Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

"އަފިރިންގެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން"

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފ.ނިލަންދޫ ޓީމާއި ދެކޮޅަށް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ނިކުންނަން ޖެހުމަކީ ކުރިމަތިވި ބޮޑު ޗެލެންޖެކެވެ. ދަނޑުގެ ހާލަތާއި ނިލަންދޫ ޓީމުގެ ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ހިތަދޫ ޓީމަށް ކޮންމެވެސް ވަރަކަށް މެޗަށް ފޯކަސް ކުރުމަށް އުނދަގޫ ވެގެން ދިޔައެވެ.

އެހެން ނަމަވެސް، ހިތަދޫ ޓީމުގެ ލޭ ކައްކުވާލައި އެ ޓީމަށް ޖޯޝު ގެނުވީ، ދަނޑުން ބޭރުގައި ތިބި އައްޑޫއަށް ނިސްބަތްވާ ސަޕޯޓަރުންނެވެ. އެއީ ވޮއްމުލި ރިސޯޓުގައި މަސައްކަތް ކުރާ އައްޑޫ އަށް ނިސްބަތްވާ ޒުވާނުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނުން އައްޑޫ ޓީމަށް ސަޕޯޓް ކުރުމަށް ނިލަންދޫ އަށް ދިޔައީ އަމިއްލައަށް ލޯންޗެއް ކުއްޔަށް ހިފައިގެންނެވެ. މެޗް ބަލަން އެއްވި ނިލަންދޫ މީހުންނާޢި ބަލާއިރު އެއީ މަދު އަދަދެއްގެ ބަޔަކަށް ވިޔަސް، އައްޑޫ ބަހުރުވައިން އެމީހުން ދިޔައީ ޓީމަށް ސަޕޯޓް ކުރަމުންނެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫ ޓީމުގެ އޮފިޝަލަކު ބުނިގޮތުގައި ކައިރި ރިސޯޓަކުން އައި އައްޑޫ ޒުވާނުންގެ ފަރާތުން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.

"ދަނޑި ބޭރުން ރަށި ބަހުން. އޯއި ގޯލަށް ޖަހާއްކެން. އަފިރިން ރަށި ބަހުން އޯލާ އަޑަ އިވެނެމެއި އަސްލު ހަމަ މުޅުވޭއް އިތިރި ހިއްވަރަކަށް ވި." ހިތަދޫ ޓީމްގެ އޮފިޝަލް ބުންޏެވެ.

ވޮއްމުލި ރިސޯޓުގައި މަސައްކަތް ކުރާ އައްޑޫ ޒުވާނުންތަކެއް ހިތަދޫ ފުޓްބޯޅަ ޓީމަށް ތަރުހީބު ދިނުމަށް އައިސް ދިނީތީ އެކަމަށް ޓީމުން ޝުކުރު އަދާކުރެއެވެ. އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެދެނީ މިމަހުގެ 25 ވަނަ ދުވަހު ވެސް ޓީމަށް ތަރުހީބު ދިނުމަށް އައިސް ދިނުމެވެ.