Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ކޯޑިނޭޓަރަށް ޖެއްސުން ތިޔަކުރެވެނީ އަމިއްލަ ނަފްސަށް

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ، ހައުސިން މިނިސްޓްރީގެ އޮފީސް. ފޮޓޯ: ވަޙީދު

އައްޑޫ ސިޓީ ކައުންސިލުން، އައްޑޫގެ އަވަށްތަކުގައި ބާބަކިއު ސްޓޭންޑްތައް ހެދުމަށް ކުންފުންޏަކާއި ހަވާލުކުުރުން ހުއްޓާލަން އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސެސްގެ ކޯޑިނޭޓަރަކު ވަނީ އަންގަވާފައެވެ. ކޯޑިނޭޓަރު އެފަދައިން އެންގެވީ، "ހަމަޖެހިފައިވާ އުސޫލުގެ
ދަށުން ކުރި އިއުލާނެއް ނޫން" ކަމަށް ބުނެއެވެ.

ހައުސިން މިނިސްޓްރީއަށް އުސޫލުގެ ބޭރުން ކުރި އިއުލާނެއް ނޫންކަމަށް ވަންޏާ އެކަން އެންގުމަކީ މައްސަލައެއް ނޫނެވެ. ކޯޑިނޭޓަރުންގެ ވަޒީފާ ހަމަޖެހިފައިވާ ގޮތުން ސަރުކާރުގެ އިސްވެރިންގެ އަމުރަށް ތަބާވުން ފިޔަވައި އިތުރުގޮތެއް ނޯންނާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ، މާމޮޅު އިންޒާރެއް ދޭން ހަދައިންގެ ވުޖޫދުގައި ނެތް ކުންފުންޏަކަށް އިންޒާރު ދިނުމުންނެވެ.

އައްޑޫގައި ހުންނަ ހައުސިންގެ ޑިޕާޓްމަންޓުން ސިޓީ ފޮނުވީ ވުޖޫދުގައި ނެތް ކުންފުންޏަކަށެވެ. އައްޑޫ ސިޓީ ކައުންސިލުން ބާބަކިއު ސްޓޭންޑްތައް ހެދުމަށް ހަވާލުކޮށްފައި ވަނީ އިދުރީސް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް ހައުސިން ޑިޕާޓްމަންޓުން ސިޓީ ފޮނުވީ، އިދުރީސް ކާޕެންޓްރީ ކިޔާ ކުންފުންޏަކަށެވެ. އެކަން އެގޮތަށް ހިނގީ ހައުސިންގެ ޑިޕާޓްމަންޓަށް "އޮޅިގެން" ކަމަށް ހައުސިން އިން ވަނީ ބުނެފައެވެ.

އައްޑޫގައި ހައުސިންގެ ޑިޕާޓްމަންޓެއް އުފެއްދިތާ 3 އަހަރުވެގެން ދާއިރު އެންމެ ޕާކެއް ވެސް ޤާއިމްކޮށެއް ނުދެވެއެވެ. އެހެން ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ދަނީ އެފަދަ އެތައް ތަނެއް ޤާއިމްކޮށްފައެވެ. ކައުންސިލުން އައްޑޫގެ އަވަށްތަކުގައި ޕާކްތައް ޤާއިމްކުރަމުން ދަނިކޮށް އެކަމަށް ވެސް ހުރަސް އެޅީ ހައުސިންގެ ޑިޕާޓްމަންޓުންނެވެ.

ޕާކްތައް ހުރީ ހައުސިންގެ "ބެލެނިވެރިކަމުގެ ދަށުގައި" ކަމަށް ބުންޏަސް އެތަން ސާފުކުރުމަށް އެއްވެސް މަސައްކަތެއް ހައުސިން އަކުން ނުކުރެއެވެ. ޕާކްތައް ވީރާނާވެގެންދާ މަންޒަރު ބައްލަވައިގެން ހައުސިންގެ ޑިޕާޓްމަންޓުގެ ވެރިންގެ ހިތްތަކަށް ތަސައްލީއެއް ލިބެނީ ކަމަށް ވެދާނެއެވެ.

އައްޑޫގެ އަވަށްތަކުގައި ބާބަކިއު ސްޓޭންޑްތައް ހެދުމަށް ކައުންސިލުން އުޅުމުން އެކަން ހައުސިން މިނިސްޓްރީން ހުއްޓުވާލީ ކޮން އުސޫލަކުން ހެއްޔެވެ؟ އެއީ އެއަށް ވުރެ ރަނގަޅަށް އެކަން ކުރުމަށް ކަމަށް ވާނަމަ މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ހައުސިން އިން ކަންތައް ކުރާ ގޮތުން އެއީ ޖެއްސުން ކުރުމުގެ އަމަލެއް ކަމުގައި ނޫނީ ބެލޭނެ ގޮތެއް ނެތެވެ.

އޭގެ މިސާލަކީ ހިތަދޫ ބަނދަރު ސަރަހައްދަށް ފެންހޮޅިތައް ގުޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓުވާލި ގޮތެވެ. ކައުންސިލުން ކުރާ ކަމަކަށް ވުމުން އެކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅީއެވެ. ބަހަނާއަކަށް ހަދާފައި ސައި ހޮޓާތަކުގައި ހައުސިންގެ ކޯޑިނޭޓަރުން ބުނަމުން ގެންދަނީ "ސަރުކާރުން ފެންހޮޅި ގުޅައިދޭނެ" ކަމަށެވެ. އެހެން ނަމަވެސް އެކަން ވާ ތަނެއް ނުފެނެއެވެ.

ހައުސިން އައްޑޫ ޑިޕާޓްމަންޓުގެ ވެރިންގެ އަމަލުތަކުން ފެންނަނީ ޖެއްސުން ކުރުމެވެ. އެހެން ނަމަވެސް ހަގީގަތުގައި އެބޭފުޅުންނަށް ޖެއްސުން ކުރެވެނީ އަމިއްލަ ނަފްސަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ އެ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރި ކައުންސިލުން ކުރާ މަސައްކަތް ހުއްޓުވަންޏާ އެއަށް ވުރެ މޮޅު ކަންތައް ގެނެސް ދެއްވާށެވެ.

އެކަން ނުކުރެވެންޏާ ޖެއްސުން ކުރުން ހުއްޓާލައްވާށެވެ.