްޖޭގައި އުފެދުުނު ހިތްވަރުގަދަ ޝަޙްސިއްޔަތެއްކަން އެމަނިކުފާނު އެގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ކާނަލްގެ ލަޤަބު އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ކީއްވެގެން ކަން އެދަނީ ސާބިތު ކަމާއި އެކު ދައްކަވަމުންނެވެ. ކާނަލް ނާޒިމް ފަދަ ބޭފުޅުންނަކީ އެއް ދުވަހުން، ދެ ދުވަހުން ގައުމަކަށް އުފެއްދޭނެ ފަދަ ލީޑަރުންނެއް ނޫނެވެ. ކާނަލް ނާޒިމަކީ މިގައުމަށް ދިމާވި ކޮންމެ ހާދިސާއެއްގައި ކެރިގެން ނިކުމެ ވަޑައިގެންނެވި ގައުމީ ބަޠަލެކެވެ.

ކިތަންމެ ތުހުމަތެއް ކާނަލް ނާޒިމަށް ކުރެއްވި ނަމަވެސް، ދިވެހި އެންމެހާ ރައްޔިތުން ގަބޫލް ކުރާނެ އެއް ހަގީގަތަކީ އެމަނިކުފާނަކީ ފިސްތޯލައެއް، ނިދާ އެނދުގައި އޮންނަ ބާލީހުގެ ދަށަށް ލައްވައިގެން ނިދި ކުރައްވާނެ ބޭފުޅެއް ނޫންކަމެވެ. އެއަށް ވުރެ ސާބިތުކަންމަތީ ހުރި "ގައުމީ ބަޠަލެއް" ކަމެވެ.