Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ގްލޯބަލް ލިންކް ޗެލެންޖް ރީ ބްރޭންޑްކޮށް، އަގު ދެލައްކައަށް ބޮޑުކޮށް އަންނަ މަހު ފަށަނީ!

މުބާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތް: ފޮޓޯ: ޒުހުރި

އައްޑޫގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ "ގްލޯބަލް ލިންކްސް ޗެލެންޖް ކަޕް" މިއަހަރު ރީބްރޭންޑްކޮށް، ޗެމްޕިއަންޓީމަށް ދޭ ފައިސާގެ އިނާމް ދެ ލައްކަ ރުފިޔާއަށް ބޮޑުކޮށް އަންނަ މަހުގެ 26 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނީ މިއަހަރު ފެށިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "ޖޭ.ފުޓްބޯލް ޗެލެންޖް" ގެ ނަމުގައެވެ. އަދި މި މުބާރާތް މެދު ނުކެޑި ކޮންމެ އަހަރަކު ބޭއްވުމަށް ވަނީ ވިސްނާފައެވެ.

އަތޮޅު ތެރޭގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތުގެ ގޮތުގައި ފާހަގަ ކުރެވޭ މި މުބާރާތް ވަނީ މުޅި ރާއްޖެއަށް ހުޅުވާލާފައެވެ.

ރާއްޖޭގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް، ޖަމްޢިއްޔާ ކުންފުނިތަކަށް ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވެވޭނީ ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 5000 (ފަސްހާސް ރުފިޔާ) އާއި އެކުގައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އަންނަ މަހުގެ 1 ވަނަ ދުވަހުން ދޫކުރަން ފަށާއިރު މި ފަހަރުގެ މުބާރާތުގައި ޖާގަ ދިނުމަށް ނިންމާފައިވަނީ 10 ޓީމަށެވެ.

މުބާރާތުގެ އިންތިޒާމް ކޮމެޓީންއިން ބުނީ ރަޖިސްޓްރޭޝަންފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 ޑިސެމްބަރ 2014 ވަނަ ދުވަހުގެ ހަވީރު 5:30 އަށެވެ. މުބާރާތުގެ ޤަވާޢިދު ރަޖިސްޓްރޭޝަން ފޯމް އާއި އެކު ލިބެން ހުންނާނެކަމަށެވެ.

މި މުބާރާތުގެ ޤުރުޢަތުލުން 23 ޑިސެމްބަރ 2014 ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ވަނީ ނިންމާފައިވާ އިރު މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7775661 އަދި 7773310 ގުޅުއްވުމުން ސާފުވާނެއެވެ.

ނިމިގެން ދިޔަ ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޓީމަކީ ހިތަދޫ މަލްޓި ޖީނިއަސް ސިޓީއެވެ.