Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ކޯގަންނުގެ ސެކިއުރިޓީ އަށް ބަޔަކު ހޯދަނީ

މީދޫ ތާރީހީ ތަނެއް ކަަމަށްވާ ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބެލަހައްޓާނެ ބަަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާންކޮށްފައި މި ވަނީ ސެކިއުރިޓީ ބަލަަހައްޓަން މިދިޔަ އަހަރު ހަވާލު ކުރި، ސަންރައިޒް ސެކިޔުރިޓީ ސާވިސްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ އެވެ.

އެ ކުންފުންޏާ ކޯގަންނުގެ ސެކިއުރިޓީ ހަވާލު ކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސެކިއުރިޓީ ބަލަހައްޓައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބިޑް ޑޮކިއުމަންޓް މި މަހުގެ 8-12 އަށް ކައުންސިލް އިދާރާއި މީދޫ އަވަށު އޮފީހުން ވިއްކާނެ އެވެ. އަގަކީ 300ރ. އެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 17 ގަ އެވެ.

ކޯގަންނު ގަބުރުސްތާނުގެ ސެކިޔުރިޓީ ބަލަހައްޓަން އަމިއްލަ ބަޔަކާ ހަވާލު ކުރަން ކައުންސިލުން ނިންމީ މި ފަހަކަށް އައިސް އެތަނަށް ބައެއް މީހުން ގެއްލުން ވެސް ދޭތީ އެވެ.

ކޯގަންނު ގަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތަކީ ޔަމަނުގެ ސަންހާގެ ދަންނަ ބޭކަލެއް ކަމުގައިވާ ސުލައިމާނު ގާދިރުކަލޭގެ ފާނުގެ ސުވަރު ގާދިރު ކަލޭގެ ފާނުގެ އީސާގާދިރު ކަލޭގެ ފާނުގެ އައްޝެއިޚް ހާފިޒު ޔޫސުފުއްނާއިބްގެ އާއިލާ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ.

ސުލައިމާނު ގާދިރުކަލޭގެ ފާނުންގެ އާއިލާއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ދަސްކޮށް ދެއްވައި ދެކުނުގެ އަތޮޅުތަކުގެ މީހުން އިސްލާމް ދީނަށް ވެއްދި އާއިލާ އެވެ.