Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހެކިން ހާޒިރު ނުވެގެން ހުޅުދޫ ކޯޓު ހުޅުޖެހި މައްސަލައިގެ ޝަރީއަށް ކެންސަލް

ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް މީހުން ---- ސަން ފޮޓޯ

މިއަދު ހެނދުނު 10:00 ގައި ބާއްވަން ތާވަލް ކުރި ހުޅުދޫ ކޯޓު ހުޅުޖަހާ އަންދާލި މައްސަލާއިގެ ޝަރީއަށް ދައުލަތުން ހުޅަހަޅާފައިވާ ހެކީން ހާޒިރު ނުވުމުން ކެންސަލް ކޮށްފިއެވެ.

ފެބްރުއަރީ 8، 2012 ވަނަ ދުވަހު ހުޅުދޫ ކޯޓު އަންދާލި މައްސަލާގައި 13 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމް ދައުވާ އުފުލާފައެވެ. އެ މީހުންނަކީ ސ. ހުޅުދޫ މަދަރުސާދޮށުގޭ ވިޝާހު އަލީ އާއި އެރަށު ކުދީނާގޭ އަހްމަދު ރިޔާހު އާއި އެރަށު ކުދިމާގޭ އަބްދުﷲ ވާސިގު އާއި އެރަށު ކޮކާހަނދުވަރު އިލްޔާސް ފުއާދު އާއި އެރަށު ނާދީ މުޒުލިފް ޖައުފަރު އާއި އެރަށު ކުރިކީލަގޭ އަލީ ރުޝްދީ އާއި އެރަށު ވެލްބޭކްރެސެންޓް އަލީ މަނިކުފާނު އާއި އެރަށު ސައިފަތްމާގޭ ޝަރުހޫދު އާއި އެރަށު އައްސޭރިވިލާ އަހްމަދު ހާރޫން ހުސައިން އާއި އެރަށު ސީވޭވް އިބްރާހީމް ސަމާހު އާއި އެރަށު ސަންފްލާވާ އަހްމަދު އިފްޒާލްގެ އިތުރުން އެރަށު ކަޅުމަގިގޭ މޫސާ ޒުބައިރެވެ.

އެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ސ. ހުޅުދޫ ކޯޓު ދޮށަށްއެއްވެ، ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.