Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"2018ގެ އިންތިހާބް އެމްޑީޕީން ކާމިޔާބް ކުރާނީ ޔާމީން ކިހިލި ޖަހައިގެން"

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިއާސީ އިންތިހާބް އެމްޑީޕީން ކާމިޔާބް ކުރާނީ ފަސޭހަ ކަމާއި އެކު ޔާމީން ކިހިލީގައި ޖަހައިގެން ކަމަށް ކުރީގެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

"އަނިޔާވެރިކަން ނިންމަން ސީދާ ހަރަކާތަށް" ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ޑރ. ޑީޑި ވިދާޅުވީ، އެމްޑީޕީން ރައީސް ޔާމީންގެ ވެރިކަން ފަސޭހަ ކަމާއި އެކު ނިންމައި އަންނަ ރިއާސީ އިންތިހާބް ފަސޭހަ ކަމާއި އެކު ޔާމީން ކިހިލީގައި ޖަހައިގެން ކާމިޔާބް ކުރާނެ ކަމަށެވެ.

ޑީޑީ ވިދާޅުވީ އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލާގައި ނަޝީދުއަށް ކުރި ހުކުމަކީ ތާކުން ތާކު ޖެހޭ ހުކުމެެއް ނޫން ކަމަށެވެ. އަދި މުޅި ބައިނަލްއަގްވާމީ ދުނިޔެއިން އެމަނިކުފާން ދޫކޮށްލުމަށް ގޮވާލަމުން ދާ ކަމަށެވެ.

އަދި އަބްދުﷲ ގާޒީއަކީ ދިވެރި ގައުމަށް ހުރި ނުރައްކަލެއް ކަމަށާއި، އޭނާގެ ސަބަބުން އެތައް ބަޔަކު ދުނިޔެ ދޫކޮށް ގޮސްފައިވާ ކަމަށެވެ.

"އަބްދުﷲ ގާޒީއަކީ މިގައުމަށް ހުރި ނުރައްކަލެއް. އޭނާގެ ސަބަބުން އެތައް ދިވެހި ރައްޔިތުންނެއް ދުނިޔެ ދޫކޮށް ގޮސްފި. އެކަން ބެލުމަށް އޭރުގެ ޖޭއެސްސީއަކުން ، ކޯޓަކުން ނޫޅުނު، އެހެންވެ ރިއާސީ ކޮމިޝަނަށް ފެނުނީ އަބްދުﷲ ގާޒީ އެކަހެރި ކޮށްލުމަށް. އެއީ ރައީސް ނަޝީދުގެ އެކަނި ނިންމެވުމެއް ނޫން" ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ، ރައްޔިތުންގެ މަޖްލިސްގެ މެމްބަރުން ރައްޔިތުން އައްޔަން ކުރީ ހަމައެކަނި ޕީޕީއެމްގެ އިސްވެރިން ބޭނުންވާ ގޮތަށް ރައީސް ޔާމީން ބޭނުންވާ ގޮތައް ގާނޫންތައް ބަދަލު ކުރުމަށް ނޫންކަމަށެވެ.

އޭގެ ބަދަލުގައި މަޖްލިސް މެމްބަރުން ރައްޔިތުން ހޮވީ އެމީހުންގެ އަސާސީ ހައްގުތައް ހޯދައި ދިނުމަށްކަމަށެވެ.

ރޭގެ ޖަލްސާގައި ޑީޑީ ވަނީ ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް (ޝާޑް)އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝާޑް އާއި ވާދަކޮށް މަޖްލިސް އިންތިހާބްގައި ނާކާމިޔާބް ވެވަޑައިގެންނެވި ޑީޑީ ރޭ ވިދާޅުވީ އިންތިހާބްގައި ޝާޑް ހުޅުދޫގެ ރައްޔިތުންނަށްވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައި ނުވާކަމަށެވެ. އެގޮތުން އިންތިހާބްވާތާ 3 މަސް ދުވަހުގެ ތެރޭގައި ހަދަން ބުނި މަގުތައް އަދިވެސް ނުހެދޭ ކަމަށާއި، ވާރޭ ފެންފޮދެއް ވެހިލާއިރަށް މަގުގައި ބޮޑެތި ފެންގަޑުތައް ހެދޭ ކަމަށެވެ.
12141785_530901140401965_3372090867637165243_n

އެހެންވެ ޝާޑް ޒިއްމާދާރު ކުރުމަށްވެސް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި، ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރު އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާގެ އިތުރުން މަރަދޫ މެމްބަރު އިބްރާހިމް ޝަރީފް އާއި، ކާނަލް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާއި އަދާލަތު ޕާޓީން ޝީދާތާ ވާހަކަފުޅު ދެއްކެވިއެވެ.

އަދި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއި އެމްޑީޕީގެ ނައިބް ޗެއާޕާސަން އަދި އިންތިވެސް ވާހަކަ ދެއްކެވިއެވެ.

ރޭގެ ޖަލްސާއަށްފަހު އެމްޑީޕީން ވަނީ ސީދާ ހަރަކާތަށް މަގުމައްޗަށް ނިކުމެފައެވެ.