Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

ހިރާ ސްކޫލްގެ ފީ ބޮޑު ކުރަން ނިންމުމުން ދަރިވަރެއްގެ ކަންބޮޑުވުން!

ހިރާ ސްކޫލްގެ ދަރިވަރުންތަކެއް. އައްޑޫލައިވް ފޮޓޯ : ސަފާ

އައްޑޫ ސިޓީގައި އަމިއްލަ ފަރާތަކުން ހިންގާ ސްކޫލެއް ކަމުގައިވާ ހިރާ ސްކޫލުގެ ދަރިވަރުންގެ އަތުން ނަގަމުން އަންނަ ފީ 2016 ވަނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމާފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ދަރިވަރަކު އޭނާގެ މަންމަގެ ނަމުގައި ސްކޫލްގެ ޕްރިންސިޕަލަށް ސިޓީއެއް ފޮނުވައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިރާ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުންދާ ދަރިވަރަކު އިނގިރޭސި ބަހުން އެ ސިޓީ ލިޔެފައިވަނީ އޭނާގެ ބެލެނިވެރިޔާގެ ނަމުގައި އަމިއްލަ އަށެވެ. އަދި އޭނާ އެ ސިޓީ ލިޔެފައިވަނީ ގޭގެ ކޮމްޕިއުޓަރުން އަމިއްލަ އަށެވެ. އަދި ބެލެނިވެރިޔާއަށް އެކަން އެނގިފައިވަނީ ކޮމްޕިއުޓަރުން ކުރަނީ ކޮން ކަމެއްތޯ ބެލުމުންނެވެ.

ދަރިވަރު އަމިއްލަ އަށް ލިޔެފައިވާ ސިޓީގައި ސްކޫލުގެ ފީ ބޮޑުކުރަން ނިންމާފައިވާ ކަން ސެޕްޓެމްބަރ 6 ވަނަ ދުވަހު އެނގުނު ފަހުން އެކަމާއި ކަންބޮޑުވެ ނުނިދޭ ކަމަށާއި، ހިރާ ސްކޫލުގައި ގްރޭޑް 10 އާއި ހަމައަށް ތައުލީމް ހާސިލް ކުރުމަށް ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ނުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

ހިރާ ސްކޫލްގެ ޕްރިންސިޕަލަށް ސިޓީ ލިޔުނު ކުއްޖާގެ އާއިލާގައި އޭނާގެ އިތުރުން އެހެން ކުއްޖަކު ވެސް ހިރާ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ގެންދެއެވެ.

ދަރިވަރު އަމިއްލައަށް ލިޔެފައިވާ ސިޓީގައި ބުނެފައިވަނީ، އެ އާއިލާއިން ވަޒީފާއެއް އަދާކުރަމުން ދަނީ އޭނާގެ ބައްޕަ އެކަނި ކަމަށާއި އެހެން ކަމުން އާއިލާގެ ކަންތައް ހަމަޖެއްސުމަށް އެކަށީގެންވާ އަދަދަކަށް ފައިސާ ނުލިބޭ ކަމަށެވެ.

" އަހަރެން (ނަން އުނިކުރެވިފައި) އާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވަރަށް ދެރެވޭ. އަންނަ އަހަރު ދާންޖެހޭނީ ޝަރަފުއްދީން ސްކޫލަށް ކަމަށް ބުނުމުން ނުދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައި" ދަރިވަރު އަމިއްލައަށް އޭނާގެ ބެލެނިވެރިޔާގެ ނަމުގައި ލިޔުނު ސިޓީގައި ވެއެވެ.

"ހިރާ ސްކޫލްގެ ފީތައް ދަށް ކުރައްވާ، އެހެން ނޫންނަމަ ވަރަށް ގިނަ ކުދިން ޖެހޭނީ އާ ސްކޫލަކަށް ދާން" ސިޓީ ނިންމާލަމުން ލިޔެފައިވެއެވެ.

ދަރިވަރު އަމިއްލައަށް ލިޔުނު މި ސިޓީ، މިހާރު ވަނީ ހިރާ ސްކޫލްގެ ޕްރިންސިޕަލަށް އަރުވާފައެވެ. މި ސިޓީ އާއި އެކު ދަރިވަރު ވަނީ އޭނާ ހިރާ ސްކޫލް ޚިޔާރު ކުރަން ނިންމި ސަބަބުތައް ހިމަނައިގެން ކާޑެއް ވެސް ތައްޔާރުކޮށްފައެވެ.

އެ ކާޑުގައި ތަފާތު 10 ކަމެއް ފާހަގަކޮށްފައިވާއިރު ސްކޫލްގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތާއި ޓީޗަރުންގެ ހިތްހެޔޮކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ސްކޫލްގެ ފަރާތުން ހުރިހާ ކަމެއް ހަމަހަމަކޮށް ކުރާ ކަމަށާއި ދުވަހަކު ވެސް ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ދީފައި ނުވުމަކީ އޭނާ ސްކޫލާއި ގަޔާވާ ސަބަބެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ހިރާ ސްކޫލްގެ ކްލާސްތައް ހިތްފަސޭހަ ވެފައި އިސްލާމީ ސްކޫލަކަށް ވުމުގެ އިތުރުން ދަރިވަރުންނަށް ވަރަށް މަޑުމައިތިރިކަމާޢި އެކު އުނގަންނައިދޭ ރައްކާތެރި މާހައުލެއް ސްކޫލްގައި ޤާއިމްކޮށްފައި ވާ ކަން ވެސް އިނގިރޭސި ބަހުން ލިޔެފައިވާ ކާޑުގައި ފާހަގަކޮށްފައިވެއެވެ.

ހިރާ ސްކޫލް ހިންގާ ހިރާ ފައުންޑޭޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ ޝެއިޚް މުޙައްމަދު އަނީލް ވިދާޅުވި ގޮތުގައި، ސްކޫލްގެ ފީ ބޮޑުކުރުމުން ބައެއް ދަރިވަރުންނަށް ސްކޫލް ދޫކޮށްލަން ޖެހިދާނެތީ، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" އަޅުގަނޑުމެން މިދަނީ ހެޔޮއެދޭ ފަރާތްތަކާއި ވާހަކަ ދައްކަމުން ފީ ބޮޑުކުރުމުން ދަތިވެދާނެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެއްސުމަށް " ޝެއިޚް އަނީލް ވިދާޅުވިއެވެ.

ޝެއިޚް އަނީލް ވިދާޅުވި ގޮތުގައި ފީ ބޮޑުކުރަން ނިންމާފައިވަނީ މިހާރު ސްކޫލަށް ފީގެ ގޮތުގައި ލިބޭ އަދަދަށް ވުރެ ސްކޫލް ހިންގުމަށްދާ ޚަރަދު ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

މަހެއްގެ މައްޗަށް ފީގެ ގޮތުގައި އެ ސްކޫލަށް -/131،250 ރުފިޔާ ލިބޭ އިރު ސަރުކާރުގެ ފަރާތުން ޕްރީ ސްކޫލަށް ދޭ އެހީގެ ގޮތުގައި -/64265 ރުފިޔާ ލިބެއެވެ. އެހެން ކަމުން މަހެއްގެ މައްޗަށް ސްކޫލަށް ލިބެނީ -/195،515 ރުފިޔާއެވެ. އަނީލް ވިދާޅުވި ގޮތުގައި އެ އަދަދަށް ފައިސާ ލިބެނީ ވެސް ހުރިހާ ކުދިން ޤަވާއިދުން ފީ ދައްކާނަމަ ކަމަށެވެ.

ހިރާ ސްކޫލްގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި -/220،000 ރުފިޔާ ޚާރަދުވާ އިރު ކަރަންޓަށް -/30،000 ރުފިޔާ (އެވްރެޖް ގޮތެއްގައި) ޚަރަދު ވާކަމަށް އަނީލް ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލް ބޭނުމަށް ކުއްޔަށް ހިފާފައިވާ ގުދަންތަކަށް ދައްކާ ކުުއްޔަށް ވެސް ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ ކަން ވެސް އަނީލް ވަނީ ފާހަގަކޮށްފައެވެ.

ޝެއިޚް އަނީލް ވިދާޅުވި ގޮތުގައި، މިހާތަނަށް ސްކޫލް ހިންގުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ހަމައެކަނި ފަރާތަކީ ހިރާ ފައުންޑޭޝަންގެ ރައީސް އާދަމް އިބްރާހިމް ކަމަށެވެ. އެބޭފުޅާ މަހެއްގެ މައްޗަށް އެބޭފުޅާގެ އަމިއްލަ ޖީބުން މަދުވެގެން 1 ލައްކަ އެއްހާ ރުފިޔާ ޚަރަދު ކުރަމުން ގެންދަވާ ކަމަށެވެ.

" ސްކޫލްގެ މެނޭޖްމެންޓަށް މަޖުބޫރުވެގެން ފީ ބޮޑުކުރަން ނިންމީ. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ޚަރަދު ކުޑަކުރުމަށް ތައުލީމީ ފެންވަރު ދަށް ކުރުމަށް ފަހު އާދައިގެ ސްކޫލެއްގެ ގޮތުގައި ކުރިއަށް ގެންދިއުން. އެހެން އެކަން ކުރުމަށް ބޭނުން ނުވާތީ އަޅުގަނޑުމެން ފީ ބޮޑުކުރަން ނިންމީ."

ހިރާ ސްކޫލްގައި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ އަތުން މިހާރު ފީގެ ގޮތުގައި ނަގަމުން ދަނީ -/500 ރުފިޔާއެވެ. 2016 ވަނަ އަހަރުން ފެށިގެން ހިރާ ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ފީ -/1600 އަށް ބޮޑު ކުރި ނަމަވެސް މިހާރު ސްކޫލްގައި ކިޔަވަމުން ގެންދާ ދަރިވަރުންގެ އަތުން ނަގާނީ-/1250 ރުފިޔާ ކަމަށް ހިރާ ސްކޫލުން މައުލޫމާތު ދެއްވައެވެ.