Last Updated: April 26, 23:59
Friday, April 26, 2024
ކޮލަމް

ބޭވަފާތެރި އަންހެނާގެ ނިމުން

އެއްދުވަހަކު ޢީސާ ގެފާނު ގަބުރުސްތާނެއް ކާރިން ވަޑައިގަންނަވަނިކޮށް އެކަލޭގެފާނަށް ފެނިވަޑައިގަތީ މީހަކު ގަބުރެއްގެ ކާރިގައި ރޯންއިން މަންޒަރެވެ. އެކަލޭގެފާނު އެމީހާ ކައިރިއަށް ވަޑައިގެން ރޮނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެމީހާ ދެންނެވިއެވެ. މިގަބުރުގައި ވަނީ އަހަރެންގެ ބޮޑުބޭބެގެ ދަރި އަދި އަހަރެންގެ ލޯބިވާ އަނބިމީހާ އެވެ.

އޭނާ ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން އޭނާ މިދުނިޔެ ދޫކޮށް ދިޔުމުން އެކަމުގެ ހިތާމައިގައި ރޮނީއެވެ. އިސާގެ ފާނު އެމީހާ ކާރިން އެއްސެވި އެވެ. ކަލޭ ބޭނުންނަމަ އަހަރެން ﷲގެ އިޒުނަ ފުޅާއެކު ކަލޭގެ އަނބިމީހާ އަލުން ދިރުއްވައި ދެއްވަފާނަމަވެ.

މަރުވެފައިވާ މީހުން ދިރުއްވުމުގެ މުޢުޖިޒާތް ﷲ ވަނީ ޢިސާގެ ފާނަށް ދެއްވާފައެވެ. އެމީހާ ވަރަށް ހިތް އަވަސް ވެފައި ދެންނެވިއެވެ. އާދޭހެވެ! ތިކަން ކޮށް ދެއްވާށެވެ! ދެން އިސާގެ ފާނު ގަބުރު ކާރީގައި ހުއްޓި ވަޑައިގެން ގަބުރަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. އޭ ﷲގެ އަޅާއެވެ. އެއިލާހުގެ އިޒުނަ ފުޅާއެކު ގަބުރުން ދިރިގެން ތެދުވާށެވެ!

އެހިނދު ގަބުރު ފަޅައިގެން ދިޔުމާއެކު ގަބުރުން ނިކުތީ ކަޅު ބަބުރެކެވެ. އޭނަގެ ހަށިގަޑު ހުރީ އަނދައަނދާ އެވެ. އެބަބުރަށް ޢީސާގެފާނު ފެނުމުން ވަގުތުން ބާރުއަޑުން لا اله الا الله عيسى روح الله މިކަލިމަކިޔައި އިސްލާމް ވެއްޖެއެވެ. މިކަލިމަ އޭނަގެ ދުލުން ބޭރުވުމާ އެކު އޭނަގެ ހަށިގަޑުގައި ރޯވެފައި ހުރި އަލިފާން ގަޑު ނިވިއްޖެއެވެ.

ﷲގެ އަޒާބުން އޭނަ މިންޖު ވެއްޖެއެވެ. އެހިނދު ގަބުރުކާރީގައި ރޯން އިން ޒުވާނާ ޢީސާގެ ފާނަށް ދެންނެވިއެވެ. އަޅުގަޑަށް އޮޅުން އެރީއެވެ. އަޅުގަޑުގެ ލޯބިވާ އަނބިމީހާގެ ގަބުރަކީ ދެންހުރި ގަބުރެވެ. ޢީސާގެ ފާނު އެގަބުރު ކާރިއަށް ވަޑައިގެން ކުރީ ގަބުރަށް އަމުރު ކުރެއްވިފަދައިން އެގަބުރަށްވެސް އަމުރު ކުރެއްވިއެވެ.

އެވަގުތު އެގަބުރުން ނުކުތީ ސާދަވިލޭރޭގެ ހަނދެއްފަދަ ރީތި ޒުވާން އަންހެން ކުއްޖެކެވެ. ގަބުރު ކާރީގައި ރޯންއިން ޒުވާނާ ވަގުތުން އެއަންހެން ކުއްޖާގެ އަތުގައި ހިފުމަށްފަހު ޢީސާގެ ފާނަށް ދެންނެވިއެވެ. މިއީ އަޅުގަޑުގެ އަނބިމީހާ އެވެ. އެއަށްފަހު އެދެމަފިރިން އެތަނަށް ދޫކުރައްވައި ޢީސާގެ ފާނު ކުރިއަށް ވަޑައިގަތެވެ. ޒުވާން ފިރިމީހާ އިނީ ވަރަށް އުފަލުން ނެވެ. ފިރިމީހާ ވަރުބަލި ވެފައި ހުރިވަރުން އަރާމުކުރުމުގެ ނިޔަތުގައި އިރުކޮޅަކަށް އެތަނުގައި އޮށޯވެލިތަނުން ނިދިއްޖެއެވެ.

އަނބިމީހާ އިނީ ފިރިމީހާގެ ޚިދުމަތުގައި އޭނަކާރިގައެވެ. އިރުކޮޅެއްވީތަނާ އެތަނަށް އައީ ރަސްގެފާނުންގެ ފިރިހެން ދަރިކަލުން ނެވެ. މިދަރިކަލުންނަށް ރީތި ޒުވާން އަންހެން ކުއްޖާ ފެނުމުން ވަގުތުން އެކުއްޖާ އަށް ހިތް ކިޔައިފިއެވެ.

އަދި އަންހެން ކުއްޖާގެ ހިތުގައިވެސް ޕްރިންސް އަޅައިގަތެވެ. އަދި ނިދީގައި އޮތް ފިރިހާ ދޫކޮށް އަންހެން ކުއްޖާ ޕްރިންސް އާއި އެކު އެތަނުން ހިގައްޖެއެވެ. ނިދިން ހޭލެވިގެން އަނބިމީހާ ނެތުންމުން ވަރަށް ކަންބޮޑުވެ ހާސްވިއެވެ. އަދި އެތަން މިތަން ހޯދަންފެށިއެވެ.

މިގޮތަށް ހޯދަމުން ގޮސް ރަސްގެފާނުންގެ ގަޑުވަރާ ހަމަޔަށް ދެވުނެވެ. ގަޑުވަރުކާރިން ދެ މީހުން ފެނުމުން ރަސްގެފާނުންގެ ދަރިފުޅު ކާރިގައި މިއީ ތިމަންނަގެ އަނބިމީހާއޭ ބުނުމުން އޭނަ ޖަވާބުގައި ބުނީ ކަލޭ ހަދަނީ ދޮގުކަމަށެވެ.

އަދި ބުންޏެވެ. މިއީ އަހަރެންގެ ޖާރިޔާ އެކެވެ. ކަލެއަށް ޔަގީން ނުވާނަމަ ނިކަން އޭނެ ކާރިން އަހާށެވެ. ވަގުތުން ބޭވަފާ އަނބިމީހާ ބުންޏެވެ. އަހަރެންނަކީ ޕްރިންސްގެ ޖާރިޔާއަކީމެވެ. ކަލެއަކީ އަހަރެން ދަންނަ މީހެއް ވެސް ނޫނެވެ. މިވާހަކަ އަޑު އިވުމަށްފަހު އޭނަވީ ހިތާމައެއްގެ ބޮޑުކަމުން އެތަނުން ހިގައްޖެއެވެ.

ދުވަސް ތަކަށް ފަހު ޒުވާނާއާއި ޢީސާގެފާނާއި ބައްދަލު ވިއެވެ. އެހިނދު އޭނަ އީސާގެފާނަށް ދެންނެވިއެވެ. އެދުވަހު ކަލޭގެފާނު ދިރުއްވައި ދެއްވި އަހަރެންގެ އަނިބިމީހާ އަހަރެންނަށް ބޭވަފާތެރި ވެއްޖެއެވެ. އަދި އޭނަ އަކީ އަހަރެންގެ ފިރިމީހާކަމަށް އިންކާރުކޮށް އޭނައަކީ ރަސްގެފާނުންގެ ދަރިފުޅުގެ ޖާރިޔާއެއް ކަމަށް ގަބޫލު ކޮށްފިއެވެ.

ވީމާ ކަލޭގެފާނު އަޅުގަޑުމެންގެ މިމައްސަލައިގައި ގޮތެއް ނިންމަވައި ދެއްވާށެވެ. ﷲ ގެ އަމުރުފުޅާއެކު އެކަބުލޭގެ އަލުން ދިރުއްވައި ދެއްވީ ކަލޭގެ ފާނެވެ. ޒުވާނާގެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު އީސާގެފާނު އެއަންހެނާ އެކަލޭގެފާނުންގެ އަރިއަހަށް ހާޟިރުކުރެއްވިއެވެ.

އަދި އެކަބުލޭގެއަށް ވިދާޅު ވިއެވެ. ކަބުލޭގެއަކީ އަހަރެން، ﷲ ގެ އިޒުނަފުޅާއެކު ދިރުއްވި އަންހެނާ ނޫން ހެއްޔެވެ؟ ވަގުތުން އޭކަބުލޭގެ ޖަވާބު ދިނެވެ. ނޫނެކެވެ. އަހަރެންނަކީ އެމީހެއް ނޫނީމެވެ.

އެހިނދު އީސާގެ ފާނު، އެބޭވަފާތެރި އަންހެނާގެ ފުރާނަ ހިއްޕެވުމަށް އެދި ﷲ ގެ ހަޟުރަތުގައި ދުއާ ދެންނެވިއެވެ. ވަގުތުން އަންހެނާ މަރުވެގެން ބިންމައްޗަށް ވެއްޓުނެވެ. އީސާގެ ފާނު ވިދާޅު ވިއެވެ. ކާފަރެއްގެ ގޮތުގައި މަރުވުމަށްފަހު ﷲ އޭނަ އަލުން ދިރުއްވައި އޭނައަށް އީމާން ކަމުގެ ނޫރު ދެއްވި މީހަކު ދެކެން ބޭނުންނަމަ ހަބުޝީ ކަލޭގެއަށް ބަލާށެވެ. އަދި ހަމަ އީމާންކަންމަތީ މަރުވުމަށްފަހު އަލުން ދިރުއްވައި ކާފަރެއްގެ ގޮތުގައި މަރުވި އަންހެނަކު ދެކެން ބޭނުންނަމަ މިއަންހެނާއަށް ބަލާށެވެ.

މާތް ﷲ އަޅަމެންގެ އީމާންތެރިކަން ރައްކާތެރި ކުރައްވާށި! އާމީން.