Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ޝިވާއޭ: އަޖޭގެ ދެވަނަ ޑައިރެކްޝަން

މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ދެވަނަ ޑައިރެކްޝަން "ޝިވާއޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަޖޭ ލީޑް ރޯލް ކުޅެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއަކީ ބޮލީވުޑްގައި މިހާތަނަށް ނެރުނު އެންމެ ދިގު ޓްރެއިލާ އެވެ. ޓްރެއިލާގެ ދިގު މިނަކީ ހަތަރު މިނިޓެވެ.

ޓްރެއިލާ އާންމު ކުރުމާ އެކު ގިނަ ބައެއްގެ ތައުރީފު ވަނީ ޓްރެއިލާ އަށް އޮއްސަން ފަށައިފި އެވެ.

"ޝިވާއޭ" އަކީ 2008 ގައި އަޖޭ ޑައިރެކްޓްކޮށް، ކުޅުނު "ޔޫ މީ އޯރް ހަމް" އަށް ފަހު އޭނާ ޑައިރެކްޓް ކުރި ދެވަނަ ފިލްމެވެ.

އެހެން ނަމަވެސް "ޝިވާއޭ" އަކީ މުޅިން ތަފާތު ފިލްމެކެވެ. މިއީ އެކްޝަން އެޑްވެންޗާއެކެވެ. ފިލްމް ޝޫޓްކޮށްފައި ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގަ އެވެ. އަދި ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ސްނޯގެ ހަދަ ފިނީގެ ތެރޭގަ އެވެ.

މި ފިލްމުގައި އަޖޭ އާ އެކު މުޅިން އާ ބަތަލާއަކު ބޮލީވުޑަށް ތައާރަފުވެގެން ދާނެ އެވެ.

އެއީ ކުރީގެ މަޝްހޫރު ބަތަލާ ސާއިރާ ބާނޫ އަށް ބޮޑުދައިތަ ކިޔާ ސަޔޭޝާ ސޭގަލް އެވެ.

މީގެ އިތުރުން އަޖޭ ޕްރޮޑިއުސް ވެސް ކޮށްފައިވާ މި ފިލްމުން އިންޓަނެޝަނަލް ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ. ފިލްމުގެ ކްރޫގައި ގިނައިން ހިމެނެނީ ވެސް ބޭރުގެ ފަރާތްތަކެވެ.

"ޝިވާއޭ" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 28 ގަ އެވެ.