ޚަބަރު

ކޭބަލެއް ބުރިވެ ފުވައްމުލަކުން ކަރަންޓް ކެނޑިއްޖެ

ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނަކަ ކޯޕަރޭޝަންގެ މައި ކޭބަލެއް ބުރިވެ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނަރުދަމާގެ މަަސައްކަތް ކުރުމަށް ހޮޅި ވަޅުލަމުން ދަނިކޮށް އެރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި ކޭބަލްގެ ދެ ތަނަކުން ބުރިވެފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް ފެނަކައިގެ ހާއްސަ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފެނަކައިން ބުނީ މިއަދު ހެނދުނު ހިނގި މިހާދިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓް ފޯރުކޮށްދެވޭނެ އިރެއް ބުނެފައި ނުވެއެވެ.

އަތޮޅު ތެެރޭގެ ރަށްތަކުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ކޮންނަ ސަރަހައްދުތަކުގައި ފެނަކައިގެ މުވައްޒަފުންނާއި ކޮންނަ ފަރާތްތަކުގެ ސުޕަވައިޒަރުން ނުތިބޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ މާޗް މަހު ތެރޭގައި އައްޑޫ ހިތަދޫ އޮޑައްސައު ސަރަހައްދުގެ ފެނަކައިގެ ކޭބަލެއްވެސް ވަނީ ނަރުދަމާގެ މަސައްކަތް ހިތަދޫގައި ކުރާ ކުންފުނީގެ މުވައްޒަފުން އަތުން ބުރިވެފައެވެ.