Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ވިލާ ކޮލެޖްގެ ކެމްޕަހެއް ކުޅުދުއްފުށީގައި ގާއިމް ކުރަނީ

ހދ. ކުޅުދުއްފުށީގައި ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ކުޅުދުއްފުށީ ކައުންސިލާއި، ވިލާ ކޮލެޖް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަލީ މުހައްމަދުއެވެ. ވިލާ ކޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބްއެވެ.

މި ރަސްމިއްޔާތުގައި ވިލާ ޑރ. އަލީ ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖް ފުޅާކޮށް ވީހާވެސް ގިނަ ދިވެހި ކުދިންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރަސަތު ހޯދައި ދިނުމަކީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ކުޅުދުއްފުށީގައި ގާއިމް ކުރާ ކެމްޕަހުގައި ހދ. އަތޮޅުގެ ރަށްތަކުގެ ކުދިންގެ ތެރެއިން މަތީ ތައުލީމް ހާސިލް ކުރަން ބޭނުން ކުދިންގެ ތެރެއިން ވިލާ ކޮލެޖްގެ މާލޭ ކެމްޕަހުގައި ކިޔަވައިދޭ ހުރިހާ ކޯސްތަކެއް ކުދިން ލިބޭ ވަރަކަށް ބާއްވަމުން ދާނެކަމަށެވެ.

އަލީ ނަޖީބް ވިދާޅުވީ ކޯސްތަކުގައި ކިޔަވައިދެއްވާނީ މާލެއިން ވަޑައިގަންނަވާ ލެކްޗަރުންނާއި، ކުޅުދުއްފުށިން ނެގޭ ލެކްޗަރސްއިން ކަމަށެވެ.

ކުޅުދުއްފުށީ "އެދުރު ހިޔާ" އިމާރާތުގައި ގާއިމް ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމް ވެގެން ދަނީ އެއިމާރާތުގައި މަތީ ތައުލީމްގެ ފުރުސަތު ގާއިމް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވިލާ ކޮލެޖުން ބިޑް ކާމިޔާބް ކޮށްގެންނެވެ. ކުޅުދުއްފުށީ ކައުންސިލުން މި އިމާރާތް ވިލާ ކޮލެޖަށް ދޫކޮށްފައިވަނީ 25 އަހަރަށެވެ.

ވިލާ ކޮލެޖުގެ ކެމްޕަސްތައް މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، އދ. މަހިބަދޫ، ޅ. ނައިފަރު، ބ. އޭދަފުށި އަދި ށ. ފުނަދޫގައި ވެސް ހިންގަ އެވެ. ރާއްޖޭގައި އެންމެ ގިނަ ކުދިން މަތީ ތައުލީމް ހާސިލްކުރާ އަމިއްލަ ކޮލެޖަކީ ވެސް ވިލާ ކޮލެޖެވެ.