Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

އާ ހޮސްޕިޓަލާއި އިސްމެހެލާހެރަ: ޕްލެޓްފޯމެއް ބޭނުން!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާތީ 8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ލޮނުޒިޔާރަތް ކޮޅުގައި "ބްރިޖް ޕްލެޓްފޯމް" އެއް ޤާއިމްކުރުމަށް މިވަނީ ނިންމާފައެވެ.

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު އެކަން ރައްޔިތުންނަށް ވީހާވެސް ގާތުން ދެއްކުމުގެ ގޮތުން ބްރިޖް ޕްލެޓްފޯމްގެ މަސައްކަތް ބަލަން މާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ގޮތަށް އައްޑޫގައި ތިބި ރައްޔިތުން ވެސް ތަރައްޤީގެ މަޝްރޫޢުތައް ބަލަން ބޭނުންވާނެ ކަން ކަށަވަރެވެ.

8 މިލިއަން ރުފިޔާ ޚަރަދު ނުކޮށް ވެސް އައްޑޫގައި ސަރުކާރުން މިހާރު ވެސް "ހިންގަމުންދާ" ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ބަލަން ރައްޔިތުންނަށް ތިބެވޭނެ ޕްލެޓްފޯމްތަކެއް ޤާއިމްކުރެވިދާނެއެވެ. އެއީ އައްޑޫގެ ރައްޔިތުން މިހާރު ވެސް ވަރަށް ބޭނުންވެފައިވާ ކަމެކެވެ.

ވަކިން ޚާއްސަ ގޮތެއްގައި އައްޑޫގައި ޓޫރިޒަމް ފުޅާކުރުމުގެ ވިސްނުން ސަރުކާުރުން ގެންގުޅުއްވާ ކަމަށް ވިދާޅުވާ ދަނޑިވަޅެއްގައި ދިވެހިވަންތަ ޕްލެޓްފޯމެއް ހަދައިފިނަމަ އޭގެ ސަަބަބުން ޓޫރިޒަމަށް ވެސް ފައިދާތަކެއް ކުރާނެ ކަން ކަށަވަރެެވެ.

މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި ހަދާ "ބްރިޖް ޕްލެޓްފޯމް"ގެ މަސައްކަތް ހަވާލުކުރެވިފައިވާ، ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަކީ އެކަމަށް އެންމެ އެކަށީގެންވާ ކުންފުނި ކަމުގައި ބެލެވެއެވެ. ސަބަބަކީ ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ރެސްޓޯރެންޓްގެ ފަރާތުން ވަނީ މިނިވަން 50 އާއި ދިމާކޮށް ވެސް ވަރަށް ފުރިހަމަ ދިވެހިވަންތަ ޖާފަތެއް ތައްޔާރުކޮށްފައެވެ.

އެ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ އިސްވެރިންނާއި އަދި ޔޫރަޕިއަން ސްޓައިލަށް ގެޮސް ހުސްވެފައިވާ ދިވެހިންނަށް ކާއެއްޗިހި މީރު ނުވުމަކީ އެހެން މައްސަލައެކެވެ.

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި އަދި އިސްމެހެލާ ހެރަ ރިސޯޓުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ބަލަން އެއްވާ ރައްޔިތުންނަށް ތިބެވޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމަކީ ރައްޔިތުން މިއަދު ނުހަނު ބޭނުން ކަމެކެވެ. ތަރައްޤީގެ އެ ބިޔަ ދެ މަޝްރޫއު އައްޑޫގައި ކުރިއަށްދާ އިރު ޕްލެޓްފޯން ނޭޅި އޮތުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށްދާ މަންޒަރު ރައްޔިތުންނަށް ނުފެނެއެވެ.

100 އެނދުގެ ހޮސްޕިޓަލް ޕްލެޓްފޯމް ވާން ޖެހޭނީ މޮބައިލް ޕްލެޓްފޯމް އަކަށެވެ. އެއްތަނުން އަނެއްތަނަށް ފަސޭހައިން ގެންދެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ދިވެހި ވަންތަ ޕްލެޓްފޯމަކަށެވެ. ސަބަބަކީ ހޮސްޕިޓަލް އަޅާ ބިން އަވަސް އަވަހަށް ބަދަލުވާތީއެވެ.

އެއްދުވަހަކު އިރު އަރާއިރު އީސީސީ ނޫންތަނަކަށްވެސް ހޮސްޕިޓަލް ބަދަލުވެދާނެތީއެވެ.

ދެން އޮތީ ޕްލެޓްފޯމް ގާއިމް ކުރާ ސަރަހައްދު ތަރައްޤީ ކުރުމެވެ. އީސީސީން މާލެ ގެންދިޔަ ގޮޑިތައް އަނބުރާ އައްޑޫއަށް ފޮނުވުމަށް ފަހު، އީސީސީގެ ވަށައިގެންވާ މަގުތަކުގައި މީހުންނަށް ފަސޭހައިން އައިސް އިށީދެ ތިބެވޭ ގޮތަށް އެތުރިދާނެއެވެ. އަދި އެ ސަރަޙައްދުގައި ކޮފީ މެޝިންތަކާއި ޕޮޕްކޯން ލިބޭނެ ގޮތް ހަދައިފި ނަމަ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ މަންޒަރު ބަލަން މިހާރު ވެސް އެއްވަމުންދާ މީހުންނަށް އިތުރު ފަސޭހަ އަކަށް އެކަން ވެގެންދާނެއެވެ.

ދެން އޮތީ އިސްމެހެލާ ހެރަ ޕްލެޓްފޯމްގެ ވާހަކައެވެ. ދިވެހިވަންތަ ސިފަ ހިމަނައިގެން ހަދަންޖެހޭ ޕްލެޓްފޯމް އަކީ މިއީއެވެ. އިސްމެހެލާ ހެރަ އާއި މީދޫ ގުޅޭ ހިސާބުގައި މޫދުގައި މި ޕްލެޓްފޯމް ހަދަން ޖެހޭނީ ވީހާވެސް ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ތިބެވޭނެ ފަދަ ގޮތަކަށެވެ.

އިސްމެހެލާ ހެރަ ތަރައްޤީ ކުރުމަށް ކަނޑާލާ ރުއްތައް ބޭނުންކޮށްގެން ފްލޯޓިން ޕްލެޓް ފޯމެއް ހެދުމަށް ފަހު ރުކުގެ ފަން ބޭނުންކޮށްގެން އެ ޕްލެޓްފޯމްގެ ވަކި ބައެއް ހިޔާކޮށްފައި ބެހެއްޓި ދާނެއެވެ. އަދި މި ޕްލެޓްފޯމް ވާން ޖެހޭނީ އިސްމެހެލާ ހެރައިގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމަށް ބޮޑުބެރުގެ ހަރަކާތް ކުރިއަށް ގެންދެވޭ ޕްލެޓް ފޯމަކަށެވެ.

ސަދަގާތް ކުރާ އަމިއްލަ ޖަމިއްޔާތަކުން ހިލޭ ސާބަހަށް އީދު، ގައުމީ ހާއްސަ ދުވަސް ފަދަ މުހިއްމު ދުވަސްތައް ފާހަގަ ކުރުމަށް މިދެންނެވި ޕްލެޓްފޯމް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ކުރެވޭނެއެވެ. މިތަނަށް އެއްވާ މީހުންނަށް އިސްމެހެލާ ހެރައިން އުފެދޭ ކާއްޓާއި އެކު ކަދުރުގެ ހާއްސަ ދިވެހި ވަންތަ ކެއުމެއް ލިބޭނެ ގޮތްވެސް ހަމަޖެއްސިދާނެއެވެ.

ފުރަތަމަ 2 ޕްލެޓްފޯމް ޤާއިމްކުރުމަށް ފަހު އިތުރު ޕްލެޓްފޯމްތަކެއް ވެސް އައްޑޫގައި ޤާއިމްކުރަން ޖެހިދާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި، ހަންކެނޑެ ސަރަހައްދުގައި ހަދާ ސިޓީ ހޮޓަލްގެ މަސައްކަތް ބަލާނެ ޕްލެޓްފޯމް އަކާއި އަދި އައިޓީ ޕާކްގެ މަސައްކަތް ފެންނާނެ ފަދަ ޕްލެޓްފޯމެއް ވެސް ޤާއިމް ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.

ކޮންމެއަކަށް ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ބަލަން ޕްލެޓްފޯމް އަޅަން އައްޑޫ ރައްޔިތުން މިތިބީ ކެތްމަދުވެފައެވެ.