Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޝަރަފުއްދީންގެ "އައްނޫރު" ކްލާހަށް ދިރާގުން އެއްލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

ޝަރަފުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސް "އައް ނޫރު ސެންޓަރަށް ދިރާގުން އެއްލައްކަ ރުފިޔާގެ އަގު ހުރި ތަކެތި މިއަދު ހަވާލްކޮށްފިއެވެ.

ޝަރައްފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްކޫލާއި ތަކެތި ހަވާލުކޮށްދެއްްވީ ދިރާގުގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު އެވެ. ޝަރަފުއްދީން ސްކޫލްގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަދީލް ނަސީރު އެވެ.
thumb_DSC_1971_1024

ދިރާގުން މިއަދު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ސެރަބަލް ޕަލްސީ ޗެއާ، ވޯކިން އެއިޑް، ކޮމްޕިއުޓަރު ސިސްޓަމް، ތެރަޕީ ބޯލްސް، ފްލޯ މެޓް، ވާހަކަ ފޮތް އަދި ސެޕެޝަލް ނީޑްސް ކީބޯޑެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދުވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން ޝަރަފުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންންގެ ކްލާހުގެ ފަރާތުން އެދުނު އެދުމުގެ މަތިން ސްކޫލަށް މިއަދު ހަދިޔާ ކުރެވުނު ތަކެތިން އެކުދިންނަށް އުގަންނައި ދިނުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ
thumb_DSC_2005_1024

މި ރަސްމިއްޔާރުގައި ސްކޫލްގެ ޕްރިންސިޕަލް ޑރ. އަދީލް ވިދާޅުވީ ޝަރަފުއްދީން ސްކޫލުން އެއްވެސް ކުއްޖަކު ބާކީ ނުކުރާ ކަމަށާއި ހުރިހާ ކުދިންނަށް އުގަންނައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސް ކުރިއަށް ގެންދާ އިރު ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް ސްކޫލުން މި ކްލާސް ހުއްޓާ ނުލައި ކުރިއަށްގެންދަނީ ގިނަ ބައެއްގެ ދީލަތި އެީ ލިބިގެންކަމަށް އަދީލް ވިދާޅުވިއެވެ.

އަދި މިއަދު ދިރާގުގެ ފަރާތުން ލިބިގެންދިޔަ ތަކެތިން ކްލާސް އިތުރަށް ފުރިހަމަވެގެން ދިޔަ ކަމަށް ވިދާޅުވެ، ދިރާގުގެ އެންމެހާ ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޝަރަފުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސް ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަމިނަތު ގުލްފިޝާމް ވިދާޅުވީ މިއަދު ދިރާގުން ލިބުނު ތަކެއްޗާއި އެކު ޝަރަފުއްދީން ސްކޫލްގެ "އައްނޫރު" ކްލާސް އަކީ މިވަގުތު ރާއްޖޭގައި ހުރި މިފަދަ އެންމެ ފުރިހަމަ ކްލާސް ކަމަށެވެ.

އަދި އަމާޒަކީ އައްޑޫގައިތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވީހާވެސް ގިނަ ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ.

ގުލްފިޝާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަކީ ބުރަ މަސައްކަތެއް ކަމަށެވެ.