Last Updated: April 25, 17:59
Thursday, April 25, 2024
ރިޕޯޓް

އައްޑޫ އާ ހޮސްޕިޓަލް މި އަހަރު މެދުތެރޭ ހުޅުވޭނެތަ؟

ކޮންވެންޝަން ސެންޓަރ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރު މެދުތެރޭގައި ހުޅުވޭނެކަމަށް ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވި ނަމަވެސް އެ މުއްދަތުގައި ހޮސްޕިޓަލް ހުޅުވި ހިދްމަތް ދެވިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

އައްޑޫ ހޮސްޕިޓަލާއި ގުޅޭގޮތުން ސުވާލު އުފައްދަން ފަށާފައިމިވަނީ ހޮސްޕިޓަލާއި ގުޅޭ ގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުން ދައްކާ ވާހަކަތައް ދިމާ ނުވުމުންނެވެ.

އެގޮތުން ހެލްތު މިނިސްޓަރ މުހައްމަދު ނާޒިމް މީގެ ކުރިން ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް އަންނަ މޭއި މަހު ނިމިގެންދާނެ ކަމަށެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނިކޮށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ނިމޭނީ މިއަހަރުގެ ޖުލައި މަހަށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ހޮސްޕިޓަލް ހުޅުވާނީ މިއަހަރު މެދުތެރޭގައި ކަމަށް ވިދާޅުވެފައިވަނިކޮށް އިއްޔެ ހެލްތު މިނިސްޓަރ ނެރުއްވި ބަޔާނެއްގައި މިއަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލް ހުޅުވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންވެ ހޮސްޕިޓަލް ހުޅުވާނެ އަސްލު ތާރީހެެއް ސަރުކާރުން މިހާތަނަށް ބުނެދެވިފައި ނުވެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށެވެ. ނަމަވެސް ހިދްމަތް ދޭން ބޭނުން ކުރާނެ ގިނަ މެޝިނަރީޒް އެހާތަނަށް ގެނވެިދާނެ ކަމާއި މެދު އޭނާވެސް ވަނީ ސުވާލު އުފައްދާފައެވެ.

އޮފިޝަލް ވިދާޅުވީ އެމްއާރްއައި މެޝިން ފަދަ ބޮޑެތި މެޝިނަރީޒް ގެނެސް އިންސްޓޯލްކޮށް ހިދްމަތްދޭން އަދި ވަގުތު ނަގާނެކަމަށެވެ.

އައްޑޫ ހޮސްޕިޓަލްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ކިތަންމެ ގިނައިން ގުޅިނަމަވެސް އެމައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ. މީޑިއާ އޮފިޝަލްގެ ޖަވާބަކީ "ތިކަން ސާފުކޮށްލުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ".

އައްޑޫ ހޮސްޕިޓަލް މިއަހަރު ހުޅުވޭނެ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ގިނަ ބަޔަކު ތިބީ އިންތިޒާރުކޮށްގެންނެވެ. ރައްޔިތުން ބޭނުންވަނީ ޒަމާނީ ފެންވަރުގެ މެޝިނަޒީރް އާއި އެކު ހިދްމަތް ދެވޭނެ ހޮސްޕިޓަލެކެވެ. "ވަގުތީ ދާއިމީ" ތަނެއް ރައްޔިތުން ބޭނުމެއް ނޫނެވެ.