Last Updated: October 15, 21:53
Saturday, October 16, 2021
ޚަބަރު

ރާއްޖެ އައުމަށް ޕާޓީ މުޅިން ޤަބޫލެއް ނޫން: ނަޝީދު

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް އަދި އެމްޑީޕީގެ ބާނީ، މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން މުޅިން ގަބޫލު ނޫން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ބޭރު ނޫހެއް ކަމަށްވާ "ދަ ޑިޕްލޮމޭޓް" އަށް ނަޝީދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން އެމްޑީޕީގެ ލީޑަރޝިޕާއި އާންމު ގިނަ މެމްބަރުންވެސް އެމަނިކުފާނުގެ ސަލާމަތަށް ވިސްނައި، ރާއްޖެ ވަޑައިގަތުމަށް މުޅިން ތާއީދެއް ނޫން ކަމަށެވެ.

އަދި މީގެ އިތުރުން ރައީސް ނަޝީދުގެ ދަރިކަނބަލުންގެ އޯލެވެލް އިމްތިހާނުވެސް އަންނަ މޭ މަހުގައި އޮންނާތީ، ދަރިފުޅަށް ވީ ވައުދު ފުއްދަންވެސް މިވަގުތު ރާއްޖެ ވަޑައިގަތުމަށް ނަޝީދު ފަސް ޖެހޭ ކަމަށް އެ ނޫހުގައި ލިޔެފައިވެއެވެ. ނަޝީދު ވިދާޅުވާ ގޮތުން ދަރިފުޅު ވަނީ އޯލެވެލް އިމްތިޙާން ނިމެންދެން ދަރިފުޅާއެކީ ހުންނެވުމަށް ނަޝީދުގެ ކިބައިން އެދިފައެވެ. އަދި ނަޝީދު ވަނީ ދަރިފުޅުގެ އެދުމާ އެއްގޮތުން މަޑުކުރާނޭ ކަމަށް ވައުދުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ދަނިކޮށް މައިބަދައަށް ބޭސްކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތެވެ. އަދި އެއަށްފަހު އެނބުރި ރާއްޖެ ވަޑައިނުގަނެ، އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައި، ބޭރުގައި މަޑުކުރައްވަން ގަސްދު ކުރެއްވިއެވެ.

ސުޕްރީމް ކޯޓުން ނިމިގެން ދިޔަ ފެބްރުއަރީ އެއްވަނަ ދުވަހު ސިޔާސީ 9 ލީޑަރަކު ވަގުތުން މިނިވަން ކުރުމަށް ކުރި ހުކުމުގައި ނަޝީދުވެސް މިނިވަން ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އެންގިއެވެ. ނަމަވެސް ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ބޯނުލަނބައި، ފެބްރުއަރީ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ ބެންޗުގައި ބާކީ ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި 9 ލީޑަރުން މިނިވަން ކުރުމަށް ކުރި އަމުރު ބާތިލް ކަމަށް ކަނޑައަޅައި، ހުކުމްކޮށްފައެވެ.