Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ހައި ކޯޓުގެ ހުކުމާއި އެކު ބެންކު ތަކުން ރައްޔިތުންގެ ފައިސާ ހިފެހެއްޓުން ނިމުމަކަށް !

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް

ބޭންކުތަކުގައި ކަސްޓަމަރުން ހުޅުވާފައިވާ އެކައުންޓަކުން ފައިސާ ނަގަން އެދިއްޖެ ނަމަ އެ ފައިސާ ދޭންޖެހޭނެ ކަމަށާއި ކަސްޓަމަރު ނަގަން އެދޭ ފައިސާގެ ބާވަތް ބަދަލުކުރުމާއި ލިމިޓްކުރުމުގެ ބާރު ބޭންކަށް ނޯންނާނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ޅ. ޖުވެނައިލްގެ މައްޗަށް ދައުވާކޮށްފައިވާ އިސްތިއުނާފު މައްސަލައިގެ ހުކުމްގަ އެވެ.

ނައިފަރު ޖުވެނައިލް ޖަމްއިއްޔާއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކުން ޑޮލަރު ނަގަން އެ ޖަމިއްޔާ އިން ބޭންކަށް ދިއުމުން ޑޮލަރުން ފައިސާ ދޫކުރަން ބޭންކުން އިންކާރުކުރި މައްސަލަ ނައިފަރު ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އެ ޖަމްއިއްޔާއިން ބޭނުންވާ މިންވަރަށް ޑޮލަރުން ފައިސާ ދޭން ބޭންކަށް ޖެހޭނެ ކަމަށެވެ.

ނައިފަރު ކޯޓުގެ އެ ނިންމުން ބީއެމްއެލުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި ވާ ގޮތުގައި، ކަސްޓަމަރަކު އޭނާގެ އެކައުންޓަކުން ފައިސާ ނަގަން ހުށަހަޅައިފި ނަމަ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ކަސްޓަމަރަކު އެދޭ މިންވަރަށް ފައިސާ ދިނުމަކީ ބޭންކަށް ލާޒިމްވާނެ ކަމެއް ކަމަށެވެ. އަދި ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާތައް ވިޔަފާރީގެ ބޭނުމަށް ބޭންކުން ބޭނުންކުރަން ގާނޫނު ހުއްދަ ކުރުމަކީ ކަސްޓަމަރު އެ ފައިސާ ހޯދަން އެދޭ ހާލަތުގައި ފައިސާ ނުދީ ހިފެހެއްޓޭނެ ސަބަބެއް ނޫން ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

"ކަސްޓަމަރު އިންކާރުކުރާ ހާލަތުގައި ވެސް ބޭނުން ކޮންމެ ފައިސާއަކަށް ބަދަލުކޮށްދިނުމުގެ އިހްތިޔާރު ބޭންކަށް ދެވިފައިވާ ނަމަ އެއީ އެކައުންޓް ހުޅުވި ފަރާތުން ބޭނުންނުވާ ފައިސާ ދޫކުރުމުގެ ބާރު އެކައުންޓުގެ ވެރި ފަރާތުގެ ނުގަބޫލުގައި ބޭންކަށް ލިބި ދިނުން ކަމަށް ގަބޫލުކުރެވޭ ކަމާއި، އެކަމަކީ ވަކި ފައިސާއަކުން މުއާމަލާތް ކުރުމުގެ މަގްސަދުގައި އެ ފައިސާއިން އެކައުންޓް ހުޅުވާފައިވާ ކަސްޓަމަރުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކުރެވޭ ކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. " ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ނައިފަރު ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށްފައި ވަނީ ހައި ކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެ މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައި ކޯޓުން އިއްވި ހުކުމާއި އެކު، ކަސްޓަމަރު އެދޭ މިންވަރަށް ފައިސާ ދޫކުރަން ބޭންކަށް ލާޒިމް ވުމުގެ އިތުރުން ކަސްޓަމަރުގެ ނުރުހުމުގައި އޭނާގެ އެކައުންޓުގައި ހުރި ފައިސާގެ ބާވަތް ބަދަލުކުރުމުގެ ބާރު ބޭންކަށް ނޯންނާނެއެވެ. އަދި މީގެ އިތުރުން ބޭންކުގައި ހުންނަ ފައިސާ ނުދީ ހިފެހެއްޓޭނީ ގާނޫނުގައި ބުނާ ހާލަތްތަކުގައި އެކަންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުން މިގޮތަށް ކަނޑައަޅާފައިވާއިރު އެކައުންޓްތަކުން ބޭރު ފައިސާ ދޫކުރުމުގައި ރާއްޖޭގެ އިތުރުން ބޭރުގެ އެހެން ޤައުމުތަކުގައި ވެސް ލިމިޓްތަކެއް ގެންގުޅޭ ކަން ފާހަގަކޮށްލެވެއެވެ.