Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ފެންބޮޑުވުމުގެ ސަބަބުން ބަލިމަޑު ކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަމުގައި !

އައްޑޫލައިވް ފޮޓޯ: އަނަސް

ފާއިތުވި 24 ގަޑިއިރު އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެފައިވާއިރު، ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން އައްޑޫގެ ރައްޔިތުން ދަނީ ތަހައްމަލް ކުރަމުންނެވެ.

އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ނަރުދަމާގެ ނިޒާމުތަކަށް މައްސަލަ ޖެހި ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާ ކަން ފާހަގަކޮށްލެވެއެވެ. ފޭދޫއަށް ބަލާއިރު، ނަރުދަމާގެ ނިޒާމުގައި މައްސަލަ ޖެހި ބައެއް ގެތަކުގެ އެތެރެއަށް ވެސް ނަޖިހުގެ އަސަރުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ނަރުދަމާގެ ނިޒާމަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ނަޖިސް ބޭރުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ސާވިސް ޔުނިޓުގެ ފަރާތުން އެކަމާއި މެދު އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކުރަމުންދާ ކަމަށެވެ.

ބަލިމަޑުކަމަކުން ސަލާމަތްވުމަށް ފެން ކްލޮރިނޭޓްކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުމަށާއި ފުރާޅު ރަނގަޅަށް ސާފުކޮށްގެން ވާރޭ ފެން ނެގުމާއި، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި، ތަރުކާރީއާއި މޭވޭ ފަދަ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ވެސް އިސްކަން ދެއްވުމަކީ އެންމެ ރައްކާތެރި ގޮތްކަމަށާއި އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތ ސާވިސް ޔުނިޓުން އިލްތިމާސްކުރައްވައެވެ.

އައްޑޫލައިވް ފޮޓޯ: އަނަސް
އައްޑޫލައިވް ފޮޓޯ: އަނަސް

އައްޑޫ ސިޓީގައި، ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރެވެމުން ނުދާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.