Last Updated: April 27, 09:26
Saturday, April 27, 2024
ރިޕޯޓް

ކަސްރަތުގެ ކުރިން މި ތަކެތި ބޭނުންކޮށްލަން ޖެހޭ

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން އާންމުކޮށް ކަސްރަތު ކުރަން ޖެހެނީ ހުސް ބަނޑާއެކުގަ އެވެ. އެހެންވެ ހެނދުނު ހޭލާ ގޮތަށް ހުސް ބަނޑާ ހުރެ ކަސްރަތު ކުރާ މީހުން މިހާރު ވަރަށް ގިނަ އެވެ.

އެކަމަކު އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަނީ ހުސް ބަނޑާ ހުރެ ކަސްރަތު ކުރުމަކީ ސިއްހީ ގޮތުން ރައްކާތެރި ކަމެއް ވެސް ނޫން ކަމަށެވެ.

އެހެންވެ ކަސްރަތަށް ފެށުމުގެ ކުރިން ބައެއް ތަކެތި ބޭނުންކޮށްލަން ޖެހެ އެވެ.

އެގޮތުން ބިހުގެ ހުދު ބައި އެއީ ކަސްރަތު ކުރުމުގެ ކުރިން ކާލުން އެންމެ ރަނގަޅު އެއް ބާވަތެވެ.

ފެނު ކެއްކި ބިހެއްގެ ހުދު ބައިން ކާލުމުން އެއިން ލިއްބައިދޭ ކެލްސިއަމާއި ޕޮޓޭސިއަމްގެ އިތުރުން މެގްނީޒިއަމްގެ ސަބަބުން ކަށިތަކަށް ވަރުގަދަކަން ގެނުވައި ދޭނެ އެވެ.

އަދި މީގައި އެކުލެވޭ ވިޓަމިންގެ ތެރޭގައި ހިމެނޭ ރިބޯފްލެވިން އާއި ސެލެނިއަމް ފަދަ މާއްދާތަކުން ހަށިގަނޑުގެ ފްލެކްސިބަލްކޮށްދެ އެވެ.

މީގެ ސަބަބުން ކަސްރަތު ކުރަން ފަސޭހަކޮށްދެ އެެވެ.

އޯޓަކީ ގިނަ ބަޔަކު ކާލަން އެހާ ގަޔާވާ އެއްޗަކަށް ނުވެ އެވެ. އެކަމަކު ހެނދުނުގެ ނާސްތާއަކަށް އޯޓަކީ އެންމެ ފައިދާ ހުރި އެކައްޗެވެ. އޯޓް ކާލުމުން ހަށިގަނޑުގެ ހަކަތަ އިތުރުކޮށް ދެ އެވެ.

އެހެންވެ ކަސްރަތު ކުރުމުގެ ކުރިން އޯޓްކޮޅެއް ކާލާށެވެ.

ކުރުނބާ ފެނަކީ ކަސްރަތުގެ ކުރިން ބޯލަން އެންމެ ރަނގަޅު އެއް ބުއިމެވެ. އޭގައި އެކުލެވޭ އިލެކްޓްރޮލައިޓްސް އާއި ޕޮޓޭސިއަމްގެ ސަބަބުން ވެސް ހަކަތަ އިތުރުކޮށްދެ އެވެ.

އެހެންވެ ސިއްހީ ތަޖުރިބާކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކަސްރަތު ކުރުމުގެ އާދަތައް ގެންގުޅޭށެވެ. ނަތީޖާ ނެރެން ބޭނުން ނަމަ އެެވެ.