މުނިފޫހިފިލުވުން

"ކެދަރްނާތު" އަންނަ އަހަރަށް

ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ލޯންޗް ކުރަން ނިންމައި މި އަހަރު ރިލީޒް ކުރާނެ ކަމަށް ކުރިން އިއުލާން ކުރި ފިލްމް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އެ ފިލްމް މިހާރު ޕްރޮޑިއުސް ކުރާ ރޯނީ ސްކްރޫވާލާ ބުނީ ފިލްމް ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު އަދި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ކުރިން އެ ފިލްމް ރިލީޒް ކުރާ ގޮތަށް އޮތީ އަންނަ ޑިސެމްބަރު މަހުގެ 21 ގަ އެވެ.

ރޯނީ ފިލްމްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހަމަޖެހުނީ، "ކެދަރްނާތު" ގެ ޑައިރެކްޓަރު އަބިޝެކް ކަޕޫރާއި ފިލްމް ޕްރޮޑިއުސް ކުރާ ކްރިއާޖް އެންޓަޓައިންމަންޓާ ދެމެދު ޖެހުނު ބަޖެޓް މައްސަލަތަކެއްގައި ފިލްމްގެ މަސައްކަތް ހުއްޓިފައި ވަނިކޮށެވެ.

ނަމަވެސް ރޯނީ ފިލްމާ ހަވާލުވީ ކްރިއާޖާއި އެ ސްޓޫޑިއޯއާ އެކު ދެން ފިލްމްގައި ހިއްސާވާ ކުންފުނިތަކަށް 22 ކްރޯޑް ރުޕީސް ދެއްކުމަށް ފަހު އެވެ.

"ކެދަރްނާތު" އަށް މައްސަލަތައް ދިމާވެ، ފިލްމް މި އަހަރު ރިލީޒް ނުވާނެކަން ޔަގީންވުމުން ސާރާ ވަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސިމްބާ" އަށް ސޮއިކޮށްފަ އެވެ. ރަންވީރް ސިންގް ބަތަލުގެ ރޯލް ކުޅޭ ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 28 ގަ އެވެ.

އެހެންވެ "ސިމްބާ" ވެގެން ދާނީ ސާރާ ބޮލީވުޑަށް ނެރޭ ފިލްމަށެވެ.

"ކެދަރްނާތު" ގައި ސާރާ ފެނިގެން ދާނީ ސުޝާންތު ސިންގް ރާޖްޕޫތުއާ އެކުގަ އެވެ.