Last Updated: April 26, 15:02
Friday, April 26, 2024
ކޮލަމް

ތިބާގެ އެކުވެރިން ތިބާގެ އަނގައިގެ ދަތްތަކާ އެއްފަދައެވެ.

މިލިޔުމުގެ ސުރުޚީ ބައްލަވާފައި ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުމަކީ ވެދާނެކަމެކެވެ. ހަގީގަތުގައި މިތަޝްބީހަކީ ހަކީމަކު އޭނަގެ ކާފަދަރިންނަށް ނަސޭހަތްތެރިވުމުގެ ގޮތުން ވިދާޅުވި ބަސްތަކެކެވެ. ކާފަދަރިންނަށް އޭނަވިދާޅުވަނީ " އަޅުގަޑުގެ ހަޔާތް އަޅުގަޑަށް ދަސްކޮށްދިނީ އެކުވެރިންނަކީ އަނގައިގެ ދަތްތަކާއި އެއްފަދަ ބައެއްކަމެވެ.

އަނގައިގެ ދަތްތަކަކީ ތާއަބަދު ތިބާއާއި އެކުގައިވާ އެއްޗެކެވެ. އެދަތްތަކަކީ އަބަދުމެ ތިބާއަށް ނުހަނުބޭނުންތެރި އަދި އެހައިމެ ފައިދާކުރުވަނިވި އެއްޗެއްސެވެ. އަދި ހަމައެއާއެކު ދަތުގައި ރިއްސަންފަށައިފިނަމަ އެހައިވޭން ދެނިވި އެއްޗެކެވެ. އެހެންކަމުން ދަތްތައްބަލައި ސާފުކޮށް ގެންގުޅޭ ބިދައިން ތިބާގެ އެކުވެރިންނަށްވެސް ސަމާލުކަންދޭށެވެ.

އަދި އެކުވެރި ރަހުމަތްތެރިންނާއި ރަގަޅުގުޅުން ބޭއްވުމަކީ އެކަމުން ގިނަގުނަ ފައިދާތައް ލިބިދޭނެކަމެކެވެ. ހަމައެފަދައިން ތިބާގެ އެކުވެރިންގެ ތެރެއިން އުނދަގޫތަކާއި ތަކުލީފުތައްލިބިދޭ އެކުވެރިންގެ މިސާލަކީ ފަނިކައިފައިވާ ރިއްސާދަތްތަކެއްގެ މިސާލެވެ. އެފަދަހާލަތެއްގައި ދަތުގެ ރިއްސުން ހުއްޓުވުމަށްޓަކައި ފަރުވާހޯދުމަކީ ލާޒިމުކަމެކެވެ. ދެވޭފަރުވާތަކުގެ ތެރޭގައި އިންޖެކްޝަންޖެހުމާއި ތޮރުފައި ފުޓުނިއެޅުން އަދި އެންމެފަހުން ރިއްސާދަތް އުފުރުން ހިމެނެއެވެ.

އިޚުލާސްތެރި ރަގަޅު އެކުވެރިންގެ މިސާލަކީ ފަނިނުކައި ސަލާމަތުން ސާފުކޮށް ހުންނަދަތްތަކެވެ. ފަހެ އެދަތްތައް ފަރުވާތެރި ކަމާއެކު ގެންގުޅެ ބަލަހައްޓާށެވެ. އަދި ބިދިފައިވާ ދަތެއްގެ މިސާލަކީ ތިބާއާއި ރުޅިވެ ވަކިވެގެންގޮސްފައިވާ ރަގަޅު އިޚުލާސްތެރި ރައްހުމަތްތެރިއެއްގެ މިސާލެވެ. ދަތުން ބައެއްނެތުމުގެ އިހުސާސްވާ ފަދައިން ވަކިވެގެންދިޔަ، ހެޔޮލަފާ އިޚުލާސްތެރި ރަހުމަތްތެރިޔާގެ ހަނދާންތައް ތިބާގެ މުޅިއުމުރުގައި ތަހައްމަލް ކުރަން ޖެހޭނެއެވެ. ހެޔޮލަފާ އެކުވެރިޔާގެ ރަގަޅު ނަސޭހަތާއި، ހެޔޮދުޢާ އަދި އޭނަގެ ފަރާތުން ލިބިފައިވާ މަންފާތައް ހިތުން ފިލައިގެން ނުދާނެތެވެ."

މިވާހަކަ ކިޔާލުމަށްފަހު އަޅުގަޑުހިތަށްއެރީ ، މިވާހަކަ ކިޔުންތެރިންނާ ހިއްސާކޮށްލުމަކީ އެފަރާތްތަކަށް މަންފާތަކެއް ކުރާނެކަމެއް ކަމަށެވެ. މިވާހަކައިން ލިބިދޭ އިބުރަތްތަކުގެ ތެރޭގައި ، ހެޔޮލަފާ އިޚުލާސްތެރި އެކުވެރި ރަހުމަތްތެރިންނާ އެކު މުޢާމަލާތް ކުރާނެ އުކުޅު އެގިންގެންދެއެވެ. އަދި ހަމައެއާއިއެކު ތިމާގެ އަމިއްލައެދުން ހާސިލުކުރުމަށްޓަކައި ގާތްގުޅުން ބަހައްޓާ އިޚުލާސްތެރިނޫން ރަހުމަތްތެރިންގެ މިސާލަކީ އަނގައިގެ ފަނިކާފައިވާ ދަތްތަކުގެ މިސާލުކަން އެގިދެއެވެ. ދަތުގައި ރިއްސަންފަށާއިރު ކޮންމެވެސް މިންވަރެއް ދަތުން ހަލާކުވެފައިވާނެއެވެ. އެތަން ލޯވަޅަކަށްބަދަލުވެ ދުވަހުންދުވަހަށް ދަތުގެ ރިހުން ބޮޑުވާނެއެވެ. މިފަދަހާލަތެއްގައި ފަރުވާހޯދަން މަޖުބޫރުވެއެވެ.

އަދިއެންމެ ފަހުފަރުވާއެއްގެ ގޮތުގައި ދަތް އުފުރާލަންޖެހެއެވެ. ހެޔޮލަފާ ޞާލިހު ރަގަޅު އެކުވެރިންގެ މިސާލަކީ އަނގައިގައި ސަލާމަތުންހުރި ދަތްތަކެވެ. ހެޔޮލަފާ އިޚުލާސްތެރި ޞާލިހު ރަގަޅު އެކުވެރި ރަހުމަތްތެރިންނާއި ނުބައި ރަހުމަތްތެރިންގެ އެންމެ ފުރިހަމަ މިސާލު ޖައްސަވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނީ : قال النبي صلى الله عليه وسلم : مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ وَإِمَّا أَنْ تَبْتَاعَ مِنْهُ وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً. أخرجه البخاري ومسلم
ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ޞާލިޙު ރަގަޅު އެކުވެރިޔަކާއި ނުބައި އެކުވެރިޔެއްގެ މިޘާލަކީ ގޮމަކަސްތޫރި އުފުލާ މީހަކާއި އަލިފާން އެންދުމަށް އެއަށް ފުމޭ މީހެއްގެ މިޘާލެވެ. ގޮމަކަސްތޫރި އުފުލާ މީހާގެ ކިބައިން ތިބާއަށް އެތިކޮޅެއް ލިބިދާނެއެވެ. ނުވަތަ އޭނާގެ އަތުން އެ ގަނެވިދާނެއެވެ. ނުވަތަ އޭނާގެ ކިބައިން މީރުވަހެއް ދުވާފާނެއެވެ. އަލިފާން އެންދުމަށް ފުމޭ މީހާގެ ފަރާތުން ތިބާގެ ހެދުން ރޯވެދާނެއެވެ. ނުވަތަ އޭނާގެ ކިބައިން ދުވާނީ ނުބައިވަހެވެ." މިހަދީޡުން އެގިހާމަވަނީ ރަހުމަތްތެރިން ބެހިގެންވަނީ ދެބަޔަށްކަމަށެވެ. ފުރަތަމަބަޔަކީ ޞާލިހު ރަގަޅު ރަހުމަތްތެރިންނެވެ. އެމީހުންގެ ފަރާތުން ތިބާއަށްް ސީދަތެދުމަގު ފެނިގެންދާނެއެވެ. ހިނިތުންވުމާއި އުފާވެރިކަން ލިބިދޭނެއެވެ. ހެޔޮނަސޭހަތް އަޑުއިވޭނެތެވެ. ތިބާގެ އުފަލާއި ހިތާމައިގައި ބައިވެރިވާނެއެވެ. ތިބާގެ މައްޗަށް ހެޔޮދުއާކުރާނެތެވެ.

ދެފަރާތުގެ ގުޅުމަކީ ﷲ އަށްޓައިބޭއްވޭ ގުޅުމެއްނަމަ އެއިލާހުގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ދެވަނަބަޔަކީ ނުބައި ނުލަފާ އެކުވެރިންނެވެ. އެބައިމީހުންނަކީ ދަގަޑުފަދަ ހަރުހިތްތަކުގެ ވެރިންނެވެ. އެބައިމީހުން އަބަދުވެސް އިސްކަންދޭނީ އަމިއްލަ މަސްލަހަތަށެވެ. އެކުވެރިކަން ދަމަހައްޓާނީ ޒާތީ މަންފާއަށްޓަކައެވެ. ދަތުރުކުރަން ބޭނުންވާނީ ޝައިތާނީ މަގުންނެވެ. އެހެންކަމުންފަހެ ތިބާ ހެޔޮލަފާ ރަގަޅު އެކުވެރިން ޚިޔާރުކުރާށެވެ. ގަބޫލުކުރަމެވެ. މިއަދު ހެޔޮލަފާ އެކުވެރިންނަކީ މަދުބަޔެކެވެ. އެހެނަސް އެފަދަ އެކުވެރިޔަކު ލިބިއްޖެނަމަ އެމީހަކާއެކު ގުޅުން ދަމަހައްޓާށެވެ. އެއިރުން ދެދުނިޔޭގެ އުފަލާއި އަރާމު ﷲ މިންވަރުކުރައްވާށިއެވެ!