މުނިފޫހިފިލުވުން

ސާރާގެ "ކެދަރްނާތު" ނޮވެމްބަރު 30 ގައި

ޑައިރެކްޓަރާއި ޕްރޮޑިއުސަރުންނާ ދޭތެރޭ ޖެހުނު މައްސަލަތަކާ ގުޅިގެން ހުއްޓިފައިވާ ސާރާ އަލީ ހާންގެ ފިލްމް "ކެދަރްނާތު" މި އަހަރު ރިލީޒް ކުރަން އަނެއްކާ ވެސް ނިންމައިފި އެވެ.

އެކަން ފިލްމްގެ ޑައިރެކްޓަރު އަބިޝެކް ކަޕޫރް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާގެ ޓްވީޓްގައިވާ ގޮތުން "ކެދަރްނާތު" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ކުރިން ކްރިއާޖް އެންޓަޓައިންމަންޓުން ފައިނޭންސް ކުރި ފިލްމްގެ ޑައިރެކްޓަރާއި އެ ކުންފުންޏާ ދޭތެރޭ ޖެހުނު މައްސަލަތަކާ ގުޅިގެން ފިލްމްގެ ޝޫޓިން ހުއްޓުމުން ސާރާ ވަނީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" އެވެ.

އެހެންވެ "ކެދަރްނާތު" މައްސަލަތަކެއްގެ ތެރޭގައި ކުރިން އޮތުމުން، ސާރާ ބޮލީވުޑަށް ތައާރަފު ވާނެ ފިލްމަކީ "ސިމްބާ" ކަމަށް ބެލެވުނެވެ. އެކަމަކު އެ ފިލްމް "ސިމްބާ" ގެ ކުރިން ރިލީޒް ކުރާތީ ސާރާގެ ފުރަތަމަ ފިލްމަކަށް ވާނީ "ކެދަރްނާތު" އެވެ

ސާރާއަކީ ސައިފް އަލީ ހާންގެ ދޮށީ އަންހެން ދަރިފުޅެވެ. އޭނާގެ މަންމައަކީ ކުރީގެ ބަތަލާ އަމްރިތާ ސިންގް އެވެ.

"ކެދަރްނާތު" މިހާރު ޕްރޮޑިއުސް ކުރަނީ ރޯނީ ސްކްރޫވާލާ އެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރު އެވެ. މި ފިލްމްގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތު އެވެ.