Last Updated: April 27, 09:13
Saturday, April 27, 2024
ކުޅިވަރު

އައްޑޫ ބެޑްމިންޓަން ޓީމް ބަލިކޮށް ހޮޅުދޫ ޗެމްޕިއަންކަން ހޯދައިފި

މައިލޯ 8 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީން ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗް ހޮޅުދޫ ޓީމް ކާމިޔާބް ކުރީ އައްޑޫ ސިޓީ ޓީމް 3-1 މެޗުން ދެރަކޮށްގެންނެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ބ. އޭދަފުށީ ޓީމާއި ވާދަކޮށް ބަލިވި ހޮޅުދޫ ޓީމް އިން ފުރަތަމަ މެޗްގައި އައްޑޫ ސިޓީ ޓީމްގެ އިބްރާހިމް ނަޝީދުވަނީ ހޮޅުދޫ ޓީމްގެ އަބްދުﷲ މުތީއުގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދާފައެވެ. އެހެން ނަމަވެސް ހޮޅުދޫ ޓީމުންވަނީ ޖެހިގެންއައި ތިން މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލްގެ ދެވަނަ މެޗުގައި ހޮޅުދޫގެ އަހުމަދު ހުނައިފް އަދި މުމްތާޒް އިބްރާހިމްގެ ޕެއަރވަނީ އައްޑޫ ސިޓީ ޓީމްގެ އަހްމަދު މުނީޒް އަދި މުހައްމަދު އިނާންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދާފައެވެ. ފައިނަލްގެ ތިންވަނަ މެޗުގައި ހޮޅުދޫގެ އަބްދުﷲ މުތީއު އަދި އިބްރާހިމް އުނައިޝް ސީދާ ދެ ސެޓުން ކުރި ހޯދީ އައްޑޫ ސިޓީ ޓީމްގެ އިބްރާހިމް ނަޝީދު އަދި އަހްމަދު މުނީޒްއާއި ވާދަކޮށެވެ. ފައިނަލްގެ ހަތަރުވަނަ މެޗުގައި އަހުމަދު ހުނައިފްވަނީ ފަސޭހަކަމާއިއެކު ސީދާ ދެ ސެޓުން އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި ހޯދާފައެވެ.

މައިލޯ 8 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގައި މިއަހަރު އަށް ޓީމްވަނީ ބައިވެރިވެފައެވެ. އެގޮތުން އައްޑޫން ވަނީ ދެ ޓީމެއް ބައިވެރިވެފައެވެ. އެއީ ހިތަދޫ ހޮރައިޒަން އެކަޑަމީ ޓީމް އާއި އައްޑޫ ސިޓީ ޓީމްއެވެ.