Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ފައިދާއެއް ނެތް ގެއްލުން ހުރި ތަނަކަށް ދާނީ ކާކު ؟

އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ އިމްތިހާނަކަށެވެ. އެއްވެސް ހާލެއްގައި ހިތުހުރި ގޮތަކަށް އުޅުމަކަށް ނޫނެވެ. ދުނިޔޭގައި އިންސާނާގެ ޢަމަލުތައް ބަހައްޓަން ވީގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނާއި މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރިކުރައްވައި އަޅުގަނޑުމެންނަށް އަންގަވާފައެވެ.

ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރަން ބޭނުންވާ މީހަކަށް އޮތީ އެކަލާނގެ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ.

މިރެއަކީ ފަހުގެ ތާރީޚެއްގައި އައްޑޫގެ ރައްޔިތުންނަށް ވަރަށް ބޮޑު އިމްތިހާނެއް ކުރިމަތިވެގެންދާނެ ރެއެކެވެ. މިރޭ އައްޑޫގައި ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ވަނީ މިއުޒިކް ޝޯވ އެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މިއީ ޒުވާނުން އުފާކޮށްދިނުމުގެ ނަމުގައި ހަވާއެރުވުމާއި ދެޖިންސުގެ ޒުވާނުން ގައިގޯޅިވެގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ޝޯވއެކެވެ.

މިފަދަ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް އައްޑޫގައި ތިއްބެވި ދީނީ ޢިލްމުވެރިން ވަނީ ގޮވައިލައްވާފައެވެ. އެހެން ނަމަވެސް ޢިލްމުވެރިން އެކަން ހުއްޓުވުމަށް ގޮވާލިނަމަވެސް އައްޑޫގެ ޒުވާނުންގެ ތެރެއިން ބައެއް މީހުން ދިނީ ބީރު ކަންފަތެކެވެ. ހަޤީޤަތުގައި ޢިލްމުވެރިން ގޮވާލައިފައި ވަނީ އެމީހުންގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެއީ މިއުއްމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް އަންގަވާފައިވާ އެންގެވުމެކެވެ.

އިސްލާމްދީނުގައި މިއުޒިކް ޙަރާމްކަމަށް ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވައެވެ. އެކަމަށް ޢިލްމުވެރިން ވަނީ އެތަކެއް ދަލީލުތަކެއް ދައްކަވާފައެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ޒުވާނުން ގެންދަނީ އެފަދަ ދަލީލުތަކަށް ވެސް ގޮންޖަހަމުންނެވެ. ﷲ އެފަދަ ޒުވާނުންނަށް ހެޔޮ ވިސްނުން ދެއްވުމަކީ އަޅުގަނޑުގެ ދުޢާއެވެ.

މިރޭގެ މިއުޒިކް ޝޯވގައި ބައިވެރިވެގެން ތިމާގެ ދަރިއަކަށް ނުވަތަ އާއިލަގެ މީހަކަށް ދަސްކޮށްދެވޭނެ ރިވެތި އަޚްލާޤެއް ނޯންނާނެއެވެ. ލޯބީގެ ލަވަތައް އަޑުއަހައިގެން ދެ ޖިންސުގެ ޒުވާނުން މަސްހުނިވެގެން ތިބެ ކުރާ ފާފަތަކުގައި ބައިވެރިވާން ދިއުމަކީ އެއްވެސް ހާލެއްގައި ބުއްދިވެރިކަމެއް ނޫނެވެ. އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ މުޖްތަމަޢްގައި ހިނގާ ފާޚިޝް ޢަމަލްތައް ވީވަރަކުން ހުއްޓުވުމެވެ.

ދުނިޔެއަށް އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް ފޮނުއްވާފައިވަނީ ކަނޑައެޅިފައިވާ ވަގުތަކާއި ހަމައަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ. އެހެން ކަމުން ދުނިޔޭގައި އުޅުމަށް ދެއްވާފައިވާ ކުޑަ ވަގުތު ކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމުގެ މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެކެވެ.

މީގެ އިތުރުން މިރޭ އައްޑޫގައި، މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް 3 ޢިލްމުވެރިން ދެއްވާ ޚާއްސަ ދަރުސެއް ވެސް އެބައޮތެވެ. ހިތަދޫ މަސްޖިދުލް އިކްރާމްގެ ގޯތި ތެރޭގައި ބާއްވާ މި ދަރުސްގައި ބައިވެރިވުމަކީ ހަމަ ގައިމުވެސް އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އުފަލަކަށް ހަދަން ޖެހޭ ކަމެކެވެ. އެއީ ﷲ ތަޢާލާގެ ދީން ކުރިއެރުވުމަށް ކުރާ މަސައްކަތަކީ ނުހަނު ގިނަ ޘަވާބާއި ދަރުމަ ހުރި ކަމަކަށް ވީމައެވެ.

ފައިދާއެއް ނެތް ގެއްލުން ހުރި ކަމެއްގައި ބައިވެރިވެ ފާފަތައް އިތުރުކުރުމުގެ ބަދަލުގައި، ކޮންމެ މީހަކީ ވެސް ތިމާގެ އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރާ މީހެއް ކަމުގައި ވާން އެބަޖެހެއެވެ.