Last Updated: April 26, 23:59
Saturday, April 27, 2024
ރިޕޯޓް

މެމްބަރު ޝުޖާއުގެ ދަބަސް ފާސްކުރުމުން ގުޅީ ސީޕީ ވަޙީދަށް

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮރްޕްޓް ވާހަކައަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދައްކަމުން ގެންދާ ވާހަކައެކެވެ. މަޖިލީހުގެ މެންބަރު ކަމަށް ހޮވުމުގެ ކުރީގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވަމުން ގެންދަވާ ބަޔަކު ކުއްލިއަކަށް ބޮޑެތި ބިންތައް ބައްލަވައިގަންނަވާ ވާހަކަ އާއި އަގުބޮޑު ކާރުތައް ގަންނަ ވާހަކަ ވެސް އަޑު އިވެނީ މަދެއްކޮށެއް ނޫނެވެ.

މީގެ އިތުރުން މަޖިލިސް މެންބަރުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިއްބަވާ އިސްވެރިންނާއި ދެމެދު އޮންނަ "ޚާއްސަ" ގުޅުމުގެ ވާހަކަ އަކީ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ރާއްޖޭގެ ޤާނޫނުތައް ހެދިފައި އޮންނަ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް އައްޔަން ކުރަނީ، ނުވަތަ ރުހުން ދެނީ މަޖިލީހުންނެވެ. އެހެން ކަމުން އެމީހުންގެ މައްޗަށް މަޖިލީހުގެ މެންބަރުންގެ ނުފޫޒު އޮންނާނެ ކަމީ ހަމަ ޔަޤީންކަމެކެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އަތް ދަބަސް ފުލުހުން ފާސްކުރުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެ މެންބަރު އެންމެ ފުރަތަމަ ވެސް ގުޅި ކަމަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދަށެވެ. މެންބަރު ޝުޖާއު ބައެއް މީޑިޔާތަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި، ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދަށް ފޯނުން ގުޅައި ސުވާލު ކުރުމުން އެއީ ކީއްވެގެން ފުލުހުން ކުރި ކަމެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ފުލުހުންގެ ވާޖިބު އަދާކުރާ ކޮންމެ ފަހަރަކީ، ސީޕީ ވަޙީދަށް ގުޅަންޖެހޭ ފަހަރެއް ތޯއެވެ ؟ މަޖިލީހުގެ މެންބަރަކު ވިޔަސް ފުލުހުންގެ ވާޖިބު އަދާކުރުމުން އެކަމާއި މައްސަލަ ޖައްސަން ކަނޑައެޅިފައިވާ ވަކި ގޮތްތަކެއް ވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މެންބަރުގެ ދަބަސް ފާސްކޮށްފައިވަނީ، މީގެ ކުރިން ވެސް ހުޅުމާލެ އަށް ދާ މީހުންގެ ދަބަސް ފާސްކުރާ އުސޫލުން ކަމަށެވެ.

ފުލުހުންގެ ވާޖިބު އަދާކުރި ގޮތުން މެންބަރުގެ އިމްތިޔާޒަށް އަރައިގަނެވިފައިވާ ނަމަ، އެކަން މަޖިލީސް މެދުވެރިކޮށް ބެލުމުގެ ފުރުސަތު މެންބަރަށް އޮންނާނެ އެވެ. ނުވަތަ މަޖިލީހަށް ސީޕީ ވަޚީދު ހާޒިރުކޮށްގެން ވެސް އެ މައްސަލަ ބެލިދާނެއެވެ. ނަމަވެސް ވަގުތުން ސީޕީ ވަހީދަށް ގުޅައި. "ތިމަންނަގެ ދަބަސް ފާސްކުރީ ކީއްވެހޭ " އަހަން ޖެހޭ ހެއްޔެވެ ؟ މެންބަރާއިި ސީޕީ އާއި ދެމެދު އެކުވެރިކަމެއް އޮވެދާނެއެވެ. އެހެން ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސީޕީ އާއި މެންބަރަކީ ވެސް ޕްރޮފެޝެނަލް މީހުންނަށް ވާން އެބަޖެހެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހުއްޓުވައި ފުލުހުން ފާސްކުރެއެވެ. އެއީ މުޖްތަމަޢްގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަން މެންބަރު ޝުޖާޢު ވެސް ޤަބޫލުކުރާނެ ކަން ކަށަވަރެވެ.

ފުލުހުންގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުންގެ ދައުރު އަދާކުރުމުގައި، ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި މީހެއްގެ ތަޢައްސުބެއް ނެތި، ޢަދުލުވެރި ގޮތުގައި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރާއި އިޚްތިޔާރު ބޭނުން ކުރަން ވާނެއެވެ. އެހެން ކަމުން މެންބަރަކާއި އާންމު ރައްޔިތު މީހާ އެއްހަމައެއްގައި ފާސްކުރެވޭނެއެވެ. ވީމާ އެކަން މާބޮޑު ކޮށްލައިގެން މެންބަރު ޝުޖާޢު މެން ވާހަކަދެއްކެވުމަކީ ރައްޔިތުންގެ ކުރިމަތީގައި ވެވޭ ބޭޒާރެކެވެ.

ސީޕީ ވަޙީދު އަދި މެންބަރު ޝުޖާޢު ޖަވާބު ނުދެއްވި ނަމަވެސް ރައްޔިތުން މި ސުވާލުތައް އުފައްދާނެއެވެ.

ފުލުހުން ދަބަސް ފާސްކުރުމާއި އެކު، ސީޕީ ވަޙީދަށް ގުޅަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެބޭފުޅާގެ ދަބަސް ފާސް ކުރެވިގެން ނުވާނެ ކަމުގެ ޔަޤީންކަން ސީޕީ ވަޙީދު ދެއްވާފައި ވަނީ ހެއްޔެވެ؟ ނުވަތަ ދަބަސް ފާސްކުރުމަކީ ޤާނޫނީ ކުށެއް ހެއްޔެވެ ؟ ނައިބު ރައީސް އާއި އެހާ ގާތް ބޭފުޅަކަށް ވީމަ ދަބަސް ފާސްކުރަން ނުޖެހެނީތޯ އެވެ ؟

ރައީސް އަބްދުﷲ ޔާމީން މިހާރު ސީޕީ ވަޙީދަށް އިތުބާރު ނުކުރައްވާ ކަމަށް ވާހަކަ ދެކެވެމުން ދަނީ މިފަދަ ކަންތައް ތަކުގެ ސަބަބުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.