Last Updated: April 26, 17:23
Friday, April 26, 2024
ރިޕޯޓް

ތަރައްޤީކުރާނެ ފައިސާ ނެތަސް ހަވާ އަރުވާނެ ފައިސާ އެބަހުރި !

ކަރަންޓުގެ މައްސަލައިގައި އައްޑޫގެ ވިޔަފާރިވެރިން މުޒާހަރާ ކުރަނީ.

ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް އައީ އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ވަޢުދުތަކެއް ވެވަޑައިގަތުމަށް ފަހުއެވެ. އައިޓީ ޕާކާއި، 100 އެނދުގެ ހޮސްޕިޓަލަކާއި، ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ވާހަކަ އާއި މިނޫންވެސް ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތައް ފެށިގެން ދާނެ ކަމުގެ ވަޢުދުތަކެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމަށް 2 އަހަރު ފުރެން ކައިރިވެފައިވާއިރު އަދިވެސް އައްޑޫގައި ފަށަން ބުނި ތަރައްޤީގެ މަޝްރޫޢުތަކެއް ނުފެށެއެވެ.

ފޭދޫގައި ބިން ހިއްކަން ބުނި ނަމަވެސް އެކަމެއް ކުރެވިފައެއް ނުވެއެވެ. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާވާހަކަ ދައްކަމުން ގެންދާތާ އެތައް ދުވެހެއް ވެއްޖެއެވެ. އެ މަޝްރޫޢުއަށް 2015 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމެނި ނަމަވެސް މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ހޮސްޕިޓަލް އަޅަން ހަމަޖައްސާފައިވާ ބިން ސާފުކުރުމެވެ. އިތުރު ކަމެއް ނުކުރެވުނެވެ. ފައިސާކޮޅު ހުސްވީއެވެ. ބަޖެޓު ހުސްވީއެވެ.

ދެން އޮތީ އައިޓީ ޕާކެއް ޤާއިމް ކުރަން ރައީސް ޔާމީން ވެވަޑައިގެންނެވި ވަޢުދެެވެ. އައިޓީ ޕާކުގެ ވާހަކަ އެނގޭ މީހަކު ހުރި ދައުލަތުގެ އިދާރާއެއް ވެސް ނޭނގެއެވެ. އިސްމެހެލާ ހެރައިގައި ރިސޯޓެއް ތަރައްޤީކުރާ ވާހަކަ ވެސް ދެކެވިއްޖެއެވެ. ހުވަފެންތަކެއް ވެސް ދައްކައިފިއެވެ. އެކަން ކުރާނެ ފައިސާއެއް ވެސް ހަމަ ނެތީއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައިގެ ވާހަކައެވެ. ކަރަންޓު މައްސަލަ ހައްލުކުރަން އައްޑޫއަށް 2 އިންޖީނެއް ގެނައީ މި ސަރުކާރުގައެވެ. ނަމަވެސް އެ އިންޖީނުތައް ބޭނުން ކުރަން ނުފެށެނީސް އަނެއްކާވެސް އަނބުރާ ގެންދިޔައީއެވެ. އައްޑޫއަށް އަނެއްކާވެސް މުޅިން އާ އިންޖީނުތަކެއް ދެތިން މަސްތެރޭގައި ފޮނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެކަމަކު އެ އިންޖީނުތައް ގަންނާނެ ފައިސާ މިހާރު ސަރުކާރުގައި ހުރި ކަމެއް ނޭނގެއެވެ.

މަރަދޫފޭދޫގެ ރައްޔިތުން ބަނދަރެއް ނެހެދިގެން އެކަމާއި ޝަކުވާ ކުރަމުން ގެންދާތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. އެކަން ހައްލުކުރާނެ ފައިސާއެއް ވެސް ދައުލަތުގައި ނެތެވެ. އައްޑޫގެ ރަށްތަކުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކޮށްދިނުމަށް ކަމެއް ކޮށްދޭނެ ވަރަށް ވުރެ މިސަރުކާރު "ފަޤީރެވެ".

ނަމަވެސް މިސަރުކާރުން ބޭނުންވާ ބައެއް ކަންތައް ކުރަން ޚަރަދުކުރާނެ ފައިސާ ހުރިކަން އެގެންދަނީ ސާބިތުކޮށްދެމުންނެވެ. މިއުޒިކް ޝޯވ ތަކާއި ހަވާ އެރުވުމަށް މިސަރުކާރުގައި ފައިސާ އެބަހުއްޓެވެ. އެކަން މިރޭ އައްޑޫ ސިޓީގައި ވެސް ފެނިގެންދާނެއެވެ.

އައްޑޫގެ ރައްޔިތުން މިރޭ ހެވި ދިއްލިފައި ގޮސް ތިބޭނީ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ހުރަސް އެޅުމަށް ފަހު ކުރިއަށް ގެންދާ ނާޗަރަންގީ ބަލަންތޯއެވެ ؟