Last Updated: May 8, 09:08
Wednesday, May 8, 2024
ރިޕޯޓް

ހުސެއިން ސޮލާހުގެ މަރަށް 10 އަހަރު: އިންސާފު ކޮބާ؟

ހިތަދޫ ނާޒުކީގޭ ހުސެން ސޮލާހު

ފުލުހުންގެ ބަންދުގައި ހުރި، ސ.ހިތަދޫ ނާޒުކީގޭ ހުސެން ސޮލާޙް އެއްލާލާފައި އޮތްވައި ފެނުނުތާ މިއަދަށް 10 އަހަރު ވީއެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެވާހަކަ ހަނދާން ހުރި ހެން ހިއެއް ނުވެއެވެ.

ހުސެއިން ސޮލާޙުގެ އާއިލާއަށް އިންސާފު ނުލިބި ރައީސް މައުމޫންގެ ވެރިކަން ނިމި، އެމްޑީޕީގެ ވެރިކަން އައުމުން އެ އިންސާފު ލިބޭނެ ކަމަށް އުއްމީދުކޮށްގެންނެވެ. އެހެން ނަމަވެސް އެންމެ ކުޑަމިނުން މަރުގެ ހަގީގަތް ހޯދުމަށް އެމްޑީޕީ ވެރިކަމުގައި ވެސް ކޮށްދެވުނު ކަމެއް ނެތެވެ.

ޑރ.ވަޙީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ހުސެން ސޮލާޙްގެ މަރުގެ ހަގީގަތް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ސަރުކާރުތަކުން އެއްބާރުލުން ނުލިބުނަސް، ހުސެން ސޮލާޙްގެ އާއިލާގެ މީހުން ބުނާ ގޮތުގައި އެމީހުން ތިބީ ސާބިތުކަމާއި އެކުގައެވެ. ﷲގެ ހަޟްރަތުގައި އިންސާފު ލިބޭނެ ކަމާއި މެދު އެމީހުން ޝައްކެއް ނުކުރެއެވެ.

ޙުސެން ސޮލާޙް އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެޕްރީލް މަހުގެ 9 ވަނަ ދުވަހު ސ.ހިތަދޫގައި ހުއްޓައެވެ. އެހެން ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށުން މާލެ އަށް ގެންގޮސް ބަންދުކޮށްފައި ހުރީ، ފުލުހުންގެ ޑިޓެންޝަން ސެންޓަރ، އަތޮޅު ވެހީގައެވެ.

އަތޮޅު ވެހީގައި ބަންދުކޮށްފައި ހުރި ހުސެން ސޮލާޙް، 13 އެޕްރީލް 2007ގައި ބަންދުން ދޫކޮށްލި ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. ހުސެން ސޮލާހު މަރުވެފައި އޮތްވައި ފެނުމާއި އެކު ފުލުހުން މިހެން ބުނި ނަމަވެސް، އެކަން ފުލުހުންނަކަށް ސާބިތުކޮށް ދެވިފައެއް ނުވެއެވެ.

ފުލުހުންގެ ޑިޓެންޝަން ސެންޓަރު، އަތޮޅު ވެހީގައި ހުރި ސީސީޓީވީ ކެމެރާއަކުން ހުސެން ސޮލާޙް އެތަނުން ނިކުތް މަންޒަރެއް ނުދެއްކުނެވެ. އަދި ހުސެން ސޮލާޙު މާލޭގެ ގެއެއްގައި ނިދިކަމަށް ބުނެ ފުލުހުން ދެއްކި ވާހަކަތައް ވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ހުސެން ސޮލާޙް މަރާލުމަށް ފަހު އެއްލާލާފައި އޮތްވައި ފެނުނީ ފުލުހުންގެ ޑިޓެންޝަން ސެންޓަރު އަތޮޅު ވެއްސާއި ދިމާލަށް މޫދުގައި ކަމަށް ވުމުން ގިނަ ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރީ ފުލުހުންނަށެވެ.

އެ ތުހުމަތު ތަކުން ރެކުމަށްޓަކައި ސަރުކާރުން އިސްނަގައިގެން، ހުސެން ސޮލާޙްގެ ޕޯސްޓް މޯޓަމް ހަދަން ނިންމިއެވެ. އެހެން ނަމަވެސް ޕޯސްޓް މޯޓަމް ހެދުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ، އާއިލާގެ ބައިވެރިވުމެއް ނެތިއެވެ.

އަވަށްޓެރި ސްރީލަންކާގައި ހެދި ޕޯސްޓް މޯޓަމްގެ ނަތީޖާ ކަމަށް ސަރުކާރުން ބުނީ، "ހުސެން ސޮލާޙުމަރުވެފައި ވަނީ ގެނބިގެން ކަމަށެވެ." އެވާހަކަ ޤަބޫލުކުރަން ގިނަ ބަޔަކު ދެކޮޅު ހެދި ސަބަބަކީ، ހުސެން ސޮލާޙުގެ ހަށިގަނޑުން އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރުމެވެ.

ސަރުކާރުން ސްރީލަންކާއަށް ހުސެން ސޮލާޙުގެ ޕޯސްޓްމޯޓަމް ހެދިގޮތާއި މެދު ހިތްހަމަ ނުޖެހިގެން އާއިލާއިން އިތުރު ޕޯސްޓްމޯޓަމް އެއް ހެދުމަށް ބޭނުންވިއެވެ. އެހެން ނަމަވެސް، އާއިލާއާއި އެ މައްޔިތާ ހަވާލުކުރުމެއް ނެތި އަވަސް އަރުވާލާފައި މާލެ ގެނެސް ވަޅުލީއެވެ.

ހިއުމަން ރައިޓްސްގެ ފަރާތުން ހުސެން ސޮލާހުގެ މަރުގެ މައްސަލަ ތަހުގީގް ކުރުމަށް ފަހު ނެރުނު ރިޕޯޓްގައި ވާގޮތުން އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލިކަން ސާބިތެއް ނުވެ އެވެ.

ހުސެން ސޮލާޙްގެ އާއިލާގެ މީހުން ބުނާގޮތުގައި، ސަރުކާރުން އެ މައްސަލައަށް ފަސްއަޅައި އެ ޖަރީމާ ހިންދާލީއެވެ.

ހުސެއިން ސޮލާޙުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފެންމަތިވި އެއް ވާހަކަ އަކީ، ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް ފުލުހުން އަނިޔާކުރި ވާހަކައެވެ. އެވާހަކަތައް ދެއްކީ ހުސެން ސޮލާހު އާއި އެކު އެއް ގޮޅިއެއްގައި ބަންދުކޮށްފައި ތިބި މީހުންނެވެ.

އެވާހަކަތަކަށް ބިނާކޮށް ހުސެން ސޮލާހަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ބައެއް ފުލުހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އެހެން ނަމަވެސް، ކޯޓުން ނިންމާފައި ވަނީ، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ކޯޓުން އެގޮތަށް ނިންމާފައިވަނީ ހުސެން ސޮލާޙާއި އެއް ގޮޅިއެއްގައި ބަންދުކޮށްފައި ތިބި މީހުންގެ ހެކިބަސް ނުނަގައިކަން ފާހަަކުރެވެއެވެ.

"ހުސެންކޮގެ ގޮތްނޭނގޭ މަރުގެ މަތިން ހަނދާން އެބަހުރި. އެދުވަސް ސިކުނޑިއަކުން ފިލައިގެން ނުދޭ. ނުވެސް ދާނެ އެހެނަސް އިންސާފު ނެތް ތަނެއްގައި ކުރާނީ ކީއް. އަބަދުވެސް ހެޔޮ ދުއާކުރާނަން. އެކަން ކުރި ބަޔަކަށް ޤިޔާމަތް ދުވަހުން ވޭންދެނިވި ޢަޒާބު ލިބޭނެ."، ޙުސެއިން ސޮލާޙު އާއި އެކު އެއް ރިސޯޓެއްގައި މަސައްކަތް ކުރި މީހަކު ބުންޏެވެ.

ޙުސެން ސޮލާޙުގެ މަރަށް 10 އަހަރު ވެގެން ދިޔައިރު ވެސް އެ މަރުގެ ހަގީގަތް ހޯދުމަށް އެއްވެސް ސަރުކާރަކަށް މުހިއްމެއް ނުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ މަހުޖަނެއް ނުވަތަ ނުފޫޒުގަދަ މީހެއްގެ ކޮއްކޮއެއް ނުވަތަ ބޭބެއަކަށް ނުވީމައި ހެއްޔެވެ؟

ތަފާތު މޮޅު ނަން ނަމުގައި ކޮމިޝަންތައް ހަދާފައިވީ ނަމަވެސް އެތަން ތަނުން ކުރާ ކަމަކީ ސަރުކާރުތައް ދިފާޢު ކުރުމެވެ.

ސޮލާހުގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ދުވަހު ވެސް އަދި މިހާރު ވެސް އުފެދިފައިވާ އެންމެ ބޮޑު ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. ފުލުހުންގެ ބަންދުގައި ހުރި މީހަކު މޫދުގައި މަރުވެފައި އޮންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ފުލުހުންގެ ބަންދުން ސޮލާހް ދޫކޮށްލި ކަމަށް ފުލުހުން ބުނާއިރު، އެކަން ފުލުހުންނަށް ސާބިތުކޮށް ނުދެވުނީ ކީއްވެގެން ހެއްޔެވެ؟