Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މިސްކިތްތަކުގައި ސިޔާސީ ހަރަކާތް ހިންގޭނެ: ޑރ. ބާރީ

މިސްކިތްތަކުގައި ވެސް ސިޔާސީ ހަރަކާތް ހިންގޭނެކަން އިސްލާމީ ތާރީހުން ހާމަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދް އަބްދުލްބާރީ ރޭ ވިދާޅުވެއްޖެއެ ވެ.

ރޭ އިދިކޮޅު އިއްތިހާދުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ޑރ. ބާރީވިދާޅުވީ މިސްކިތަކީ ހަމައެކަނި އަޅުކަން ކުރަން ހުންނަ ތަނެން ނޫން ކަމަށެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ދުޢާ ފުލުހުން ހުއްޓުވަމުން ދާތީ އެކަމަށް އިޝާރާތް ކުރައްވައި ބާރީ ވިދާޅުވީ އިސްލާމީ ތާރީޙުގެ ތެރެއިން އެންމެ ފުރަތަމަ އެޅުނު މިސްކިތުގައި ދައުލަށް ހިންގުމުގެ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ އެޅުނު މިސްކިތުގައި ދައުލަށް ހިންގުމުގެ ހުރިހާ ކަމެެއް މަޝްވަރާތަކާއި ހުރިހާ ކަންތަކެއް ހިނގއި ދިޔަ." އޭނާ ވިދާޅުވި އެވެ.

މިސްކިތްތަކުގައި ސިޔާސީ ހަރަކާތަށް ހިންގާ ނަމަ އެކަން ކުރަން ޖެހޭނީ އިސްލާމީ އަހުލާގުގެ ތެރެއިން ކަމަށް ވެސް ބާރީ ވިދާޅުވި އެވެ.

އަދިި މިނިވަން ދުވަހު އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމް ދީނުގެ ރިވެތި އަޙްލާގާ ހިލާފަތް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިވަން ދުވަހު ރަސްމީ ޖާފަތް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމީ މަރުކަޒަ ހަރިންމައަށް އިތުރު ކުރި ސަރަހައްދުގައެވެ.

އަނިޔާވެރިކަމާ ދެކޮޅަށް މިއަދު އައްޑޫގެ ބައެއް މިސްކިތްތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުކުރު ނަމާދަށް ފަހު ދުއާކޮށްފަ އެވެ.

މިކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.