Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

މަރަދޫ ބަނދަރަށް ފެން ހޮޅިއެއް ލަނީ

މަރަދޫ ބަނދަރަށް ފެން ހޮޅިއެއް ލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ރޭ ސަން ޓީވީގައި ވިދާޅުވީ ފެން ހޮޅިއެއް ލަނީ މަރަދޫ މަސްވެރިންގެ ފަރާތުން އެދުނު އެދުމަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑު މަަރަދޫ މަސްވެރިންނާ ބައްދަލު ކުރުމުން އެ ބޭފުޅުން އެންމެ ބޮޑަށް ފާހަގަ ކުރި އެއް މައްސަލަކީ ބަނދަރަށް ފެން ލިބޭނެ ގޮތެއް ނެތީމަ ފެން ހޯދަން ވަރަށް ދުރަށް ދުއްވަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ ބަނދަރުން ފެން ލިބޭނެ ގޮތެއް ހަދައި ދޭން އެދިފައިވާތީ އެކަން މިހާރު ކުރިއަށް ދަނީ."

ޒިޔާދު ވިދާޅުވީ ފެން ހޮޅީގެ މަސައްކަތް ނިމުމުން މަރަދޫ ބަނދަރަށް އަންނަ އުޅަނދުތަކަށް ފަސޭހަކަމާއި އަވަސްކަމާ އެކު ފެން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.

"އެެހެންވީމާ މީގެ ސަބަބުން ވަރަށް ބޮޑު ލުއެއް ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

މަރަދޫ ބަނދަރަކީ އައްޑޫގެ ބަނދަރުތަކުގެ ތެރެއިން މަސްވެރި އުޅަނދުފަހަރު އެންމެ ބޮޑަށް ބޭނުން ކުރާ ބަނދަރެވެ.