Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ރެޑްބުލް "ކެޗް ދަ ފެރީ" ގެ އެއްވަނަ ހުސެއިން ފަޒީލަށް

ރެޑްބުލް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ، ވާދަވެރި ރޭސް، "ރެޑްބުލް ކެޗް ދަ ފެރީ" މިފަހަރުވެސް މިދިޔަ އަހަރާ އެއްފަދައިން ވަރަށް ކާމިޔާބުކަމަށް ރެޑްބުލް އިން ބުނެފިއެވެ.

ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި ދުވާ މިރޭސް މިފަހަރު ކާމިޔާބުކޮށްފައިވަނީ ގައުމީ ދިފާއީ ބާރުގެ ހުސެއިން ފަޒީލެވެ. ކަނޑު ހުރަސްކޮށް ފެރީއެއްގައި ދަތުރުކުރަން ޖެހޭ މިރޭހުގެ އެއްވަނަ ހޯދުމާއެކު ފަޒީލަށް ވަނީ ރެޑްބުލްގެ ފަރާތުން 10،000 ރުފިޔާގެ ފައިސާގެ އިނާމަކާއި އަންނަ އަހަރުގައި ދުބާއީގައި ބާއްވާ ވިންގްސް ފޮ ލައިފް ވޯލްޑް ރަންގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތުވެސް ލިބިފައެވެ.

ރޭހުގެ ދެވަނަ މަގާމު މިފަހަރު ހޯދާފައިވަނީ ފަޒީލާއެކު އެމްއެންޑީއެފްގައި މަސައްކަތް ކުރާ ޝިފާޒް މުހައްމަދެވެ. ތިންވަނަ މަގާމު ހޯދާފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޒައިދު ޝަރީފެވެ.

މިފަހަރުގެ ރޭހުގައި ގައުމީ ދުވުންތެރިންނާއެކު 16 އަހަރުގެ ދުވުންތެރިޔަކުވެސް ވަނީ ބައިވެރިވެފައެވެ. ފުވައްމުލަށް ސިޓީގެ ރަވާހު މުހައްމަދު ވަނީ ރޭހުގެ ގަދަ ދިހައިގައި ހިމެނި ގިނަ ބަޔަކު ހައިރާން ކޮށްލާފައެވެ.

މިދިޔަ އަހަރާ ހިލާފަށް މިފަހަރުގެ ރޭސް ފަށާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ސެންޓްރަލް ޕާކުން ރޭސް ފެށުމަށް ފަހު ރަށް ވަށައި ބުރެއް ޖެހުމަށް ފަހު(6.29 ކިލޯ މީޓަރު) ފެރީގައި މާލެ ގޮސް މާލެ ވަށައި ބުރު ހަމަ ކުރުމަށް ފަހު(5.40 ކިލޯ މީޓަރު)ބައިވެރިން ވަނީ ވިލިމާލެ ވަށައި ވެސް އެއް ބުރު ޖަހައި(1.6 ކިލޯ މީޓަރު) އެނބުރި ހުޅުމާލެއަށް އައިސް 450 މީޓަރުގެ ސްޕްރިންޓަކާ އެކު އެންމެ ފުރަތަމަ ރޭސް ނިންމާށެވެ.

ހުޅުމާލެއިން ރޭސް ފެށުމާއި ނިންމުމަށް ސްޕްރިންޓެއް ޖެހުން ވީ މިފަހަރު ބައިވެރިންނަށް ކުރިމަތިވި އިތުރު ޗެލެންޖަކަށެވެ.