Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މާލެއަށް ވުރެ 85 ރުފިޔާ ބޮޑުކޮށް އެސްޓިއޯއިން އައްޑޫއަށް ގޭސް ވިއްކަން ފަށައިފި!

ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓިއޯއިން މާލެ އަށް ވިއްކާ ކައްކާ ގޭހަށް ވުރެ 85 ފަސް ރުފިޔާ ބޮޑު ކޮށް އައްޑޫއަށް ގޭސް ވިއްކަން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި އައްޑޫއަށް ގޭސް އެތެރެކުރުމަށް ފަހު 10 ކިލޯގެ ގޭސް ފުޅިއެއް އައްޑޫއަށް ވިއްކަން ފަށާފައިވަނީ 310ރުފިޔާއަށެވެ. މާލެއަށް އޭގެ ފުޅިއެއް އެސްޓިއޯއިން ވިއްކަނީ 225 ރުފިޔާއަށެވެ.

އެސްޓިއޯއިން ބުނީ 310 ރުފިޔާގެ އަގަށް ގޭސް ވިއްކަން ފެށީ މާކެޓް ދިރާސާ ކުރުމަށްފަހު މިހާރު އައްޑޫން ގޭސް ފުޅިއެއް އެންމެ އަގުހެޔޮކޮށް ލިބެނީ 315 ރުފިޔާއަށް ވެފައި އެއްވުރެ ހެޔޮކޮށް ވިއްކުމަށް ކަމަށެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ގޭސް ވިއްކާ ހިތަދޫ ވިޔަފާރިވެރިއަކު ބުނީ އެސްޓިއޯއިން އައްޑޫއަށް ގޭސް ގެނެސް މިހާރު ވިއްކާ އަގުން އެފަރާތްތަކަށް ދެން ގޭސް ނުވިއްކޭނެ ކަމަށެވެ.

އަދި އެފަރާތްތަކުން ބޮޑެތި ހަރަދުކޮށް ގޭސް ފުޅިތައް ގަނެފައިވަނިކޮށް މޯލްޑިވް ގޭސް އިން މިފަދަ ގޮތަކަށް އެސްޓިއޯ މެދުވެރިކޮށް ވިއްކަން ފެށުމުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ހިދްމަތް ފޯރުކޮށް މިދެނީ 750 ރުފިޔާއަށް ގޭސް ފުޅި މޯލްޑިވް ގޭސް އަތުން ގަނެގެން، ރީ ފިއުލް ކޮށްގެން، ސަރުކާރުގެ ބޮޑު ކުންފުންޏަކުން މިހިދްމަތް އަޅުގަނޑުމެންނަށް ވުރެ 5 ރުފިޔާ ހެޔޮކޮށް ވިއްކުމުން ރައްޔިތުންނަށް ދެވުނީ ކޮން ލުޔެއް، އަނެއް ކޮޅުން މި ހިދްމަތް ދެމުން ދިޔައީ އަހަރެމެން، އަހަރެމެން ދެން ޖެހޭނީ މިކަން ހުއްޓާލަން"

ވިޔަފާރިވެރިއާ ބުނީ އެސްޓިއޯ އާއި މޯލްޑިވް ގޭސްއިން އެމީހުން 750 ރުފިޔާއަށް ގަނެފައި ހުރި ގޭސް ފުޅިތައް 300 ރުފިޔާގެ އަގަށް ވިއްކަން އެދުނު ކަމަށެވެ.

"އެސްޓިއޯއިން ފުރަތަމަ އުޅުނީ ގޭސް ފުޅިތައް 300 އެއްހާ ރުފިޔާއަށް ގަންނަން. ހަގީގަތުގައި މީ ވަރަށް ބޮޑު ލަޑެއް މިދިނީ މޯލްޑިވް ގޭސްއިން"

އެސްޓިއޯއިން އައްޑޫއަށް ގޭސް އެތެރެކުރުމާއި ގުޅިގެން އާއްމުން އުއްމީދު ކުރަމުން ދިޔައީ އަގޮހެޔޮކޮށް ގޭސް ލިބޭނެ ކަމަށެވެ. ނަމަވެސް އައްޑޫން މިހާރު ލިބެން ހުރި އަގަށް ވުރެ 5 ރުފިޔާ އަގުހެޔޮކޮށް ވިއްކާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އާއްމު ރައްޔިތަކު ބުނީ އެސްޓިއޯއިން ހިދްމަތް އަގުހެޔޮ ކޮށް ފޯރުކޮށްދެނީ މާލެދިރި އުޅޭ މީހުންނަށް އެކަނި ކަމަށެވެ. އަދި އެސްޓިއޯ އަކީ އަބަދުވެސް އަގުގެ ބޮޑު ތަފާތެއް ގެންގުޅޭ ކުންފުންޏެއް ކަމަށެވެ.

ރިއާސީ އިންތުހާބްގެ ދުވަސްވަރު އައްޑޫއަށް އަގުހެޔޮކޮށް ކައްކާ ގޭސް ގެނެސް ވިއްކާނެ ކަމަށް މިހާރުގެ ސަރުކާރުން ވަނީ ތަފާތު ބައްދަލުވުންތަކުގައި ވައުދުވެފައެވެ.