Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ގެތަކަށް ޑިފެންސް މިނިސްޓަރ ޒިޔާރަތްކުރައްވައިފި

އިއްޔެ މެންދުރުން ފެށިގެން އައްޑޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގެއްލުން ލިބުނު ބައެއް ގެތަކަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޒިޔާރަތްކުރައްވައިފިއެވެ.

އެމްއެންޑީއެފް އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި ރޭ އައްޑޫއަށް ވަޑައިގެންނެވި އާދަމް ޝަރީފް ވަނީ ފޭދޫގެ ފެންބޮޑުވެފައިވާ ގެތަކަށް ވަޑައިގެން އެގެތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ.

ފެންބޮޑުވެ، ގެއްލުން ލިބުނު ގެތަކަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި، ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު އެމްއާރްޑީސީން ދަނީ ޕަންޕް ޖަހައިގެން ފެން ހިއްކަމުންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއިން ބުނީ ޑިފެންސް މިނިސްޓަރުގެ ދަތުރުފުޅުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ސާހިދާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުގެ އިތުރުން ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ސަދަން އޭރިއާއިން ބުންޏެވެ.