Last Updated: April 26, 23:59
Friday, April 26, 2024
ސިޔާސީ

ޕީޕީއެމް މަހާސިންތާ ނިމިގެން ދިޔައީ ރައީސް ޔާމީންގެ “ސޯޓް ބޭލިގެން” : ރޮޒެއިނާ

ރައީސް ޔާމީންގެ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީޕީއެމުން ކެމްޕޭން ލީޑަަރުން ތަމްރީނު ކުރަން ބޭއްވި މަހާސިންތާ ނިމިގެން ދިޔައީ ރައީސް ޔާމީންގެ “ސޯޓް ބޭލިގެން” ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ވިދާޅުވީ، ރައީސް ޔާމީންގެ “ސޯޓް ބޭލިގެން” ދިޔައީ ޕީޕީއެމުން ބޭއްވި މަހާސިންތާގައި ތިމަން މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީ ސްޕްރީމުން ކޯޓުން ކުރި ހުކުމެއް މެދުވެރިކޮށް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ ކަމަށެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް ނަޝީދާއީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަދަ ބޭފުޅުން ޖަލުގެ ކުޑަގޮޅި އަށް ލައްވައިގެން އުޅުއްވަނީ ވެރިކަމާ ހެދި މޮޔަވެގެންނެވެ.

ރައްޔިތުންގެ މަޖިލީސް 24 ގަޑި އިރު “ރިލޯޑް" ކުރުމުގައި އޮންނައިރު ފަނޑިޔާރުގެތައް ވަނީ “ފިލްމީ ކަންތައްތަކާއި އެހެން ކަންކަމުގައި ބިޒީވެފައި” ކަމަށާއި އޮޑިޓަ ޖެނެރަލް "ނިދާފައި" ހުންނަވާ އިރު ޕީޖީގެ ވާހަކަ އިންސާނުން ތިބި ތަނެއްގައި ދެއްކުން ރަގަޅު ނުވާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ރޮޒެއިނާ ވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައި، މިހާ ހިސާބަށް ކަންތައް ދިޔުމުން ހުރިހާ ރައްޔިތުން ނިކުމެ ސަރުކާރު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް ހުކުރު ދުވަހު އެމްޑީޕީއިން ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.