Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

މީދޫ ފަޅުން ޝަންގްރިއްލާއަށް ވިއްކަން ވެލި ނަގަނީ!

ރާއްޖޭގެ ނިސްބަތުން އެންމެ އަގުބޮޑު އެއް ރިސޯޓް ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ ބީޗް ހެދުމަށް މީދޫ ފަޅުން ވެލި ނަގާ މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި މީދޫ މީހަކު ބުނީ 5 އަހަރު ދުވަހުގެ ބޮޑު މަޝްރޫއެއްގެ ދަށުން ޝަންގްރިއްލާގެ ބީޗް ހެދުމުގެ ކޮންޓްރެކްޓް މާލޭގެ ކޮންމެވެސް ކުންފުންޏަކުން ނަގާފައިވާ އިރު، އެކުންފުނިން ވެލި ނަގަން ނިންމާފަިއވަނީ މީދޫ ފަޅުގައި އޮންނަ "ކެޑެވާހެރަ" ކައިރިން ކަމަށެވެ. އަދި މިތަނުނުން އެތައް ފަހަރެއްގެ މަތިން ޝަންގްރިއްލާއަށް ވެލި ގެންގޮސްފައިވާ ކަމަށެވެ.

"ޝަންގްރިއްލާ އަކީ ބޮސްކާލިސް ފަދަ ބޮޑު ކުންފުންޏަކަށް ދީގެން، ބޭރު ފަޅުގައި ބޯޓް ބާއްވައިގެން ދޮންވެލި ނަގައިގެން ބީޗް ހެދޭ ފެންވަރުގެ މުއްސަދި ބައެއް، އެމީހުން މިގޮތަށް ވެލި ނެގުވުމުން މީގެ ގެއްލުން މިދަނީ ފެންނަމުން. އަނެއް ކޮޅުން، ކެޑެވާހެރަ ސަރަހައްދަކީ ހުޅުމީދޫ މީހުންގެ ގެދޮރު ބިނާ ކުރުމަށް ވެލި ނެގުމަށް ވަކި ހުއްދައެއް ދީފައިވާ ސަރަހައްދެއް، ބޮޑު ރަށެއްގެ ބީޗް ހެދުމަށް އެތަނުން ވެލިނަގަން ފަށައިފިނަމަ އެތަން އެއްކޮށް ހަލާކުވާނެ"

ޝަންގްރިއްލާގެ ބީޗް ހެދުމަށް ވެލި ބޭނުންވެގެން ކުރި އިއްލާނާއި ގުޅިގެން، މާލޭގެ ކުންފުންޏަކަށް މަސައްކަތް ހަވާލު ކޮށްފައިވާ އިރު އެކުންފުނިން ވަނީ ހުވަދޫގެ ބައެއް ސަރަހައްދުތަކުން ވެލި ގެނައުމަށް ބަލާފައެވެ. އަދި އެގޮތުން އެންމެ ހަރަދު ކުޑަ ގޮތަކީ މީދޫން ވެލި ނެގުންކަމަށް ވިސްނިގެން ކައުންސިލާއި އަދި ސަރުކާރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ވެލި ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަދި މި މައްސަލައާއި ގުޅިގެން ރަށުގެ ރައްޔިތުން ބައްދަލުވުމެއް ބޭއްވުމަށާއި، އެންވައިރަމެންޓް ޕޮރޮޓެކްޝަން އެޖެންސީ އައި މަޖިލިސްއަށް ޕެޓިޝަނެއް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާއި ދެކޮޅަށް ހަރަކާތްތެރިވަމުން އަންނަ އެހެން ޒުވާނަކު ބުނީ ޝަންގްރިއްލާ ބީޗް ހެދުމަށް ވެލިނަގާއިރު ހުޅުމީދޫ އާއި އެއްފަޅެއްގައި އޮންނަ، ހެރެތެރެ ބީޗްގެ ހާލަތު މާގޯސް ކަމަށެވެ. އަދި އަނެއް ދުވަހު އެ ރިސޯޓްގެ ބީޗް ހެދުމަށް ވެލިނަގަން ބޭނުން ވެއްޖެނަމަ އެރިސޯޓަށްވެސް ވެލި ދޭން ޖެހޭ އިރު ހުޅުމީދޫގެ ބޮޑު ބައެއް ގިރައިގެން ގޮސް ރަށުގެ ޗަސް ބިމަށް ލޮނު ވަންނަ ހިސާބަށް ހިނގައިދާނެ ކަމަށެވެ.

ޝަންގްރިއްލާގެ ބީޗް ހަދާ ކޮންމެ ފަހަރަކު މީދޫން ވެލި ގެންނަނީ ބަޔަކު އަޑީގައި ތިބެ ހަދާ "ޑީލަކުންނެވެ". އަދި އެޑީލް ތަކުން ވެލި ވިއްކާއިރު ރަށުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރެއެވެ.