Last Updated: April 26, 15:02
Friday, April 26, 2024
ރިޕޯޓް

ގަން އެއާޕޯޓް ތަރައްޤީއަށް ބޭނުންވާ ފައިސާ އަދިވެސް ހަމަ ނުޖެހޭ!

ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ހޯގާޑްއަށް ދޭން ޖެހޭ ފައިސާގެ މައްސަލަ އަދިވެސް ހައްލު ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ގަމުގެ ވައިގެ ބަނދަރު ތަރައްޤީގެ މަސައްކަތް ލަސް ލަހުން ކުރިއަށްދާއިރު މިއަހަރު އޮގަސްޓް މަހުތެރޭގައި ހޯގާޑްއަށް ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ވަނީ އެވޯޑްކޮށްފައެވެ.

ނަމަވެސް އެކުންފުންޏަށް ދޭން ހަމަޖެހިފައިވާ ފައިސާ އަދިވެސް ހަމަނުޖެހޭތީ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

"އައްޑޫލައިވް"އަށް އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި، އެއާޕޯޓްސް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކޮންމެވެސް ވަރަކަށް ފައިސާ ހަމަޖެހުނު ނަމަވެސް އަދި ޕްރޮޖެކްޓްއަށް ބޭނުންވާ ފައިސާގެ ބޮޑުބައި ހަމަ ނުޖެހެއެވެ.

ފައިސާގެ ތާށިކަން ގަން އެއާޕޯޓް ތަރައްޤީގެ މަޝްރޫއުއަށް ކުރިމަތިވެފައިވުމާއި ގުޅިގެން މަސައްކަތް އަންނަ އަހަރު ސެޕްޓެމްބަރު މަހަށް އެއާޕޯޓްގެ މަސައްކަތް ނިންމާނުލެވޭނެ ކަމަށްވެސް އެގިފައިވެއެވެ.

އެސްޓިއޯ އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި ކާސާ ހޯލްޑިންގެ ހިއްސާ އޮންނަ ކުންފުނީގެ ބޯޑު އެކުލަވާލާފައި ނުވާއިރު މި ކުންފުނީގެ އޮފީސް ގާއިމް ކޮށްފައިވަނީ މާލޭގައެވެ. އަދި ވަރަށް ފަހުން އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ކަމަށް ކުރީގެ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް މެނޭޖަރ އަކަށް ހުންނެވި އިބްތިސާމާ ސައީދު ވަނީ ހަމަޖައްސާފައެވެ.

އައްޑޫ ރައްޔިތުންގެ ކުރި މަގާއި ގުޅިފައިވާ ގަން އެއާޕޯޓް ތަރައްޤީގެ މަސައްކަތަކީ ސަރުކާރުން އެއްވެސް އިސްކަމެއް ދޭ މަޝްރޫއު އެއް ނޫންކަން މަސައްކަތް ކުރިއަށްދާ ގޮތުން އެގިގެންދެއެވެ.

ރާއްޖޭގެ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ކުރަމުން އަންނަ އިރު މި މަސައްކަތާއި ގުޅޭ އަޑެއް އިވެނީ ކެމްޕެއިން ތަކަށް ރައީސް އައްޑޫއަށް ވަޑައިގެން ދެއްވާ ތަގްރީރުތަކުން އެކަނިއެވެ.