Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އދ. ގައި ފޮޅައިސާފުކުރާ ބަޔަކު ނިންމާ ނިންމުމަކަށް ތަބާވާން ނުޖެހޭނެ :ރިޔާޒު ރަޝީދު

އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ނިސްބަތްކޮށް އެއީ އދ. ގައި ފޮޅައި ސާފުކުރާ ގްރޫޕެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާ ކުރުމުގެ ބިލް" މަޖިލީހަށް ހުށަހަޅަމުން ރިޔާޒް ވިދާޅުވީ، އދ. ގެ ނިންމުމަކީ ފޮޅައި ސާފުކުރާ ގްރޫޕްގެ ނިންމުމެއް ކަމަށާއި ފޮޅައިސާފުކުރާ ބަޔަކު ނިންމާ ނިންމުމަކަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މަޖިލީހަށް އެ ބިލް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހައްޔަރު ކުރުމަށާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާ އެމްޑީޕީގެ ހުރިހަ މެމްބަރުން ހައްޔަރު ކުރަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ބޮއިކޮޓް ކުރަން ގޮވާލުމާއި ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލުން ހުއްޓުވުމަށް ރިޔާޒު ހުށަހެޅުއްވި ބިލްގައި އެފަދަ ކަންކަން ކުރާ ފަރާތްތައް އަދަބު ދެވޭނެ ގޮތްތަކާއި އެ އަމަލުގެ ސަބަބުން މާލީ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.

މިއަދު ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަކީ އ،ދ ގެ ޗާޓަރާ ހިލާފް ބިލެއް ކަމަށެވެ. އަދި އެ ބިލް ހުށަހަޅާފައި ވަނީ އ،ދ އާ ދޭތެރޭ ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި އަދި މިފަދަ ބިލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން ދިވެހިރާއްޖެ ދުވަހުން ދުވަހަށް ދާނީ ފަހަތަށް ކަމަށް ވެސް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.