Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ސައިކަލް ދުއްވާ އިރު ހެލްމެޓް އަޅަން މަޖުބޫރު ކުރަނީ

ދެ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުކުރެއްވުމާއި ބެހޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ.

މިއީ ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްނެންގެވުމެކެވެ. އެ އޮތޯރިޓީއާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއެކު މި މަޝްވަރާތައް ކުރައްވަނީ ދިވެހި ރާއްޖޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ގިނަވެފައި، އެކަމަށް ޙައްލެއް ގެނައުމަށްޓަކާ ހެލްމެޓް އެޅުން މަޖުބޫރުކުރެއްވުން މުހިންމުވާތީއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ގިނަ ފަރާތްތައް އެއްގަމު އުޅަނދުތައް ދުއްވަނީ އެކަމަށް ބޭނުންވާ ލައިސަންސް ނަގައިގެންނެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެނީ ތިއަރީ ޓެސްޓަކާއި ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓަކުން ފާސްވުމަށްފަހުއެވެ. އެހެނަސް، މަދުން ނަމަވެސް ލައިސަންސް ނުނަގާ ދުއްވާ ފަރާތްތައް ދަނީ އިތުރުވަމުންނެވެ. އަދި އުޅަނދުފަހަރު ދުއްވުމާ ގުޅޭގޮތުން ހަދާފައިވާ ޤާނޫނާއި ޤަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ.

އާންމުކޮށް އެފަދަ އެކްސިޑެންޓްތަކުގައި މީހާގެ ފުރާނައަށް ގެއްލުންވަނީ، އެކްސިޑެންޓްވާ މީހާގެ ބޮލަށް ލިބޭ ގެއްލުމުގެ ބޮޑު ކަމުންނެވެ. މި ސަބަބަށްޓަކައި އިންޑިއާފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެއްގަމު އުޅަނދުތައް ދުއްވާއިރު ހެލްމެޓް އެޅުންވަނީ މަޖުބޫރުކޮށްފައެވެ.

ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް، ވަރަށް ބިން ބޮޑު ޤައުމެކެވެ. އަދި މިހާރު ރާއްޖޭގެ ގިނަ މަގުތައް ދަނީ ހަދާ، މަގުތަކުގައި ތާރަ އަޅަމުންނެވެ. ހަމަ އެހެންމެ، ރާއްޖެ ކުރިއަރަމުންދާ ވަރަކަށް އެއްގަމުގައި ދުއްވާ އުޅަނދުފަހަރުތައް ވެސް ދަނީ އިތުރު ވަމުންނެވެ. މިއީވެސް އެކްސިޑެންޓްތައް އިތުރުވާ ސަބެބެކެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އަށް ދެއްވި އިންޓަވިއުއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ހެލްމެޓް އަޅައިގެން ދުއްވުމަކީ ރާއްޖޭގައި މީގެ ކުރިން މަޖުބޫރުކޮށްފައި އޮތް ކަމަށާއި، އެހެންނަމަވެސް އާންމު ފަރާތްތަކުގެ ނުރުހުމުގެ ސަބަބުން އެކަން އެއީ މަޖުބޫރު ނޫން ކަމެއް ކަމަށް ނިންމަވާފައި އޮތީކަމަށެވެ. އަދި އެއީ އެ އޮތޯރިޓީން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި، ހެލްމެޓް އެޅުން މަޖުބޫރުކުރާ ޤާނޫނެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ ކުރިން އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުމަށް މަޖުބޫރު ކުރުމަށްޓަކައި އިސްލާހެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ކަމަށާއި އެއިސްލާހު އޭރު ފާސްވެފައިނުވާ ކަމަށްވެސް ނާފިޒު ވިދާޅުވިއެވެ. އަދި މިކަން އިސްލާހުކުރުމަށްޓަކައި ދެވަނަ ފަހަރަށް މަޖިލީހަށް ހުށައަޅަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާގުޅޭ މަޝްވަރާތައް ޓްރާންސްޕޯޓް އޮތޯރިޓީއާއި ކަމާބެހޭ ފަރާތްތަކާއިމެދު ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެއްގަމު އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުން މުހިންމު ވަނީ ވަރަށް ގިނަ ސަބަބުތަކަކާ ލައިގެންނެވެ. ދާދި ފަހުންވެސް ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަވަނީ ގޮސްފައިއެވެ.މި ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 28 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. އަދި ހަމަ މި މަހުގެ 8 ވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ހިނގި އެކްސިޑެންޓްގައި އެރަށު ސްކޫލުގެ ލީޑީން ޓީޗަރެއް ވަނީ ނިޔާވެފައެވެ.

މިއަހަރުގެ މިހާތަނަށް 1600 އަށްވުރެ ގިނަ އެކްސިޑެންޓްތައް ރާއްޖޭގައި ހިނގާފައިވާއިރު، އެއްގަމު އުޅަނދުތައް ދުއްވާއިރު ހެލްމެޓް އެޅުން މަޖުބޫރުކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ މުހިއްމު ކަމެކެވެ.