Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބޮޑުމަސްތަކެއްގެ ބަނޑުތެރޭ ޕްލާސްޓިކާއި ދަގަނޑު

ޖަރުމަނުވިލާތުގައި މަރުވެގެން ލައްގާފައިވާ 29 ބޮޑު މަހެއްގެ ބަނޑުތެރެއިން ޕްލާސްޓިކާއި ކާރުގެ އެތެރޭގައި ހުންނަ ތަކެތި ފެނިއްޖެ އެވެ.

ޝްލެސްވިގް-ހޮލްސްޓެއިންގެ ވަޑެން ސީ ނޭޝަނަލް ޕާކްއިން ނޫސްވެރިންނާ ވާހަކަދައްކަމުން ހާމަކޮށްފައިވާގޮތުން ގިނަ މަހުގެ ބަނޑުތެރެއިން ފެނިފައިވަނީ ބޮޑެތި ޕްލާސްޓިކް ގަނޑުތަކެވެ. މީގެތެރޭގައި 13 މީޓަރުގެ ބޮޑު މަސްހިފާ ދަލެއްވެސް ފެނިފައިވެއެވެ. އަދި 70 ސެންޓިމީޓަރު ހުރި ކާރެއްގެ ބައެއްވެސް ފެނިފައިވެއެވެ.

މެރިން ބަޔޮލޮޖިސްޓުން ބުނެފައިވަނީ މޫދަށް އަޅާ މިފަދަ ތަކެތި ބޮޑު މަހަށް ފެންނަނީ ކާނާގެ ގޮތުގައެވެ. ބޮޑު މަސް އާންމު ގޮތެއްގައި ކާއުމަށް ބޭނުންކުރާ ބޯވަ އަދި މަސްތަކުގެ ސިފައިގައި މިފަދަ ޕްލާސްޓިކް ގަނޑުތައް ތިބުމުން އެސޮރުމެން އަވަސް އަވަހަށް އެފަދަ ތަކެތި ދިރުވާލާނެ ކަމަށް ސައިންސްވެރިންވަނީ ބުނެފައެވެ.

"މިފަދަ ހާދިސާތައް ހިނގުމުން އަޅުގަނޑުމެންނަށް މޫދަށް ކުނި އެޅުމުގެ ނުރައްކާ ފެނިގެންދަނީ. މަސްތައް ކާނާގެ ބަދަލުގައި ޕްލާސްޓިކް އެތެރެކުރުމުގެ ސަބަބުން ހައިހޫނުކަމުގައި މަރުވާތަން ވެސް ފެނޭ." ޝްލެސްވިގް-ހޮލްސްޓެއިންގެ ތިމާވެށީގެ މިނިސްޓަރު ރޮބާޓް ހަބެކް ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

މިއީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 2011 ވަނަ އަހަރުގައި ގްރީސްއިންވެސް މިފަދަ ބޮޑު މަހެއް މަރުވެގެން ލައްގާފައިއޮތެވެ. ސައިންސުވެރިން ލަފާ ކުރީ އެމަސް ބޮޑު ބޯވައެއް ދިރުވާލައިގެން މަރުވީ ކަމަށެވެ. ނަމަވެސް ފަހުން ބެލިއިރު ފެނިފައިވަނީ 100 ވަރަކަށް ޕްލާސްޓިކް ކޮތަޅާއި އެހެނިހެން ޕްލާސްޓިކް މަހުގެ ބަނޑުތެރޭގައި ތިއްބެވެ.