Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ސޯޝަލް މީޑިޔާ އެކްޓިވިސްޓް ލޫކަސް ޖަލީލް ހައްޔަރުކޮށްފި

އިދިކޮޅު އެމްޑީޕީ ގެ މެމްބަރެއް ކަމުގައިވާ ސޯޝަލް މީޑިޔާ އެކްޓިވިސްޓު، ޝަމްއޫން ޖަލީލް(ލޫކަސް ޖަލީލް) މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ލޫކަސް ހައްޔަރުކޮށްފައިވަނީ ދައުލަތުގެ ދިފާއީ ބާރުތަކުގެ މެދުގައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާތީ ކޯޓުން ނެރުނު އަމުރަކާއި އެކުގައެވެ.

ޝަމްއޫން ހައްޔަރު ކޮށްފައިވަނީ އޭނާ އާއި އިތުރު ބަޔަކު ވެގެން ސޯޝަލް މީޑިޔާގައި ގައުމުގެ ދިފާއީ ބާރުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަދައްކައި ޕޯސްޓު ތައް ކޮށް މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް ކަމުގައި ތަރުޖަމާނު ވަނީ ބުނެފައެވެ.

ނަމަވެސް އޭނާއެކު އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އިތުރު ބަޔެއްގެ މައުލޫމާތެއްވެސް ފުލުހުންގެ ތަރުޖަމާނު ދެއްވާފައެއް ނުވެއެވެ.

ހައްޔަރު ކުރެވިފައިވާ ޝަމްއޫން ޖަލީލަކީ އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ. އަދި އިދިކޮޅު އިއްތިހާދަށް ތާއީދުކޮށް ސޯޝަލް މީޑިޔާގައި އިއްތިހާދުގެ ހަރަކާތްތައް ޕްރޮމޯޓު ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކޮށް ސަރުކާރާއި ދެކޮޅަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާ މީހެކެވެ.

ސޯޝަލް މީޑިޔާ މެދުވެރިކޮށް ސަރުކާރުގެ ފަރާތުން ފެންނަ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ އެންމެ ފުރަތަމަ ދައްކާ މީހާގެ ގޮތުގައިވެސް ލޫކަސް ވަނީ މަޝްހޫރުވެފައެވެ.

ދިފާއީ ބާރުތަކުގެ މެދުގައި ނަފްރަތު އުފައްދާ ކަމަށް ބުނެ މިރޭ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ހައްޔަރުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ޓުވިޓާގައި ކުރި ޓުވީޓަކާ ގުޅިގެން އޭނާގެ ފޯނު ފުލުހުން ވަނީ ގެންގޮސްފައެވެ.

މެމްބަރުގެ ފޯނު ފުލުހުން ގެންދިއުމަށްފަހު އެރޭ ވަނީ އަނބުރާ ހަވާލުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެއީ ފުލުހުންނަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ އެއަމަލު ކުއްވެރިކޮށްފައެވެ.