Last Updated: April 27, 10:10
Saturday, April 27, 2024
ރިޕޯޓް

ރައީސް ޔާމީންގެ "އައިޓީ ޕާކް" ވަޢުދު ނުފުއްދި 700 ދުވަސް ވަނީ!

ދިވެހިރާއްޖޭގެ ރައީސް ކަމަށް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަޑައިގެންފައިވަނީ އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ވަޢުދުތަކެއް ވެވަޑައިގެންނެވުމަށް ފަހުގައެވެ. އޭގެ ތެރެއިން އައްޑޫގެ ޒުވާނުންގެ މެދުގައި އެންމެ މަޤުބޫލު ކަމެއް ލިބިގެންދިޔައީ އައިޓީ ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވަޢުދެވެ.

ރައީސް ޔާމީން އެވަޢުދު ވެވަޑައިގެންނެވި ފަހުން 692 ދުވަސް ވެފައިވާއިރު، އަދިވެސް އައިޓީ ޕާކެއް ޤާއިމްކުރުމާއި ބެހޭ ގޮތުން އެއްވެސް މަސައްކަތެއް އައްޑޫ ސިޓީގައި ކުރެވިފަައެއް ނުވެއެވެ. އައްޑޫގައި ޤާއިމްކުރާ އައިޓީ ޕާކާއި ބެހޭގޮތުން މައުލޫމާތު އެނގޭ ޕީޕީއެމްގެ މަޖިލިސްް މެންބަރެއް އަދި އެކްޓިވިސްޓެއް ވެސް ނެތް އިރު އެކަމާއި ބެހޭ މަޢުލޫމާތު އެނގޭ ދަޢުލަތުގެ އިދާރާއެއް ވެސް ނެތެވެ.

"އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން އައިޓީ ޕާކް ކަންތައް ކޮބާތޯ ބަލަން. މެންބަރުން މިބުނަނީ އެބަ ބަލަމޭ. އަޅެ ފަހެ އެމީހުން ބިރުން ރައީސް ކުރެން އަހަން ނުކެރެނީ ހެން ހީވަނީ" ފޭދޫގެ ޒުވާނަކު ބުންޏެވެ.

2013 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހު ހިތަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމަށް ޒުވާނުންނަށް ހާއްސަކޮށްގެން އައްޑޫގައި އައިޓީ ޕާކެއް ތަރައްޤީ ކުރައްވާނެކަމަށެވެ. އަދި އެކަމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމުގައި ވެސް އޭރު ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

" މިއީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެއް. އައިޓީގެ މަސައްކަތް ކުރުމަށް ސޮފްޓްވެއާ ތައްޔާރު ކުރުމަށް. އެއީ މިހާރު ވެސް އަމިއްލަ ފަރުދުން ވެސް ރިސޯޓްތަކަށް ބޭނުންވާ ސޮފްޓްވެއާ އެބަ ތައްޔާރު ކުރޭ. އޭގެ ބެލެންސްޝީޓްގެ ހުންނަ މައުލޫމާތުތައް ދަސްކުރުމާއި އިންވެންޓްރީގަ މުދާ ހުސްވަމުންދާ މިންވަރު ދެނެގަތުމާ އާވެ ނުވަތަ ބާވެ ގިނަ ދުވަސްވަމުންދާ ފަސޭހަކަމާ އެކީގަ ލެޕްޓޮޕްގެ ސްކްރީނަކުން ފެންނާނެ ކަހަލަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމާ މިކަހަލަ ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަ ކުރައްވާ، އެހެންވީމާ މި މަސައްކަތަކީ އައިޓީ ޕާކެއް އުފައްދައިގެން އައްޑޫގައި ރަސްމީކޮށް ކުރެވިދާނެ މަސައްކަތެއް. މިއީކީ ހަރަދުތަކެއް ހިނގާނެ މަސައްކަތެއް ވެސް ނޫން " ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކީ، ހަމައެކަނި އައްޑޫގެ ރައްޔިތުންނަށް ކަންތައް ކޮށްދެއްވުމަށް ހުންނަވާ ބޭފުޅެއް ނޫނެވެ. ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތަށް ބައެއް މަޝްރޫޢުތައް ފެށުމަށް ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް "ފަސޭހަ ކަމާއި އެކު" ޤާއިމް ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އައިޓީ ޕާކްގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު ރައްޔިތުންނަށް ސާފުވާން އެބަޖެހެއެވެ.

ފަހަރެއްގައި ރައީސް ޔާމީން ހަނދުމަފުޅު ނެތުނީ ކަމުގައި ވެސް ވެދާނެއެވެ. އެހެން ނޫންނަމަ ރައީސް ޔާމީން އެވާހަކަ މިހާރު ނުދައްކަވަން ވީ ސަބަބެއް އޮވެގެން ނުވާނެއެވެ.