Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

މިއޮތީ "ނާޗަރަންގީ" ނުކުޅެ ޢީދު ފާހަގަކުރެވިދާނެ ކަން ދައްކަދީފައި!

ރ.ކިނޮޅަހުގައި ކުރިއަށް ގެންދިޔަ ޢީދު ކުޅިވަރު ތަކުގެ ތެރެއިން. ފޮޓޯ: ޖަމިއްޔަތުލް އިއްތިހާދު

އެމީހަކު ހިތުހުރި ގޮތަކަށް ޢަމަލުތައް ބަހައްޓަން ވީއެވެ. ދީނީ ޢިލްމުވެރިޔަކު ނުވަތަ އެހެން މީހަކު ވެސް އެއީ ގޯސް ކަމެކޭ ބުނެފި ނަމަ އެހިސާބުން ދޭ ޖަވާބަކީ މިއީއެވެ. "ތިއީ ބޯދާ ވިސްނުމެވެ. އަހަރުމެން ބޭނުންވަނީ ތަރައްޤީއެވެ. ކަލޭ މެން ތަހުޒީބު ވާން ޖެހެއެވެ."

މިކަން އެންމެ ބޮޑަށް ފާހަގަވެގެން ދަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ކުރާ އަޅުކަންތަކާއި ގުޅިގެން އުފާފާޅު ކުރުމާއި އެކަލާނގެ ހަނދުމަކޮށް ތަކުބީރު ކިއުމަށް ލައްވާފައިވާ ޢީދު ދުވަސްތަކުގައި އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓާ ގޮތުންނެވެ. ޢީދު ފާހަގަކުރާއިރު ފެނިގެން ދަނީ އިސްލާމްދީނުގައި އަންގަވާފައިވާ އިންތަކުން ބޭރުން ޢީދު ފާހަގަކުރުުގައި ލަވައާއި، މިއުޒިކާއި، ދެ ޖިންސު މަސްހުނިވެ ބާއްވާ އެކި ޝޯތަކެވެ.

ޢީދު ފާހަގަކުރެވެން އޮތީ ހަމައެކަނި މިއުޒިކާއި ދެޖިންސު މަސްހުނިވެ ނާޗަރަންގީ ކުޅެގެން ކަމަށް އެއްބަޔަކު ކިތަންމެ ވަރަކަށް ދައްކަން މަސައްކަތް ކުރި ނަމަވެސް އެކަންތަކާއި ނުލައި ވެސް ޢީދު ފާހަގަކުރެވިދާނެ ކަން އާބާދީގައި އެންމެ 600 އެއްހާ މީހުން ހިމެނޭ ރ. ކިނޮޅަހުގެ ރައްޔިތުން މިވަނީ ސާބިތުކޮށްދީފައެވެ.

ފަރަންޖީން ގެނެސްގެން މިއުޒިކް ޝޯ އެއް އެރަށަކު ނުބާއްވައެވެ. މިލިއަނުން ޚަރަދެއް ވެސް ނުކުރެއެވެ. އަދި ދެޖިންސު މަސްހުނިވެގެން އެއްވެސް ކުޅިވަރެއް ނުކުޅެއެވެ. އެހެން ނަމަވެސް އެރަށުގައި ޢީދު ފާހަގަކުުރުމަށް ހިންގި ހަރަކާތްތައް ވެސް ވަކި މަދެއް ނޫނެވެ. ޢީދުގައި ކިނޮޅަހުގެ ރައްޔިތުން ނެގި ފޯރި ވަކި ކުޑައެއް ވެސް ނޫނެވެ. ރާއްޖޭގެ އެހެން ރަށްތަކުގައި ޢީދުގެ މުނާސަބަތުގައި ނެގި ފޯރި އެރަށުގެ ރައްޔިތުން ވެސް ނެގިއެވެ.

ކިނޮޅަހުގައި ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ރާވައި އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރީ އެރަށު ކައުންސިލްގެ ފަރާތުން އެކުލަވާލި 'ޢީދު ކުޅިވަރު ސްޓިއަރިން ކޮމިޓީ" އެއްގެ ސީދާ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީ އަކީ މުޅި ރަށުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަހްމަދު ހުސައިން ވިދާޅުވި ގޮތުގައި ކައުންސިލުން އިސް ނަގައިގެން އިސްލާމީ ތަަރަޙައިގެ ތެރޭގައި ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށީ 2012 ވަނަ އަހަރު ކަމަށެވެ. މިއީ އެރަށުގައި މިގޮތަށް ޢީދު ފާހަގަކުރި 5 ވަނަ އަހަރެވެ. ކިނޮޅަހު ކައުންސިލްގެ ފަރާތުން މިކަން ކުރިއަށް ގެންދާގޮތް އަޙްމަދް ޙުސައިން ވަނީ 'އައްޑޫލައިވް' އާއި ޙިއްސާކޮށްފައެވެ.
އަޙްމަދު ޙުސައިން ވިދާޅުވި ގޮތުގައި 2011 ވަނަ އަހަރު ކައުންސިލް އިންތިޙާބަށް ފަހު އައި ފުރަތަމަ ޢީދުގައި ކަންތައް ދިޔަ ގޮތުން އިސްލާމީ ތަރަޙައިގެ ތެރޭގައި ޢީޑު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ވިސްނުންފުޅު އައީ ކަމަށެވެ.

" ކާބަފައިން ކަން ކުރި ގޮތް ކަމަށް ބުނެ ދީނާއި ޚިލާފް ކަންތައް ތަކެއް ކުރިއަށް ދިޔަ އެފަހަރު (2011 ގައި) . އޭގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި މައްސަލަތަކެއް ޖެހުނު. އެހެންވެ ޢަޒުމް ކަނޑައެޅީ އެފަދަ ކަންތަކާއި ނުލައި މިރަށުގައި ޢީދު ފާހަގަކުރުމަށް"

ދީނާއި ޚިލާފް އެއްވެސް ކަމެއް ނުހިމަނައި ޢީދު ފާހަގަކުރުމުގެ ޢަޒުމުގައި ކައުންސިލުން އިސްނަގައިގެން އެރަށުގައި ތިބި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ވެރިންނަށް ދަޢުވަތު ދީގެން ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި އިސްލާމީ އުސޫލްތަކާއި އެއްގޮތަށް ޢީދު ފާހަގަކުރުމަށް ހުރިހާ ބޭފުޅުން އެއްބާރުލުން ދިނުމަށް އެއްބަސްވުމަކަށް އާދެވި އެރަށުގެ ރައްޔިތުންނާއި އެކު ބައްދަލުވުންތައް ބޭއްވިއެވެ.

'ޢީދު ކުޅިވަރު ސްޓިއަރިން ކޮމިޓީ' ވުޖޫދަށް އައީ އެހިސާބުންނެވެ. އެކޮމިޓީގައި ހިމެނެނީ އެރަށު ކޯޓާއި ސްކޫލް، އަންހެނުންގެ ކޮމިޓީ އަދި ކައުންސިލްގެ ބޭފުޅުން އަދި ޖަމިއްޔަތުލް އިއްތިޙާުދުގެ ބޭފުޅުންގެ އިތުރުން އެރަށުގެ ޒުވާނުންނެވެ. ކޮމިޓީގައި ނުހިމެނުނު ނަމަވެސް ވިޔަފާރިވެރިންގެ ފަރާތުން ދީލަތި އެހީތަކެއް ލިބޭކަން ކައުންސިލުން ފާހަކުރިއެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުން ކުރައްވާ ކަންކަމުގައި ދީނީ ޢިލްމުވެރިންގެ ރަޢުޔު ހޯއްދަވާ ކަމަށާއި އެކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށެވެ.

އެގޮތުން ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުަމަށް ރާޢްޖޭގެ ފުންނާބު އުސް ޢިލްމުވެރިންގެ އެހީތެރިކަން ކައުންސިލުން ގެންދަނީ ހޯދަމުންނެވެ. ޑރ.އިޔާޒް އަބްދުއްލަތީފް، ޝައިޚް އިލްޔާސް ޙުސައިން އަދި ޝެއިޚް އާދަމް ޝަމީމްގެ ނަން ކައުންސިލުން ފާހަކުރިއެވެ. ޖަމިއްޔަތުއް ސަލަފް އާއި އަދި އަލްއަސްރު ޖަމިއްޔާގެ ފަރާތުން އެހީތެރިކަން ވެސް ކައުންސިލުން ހޯދައެވެ.

" ކައުންސިލުން ދުރާލާ ރާވައިގެން ހިންގާ ކަމެއް ދީނީ ގޮތުން އެވެއާ ކުރުމަކީ. މާލެއިން ބޮޑެތި ޢިލްމުވެރިން ގެނެސްގެން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ޕްރޮގްރާމްތައް، ދީނީ ދަރުސްތައް ވެސް ވަރަށް ގާތްގާތުގައި ކުރިއަށް ގެންދަން" އަޙްމަދު ޙުސައިން ވިދާޅުވިއެވެ.

ކިނޮޅަހުގައި ޤުރުއާން ކްލާހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.
ކިނޮޅަހުގައި ޤުރުއާން ކްލާހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ކިނޮޅަހުގެ ޖަމިއްޔަތުލް އިއްތިޙާދުގެ ކުޅިވަރު ސެކްރެޓަރީ އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެކު ޢީދު ކުޅިވަރުތައް ކުރިއަށް ދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ.

"އެހެން ރަށްތަކުގައި ނެގި ފޯރި މިރަށުގައި ވެސް ނެގި. ހުރިހާ ކުޅިވަރެއް ވެސް ވަރަށް ފޯރިގަދަކޮށް ދިޔައީ. ހިންދެމިލާނެ ވަގުތުކޮޅެއް ވެސް ނުލިބޭ. ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބައިވެރވި"، ޝަރީފް ވިދާޅުވިއެވެ.

14264962_1084552701621858_4395391452547585819_n

14264995_1084452288298566_8119514174252239258_n

14291677_1085358678207927_5113694316707527110_n

14333817_1085354154875046_3641291458534709545_n

14354919_1084667334943728_4320365988811710055_n

14364840_1084325651644563_9213953613928942247_n

14368752_1084552674955194_6930767494243056781_n
ކިނޮޅަހަށް މިފަހަރު ޢީދު ޗުއްޓީގައި ދިޔަ މާލެއަށް ނިސްބަތްވާ ޒުވާނަކު ބުނި ގޮތުގައި އެހާ ފުރިހަމައަށް ޢީދު ކުޅިވަރުތައް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނުބާއްވާ ކަމަށެވެ.

" ހަމަ ވަރަށް ހަބޭސް. އަނެއްކާ ކިހާ ބޮޑު އުފަލެއްތޯ އެއްވެސް އުރެދުމަކާއި ނުލައި ޢީދު ފާހަގަކުރުމަކީ. ނަމާދު ވަގުތު ނަމާދުކޮށްފައި ދެން ކުޅިވަރާއިގެން ރަށުގެ އެންމެން އުޅުނީ. ވަރަށް އުފާވެރި ޢީދެއް."

ޢީދު ފާހަގަކުރުމަށް ކޮނޮޅަހުގައި ކުރިއަށް ގެންދިޔަ ޙަރަކާތްތައް:

ފިރިހެނުންނަށް ޚާއްސަ: މަންޑި، ޖާފަތް، ފުޓްސަލް، ނާހެއްދުން، ބީޗްވޮލީ، ވާދެމުން، ކުލަޖެހުން، މަސްދަތުރު، ކުޑަކުދިންގެ ހަވީރު، ފެތުމުގެ މުބާރާތް، ބާބެކިއު.

އަންހެނުންނަށް ޚާއްސަ: ޖާފަތް، ތިންމުގޯލި، ބަށިމެޗް، މަދަހަ ކިޔުން، ޓާސްކް ކުޅިވަރު، ބޮސްކުޅުން، ނެޓްބޯޅަ މެޗް، ދުވާ ރޭސް، އިޝާރާތުން ބަސްބުނުން، ރޯނު ވެށުމުގެ މުބާރާތް، ބާބަކިއު

ޢީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުން އެމީހުންގެ އިޖްތިމާޢީ ޒިންމާ ކަމުގައި ދެކިގެން މިލިއަނުން ފައިސާ "އޮއްސާލީ" މިއުޒިކް ޝޯ ބޭއްވުމަށެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޔާސީ ބައެއް ބޭފުޅުން ވެސް މިއުޒިކް ޝޯ ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ސިޔާސީ ބައެއްގެ ފަރާތުން އަދި ސަރުކާރުގެ އެހީތެރިކަމާއި ނުލައި، ކިނޮޅަހު ކައުންސިލްގެ ފަރާތުން ޢީދު ފާހަަގަކުރި ގޮތާއި އެކަން އިންތިޒާމް ކުރި ގޮތުގެ ފުރިހަމަކަމަށް ތަޢުރީފް ޙައްޤެެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 5 ކައުންސިލަރުން ހިމެނޭ ކިނޮޅަހު ކައުންސިލް އިން ބުނި ގޮތުގައި އެންމެ ބޮޑު އުފަލަކީ، ފާޙިޝް ޢަމަލުތައް ނުހިމެނޭ ގޮތަށް ޢީދު ފާހަގަކުރުމެވެ ސަރުކާރުން ނުވަތަ ވަކި މެންބަރެއްގެ އެހީތެރިކަން ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ ލާބައަށް ކުރެވިދާނެ ކަންތައް ނުކޮށް ތިބޭކަށް ކައުންސިލުން ބޭނުމެއް ނުވެއެވެ.

ކިނޮޅަހު ކައުންސިލްގެ ބޭފުޅުން ބައްދަލުވުމެއްގައި.
ކިނޮޅަހު ކައުންސިލްގެ ބޭފުޅުން ބައްދަލުވުމެއްގައި.

އެންމެ ހަސަތޭކަ މީހުން ދިރިއުޅޭ ކިނޮޅަހުން ދައްކައި މިދިނީ ހަޤީޤަތުގައި ވަރަށް ފުރިހަމަ ނަމޫނާއެކެވެ. ކިނޮޅަހު ކައުންސިލްގެ މެންބަރުންނަށް ތައުރީފް ޙައްޤެވެ. ރަށުގެ ކުދިބޮޑު އެންމެން ކުރި ހިތްވަރަށް ސާބަހެވެ. އެރަށުން މިވަނީ، އިސްލާމީ އުސޫލްތަކާއި އެއްގޮތަށް ވެސް ޢީދު ފާހަގަކުރެވިދާނެ ކަން ދައްކައިދީފައެވެ.

ކިނޮޅަހުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ މިއީއެވެ.

"މުޖްތަމަޢްގައި ގޯސް ކަމެއް ހިނގާއިރަށް، ޢިލްމުވެރިން ކޮބާހޭ ބުނެ ހާސަރުތަކެއް ދަންމާލަފައި ހުއްޓާނުލާށެވެ. ކައުންސިލްގައި ދީނީ ޢިލްމުވެރިންތަކެއް ނެތަސް، ދީނީ ޢިލްމުވެރިން އިރުޝާދު ހޯދައިގެން ކަންކަން އިސްލާހް ކުރަން މަސައްކަތް ކުރެވިދާނެއެވެ. އެކަން އަހަރުމެންގެ ކައުންސިލުން މިއޮތީ ކޮށްފައެވެ. އެއީ އަހަރުމެން އެކަމަށް ބާރު އެޅީމައެވެ. ތިބޭފުޅުންނަށް ވެސް މިގޮތަށް މިކަން ކުރެވިދާނެއެވެ."