Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އާރާސްތުކުރުމުގެ އިންގިލާބެއް މި ފެންނަނީ: ޑރ. މުއިއްޒު

ދިވެހި ރާއްޖެއިން މިހާރު ފެންނަމުން ދަނީ ގައުމު އާރާސްތުކުރުމުގެ އިންގިލާބީ މަސައްކަތެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސް ޔާމީން 2018" ގެ ނަމުގައި މިހާރު ފުވައްމުލަކު ތައުލީމީ މަރުކަޒުގައި ކުރިއަށްދާ ޕީޕީއެމް ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދުވަހަކުވެސް ނުފެންނަ ވަރުގެ ތަރައްޤީގެ މަޝްރޫއުތައް މި ސަރުކާރުން ފަށާފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި 560 އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުން އަންނަ ކަމަށެވެ.

އޭގެތެރޭގައި ބައެއް ރަށްރަށުގައި ދެތިން މަޝްރޫއު ހިނގަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ސިއްހީ ނިޒާމާއި، ތައުލީމީ ނިޒާމް، އަދި އިގްތިސާދީ ބޮޑެތި ކުރިއެރުންތައް ގައުމު ހޯދަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކަށް އެކަން ބަލައިގަންނަން އުނދަގޫ ކަމަށެވެ.

މުއިއްޒުވަނީ އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ސަރުކާރު މަގުމަތިން ވައްޓާ ނުލެވޭނެކަމަށް ވިދާޅުވެފައެވެ.

"ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، އަދި ކޮށި ދަނޑުވެސް އެބައިމީހުންނަށް ވަނީ ގެއްލިފައި" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމްއިން ފުވައްމުލަކުގައި ކުރިއަށްދާ ގެންދާ ޖަލްސާގައި ވާހަކަ ދައްކަވާ ހުރިހާ ފަރާތްތަކުންވެސް ވަރަށް ޖަޒްބާތާއި އެކު މި ވެރިކަން ވައްޓާ ނުލެވޭނެ ކަމަށް ދަނީ ވިދާޅުވަމުންނެވެ.