Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ހައުސިން ޑިޕާޓްމަންޓް: އުނދަގޫ އެއްހާސް މީދަލަށް ވުރެ ބޮޑު!

* އައްޑޫގައި ހައުސިންގެ ޑިޕާޓްމަންޓެއް އުފެއްދީ އޯގަސްޓް 2015ގައި.
* މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާނުކުރެވޭ
* ހައުސިންގެ ޑިޕާޓްމަންޓުން ކައުންސިލުން ހިންގާ އެކި މަޝްރޫޢުތައް ހުއްޓުވަމުން

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓާއި ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކައުންސިލް

އައްޑޫގައި "ރައްޔިތުންނާއި ގާތުން" ޚިދުމަތް ދިނުމަށް ކަމަށް ބުނެ ހުޅުވާފައިވާ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް ހުޅުވައިގެން ފާއިތުވި އެއްހާސް ދުވަހު ކެތްތެރިކަމާއި އެކު ހުރީ ކަންކަން ރަނގަޅު ވާނެ ކަމުގެ އުއްމީދުގައެވެ. އެންމެ ފުރަތަމަ ރަށުން ބޭރުން ބަޔަކު ލައިގެން ހިންގަން ފެށި އެ ޑިޕާޓްމަންޓުގެ އިސް މަގާމުތަކަށް އައްޑޫއަށް ނިސްބަތްވާ މީހުން އައްޔަން ކުރި ހިސާބުން ހަގީގަތުގައި ވެސް ކަންތައް ރަނގަޅު ވެދާނެ ކަމަށް އުއްމީދުކުރެވުނެވެ. އެހެން ނަމަވެސް ރަނގަޅުވީ ހަމަ އެއްކަމެއް ވެސް ނެތެވެ. ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގެ ތުރާލާއި ޖެއްސުން ކުރުން އިތުރަށް ބޮޑުވީއެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގެ ވާހަކަ ފަށާނީ އެ ޑިޕާޓްމަންޓް އައްޑޫގައި ޤާޢިމްކުރިތާ، ހަފްތާއެއް ނުވަނީސް އައްޑޫއަށް ކުރި ވިއްސާރަ އާއި ހިސާބުންނެވެ. އެދުވަހު ރައްޔިތުން ހާލުގައި ޖެހި އެހީއަށް އެދުނު އިރު، ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގައި އެއްވެސް ވެރިޔަކު ނެތެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ނިކުތީ، "ވިހާ މަރުވާ ލިސްޓް" ބަލަހައްޓަން ހަވާލުކޮށްފައި އޮތް ކައުންސިލުގެ މެންބަރުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް މައި ސަރުކާރަށް ނެގުމަށް ފަހު އެ ހުރިހާ ބާރެއް ދިނީ ހައުސިން މިނިސްޓްރީއަށެވެ. މިހާރު ބިންބިމާއި މަގުތަކާއި ބަނދަރުތަކާއި މައިދާންތަކާއި ޕާކުތައް ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ ޒިންމާއެކެވެ. މާނައަކީ އައްޑޫގެ މަގުތައް ނެހެދެންޏާ އެއީ ހައުސިން މިނިސްޓްރީގެ މައްސަލައެކެވެ. ޕާކުތަކާއި ބަނދަރުތައް ވީރާނާވެގެން ދިއުމަކީ ހައުސިން މިނިސްޓްރީ ފެއިލްވުމެވެ.

އައްޑޫގައި ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓެއް ގާއިމްކުރިތާ، 1007 ދުވަސް ވެއްޖެއެވެ. މަގުތަމުގެ ފެންވަރު ރަނގަޅު ވެެއްޖެ ހެއްޔެވެ؟ ނުވަތަ ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭ ހެއްޔެވެ؟ ޕާކުތަކާއި މައިދާންތައް ބެލެހެއްޓޭ ހެއްޔެވެ؟ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިން ދޫކުރަމުން ނުދޭ ހެއްޔެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބަކީ ނޫނެކެވެ. މަގުތަކާއި ޕާކުތައް ނުބެލެހެއްޓެއެވެ. ބިން ދޫކުރަމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓް ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޔަންކޮށްފައި ތިބި ބޭފުޅުންގެ ފަރާތުން އެއްވެސް އިޚްލާސްތެރިކަމެއް ނުފެނެއެވެ. މިހާރުވެސް މިނިވަންކަމާއި އެކު ތަހުގީގެއް ހިންގައިފިއްޔާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކި ފަރާތްތަކަށް ބިންތައް ދޫކޮށްފައިވާ ކަން ހާމަވެގެން ދާނެއެވެ. ކޮފީ މޭޒުތަކުގައި ތިބެގެން ތިމަންނާމެން "ވެހޭތާ ފެންނަގަނީ" ކަމަށް ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގެ ބައެއް ވެރިން ވިދާޅުވަމުން ގެންދެވީމާ އެބޭފުޅުންގެ އިޚްލާސްތެރިކަން ހުރި މިންވަރު ވަޒަން ކުރުން އެއީ ދަތިކަމެއް ނޫނެވެ.

އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ މަގުތަކުގެ ފެންވަރު ދަށްވުމެވެ. ހައުސިން މިނިސްޓްރީގެ ދަށަށް މަގުތައް ގެންދިއުމުގެ ކުރިން ސަރުކާރުން ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލުގެ ކުށްވެރިކުރަމުންނެވެ. މަގުތަކުގެ ބެލެނިވެރިކަމާއި ހަވާލުވުމަށް ފަހު ދެން ހައުސިން މިނިސްޓްރީން ކުށްވެރި ކުރަން ފެށީ އެމްއާރްޑީސީއެވެ. މިހާރު އެމްއާރްޑީސީ ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިއުމަށް ނިންމާފައެވެ. ދުވަސްކޮޅަކުން، "މަގޭ ދަރި ބަސްނާހަޔޭ ކިޔާ" އުސޫލުން އެމްއާރްޑީސީގެ ޝަކުވާ ހައުސިން މިނިސްޓްރީން ކުރާ އަޑު ކަމަށް ވެސް ވެދާނެއެވެ.

އަމިއްލަފުޅަށް އަދާކުރައްވަން ޖެހޭ ޒިންމާތައް އަދާނުކުރެވޭ އިރު ހައުސިންގެ އައްޑޫ ޑިޕާޓްމަންޓުގެ ވެރިންގެ ފަރާތުން ފެންނަނީ ހަމަ ސީދާ ޖެއްސުން ކުރުމުގެ އަމަލުތަކެވެ. ބައެއް ފަހަރަށް އެ އަމަލުތައް ހުންނަގޮތުން ހީވަނީ، އެމީހުންނަށް ނުކުރެވޭ ކަމެއް އެހެން މީހަކު ކޮށްގެން ނުވާނެ ކަމަށް ޤަބޫލުކޮށްގެން ތިބޭ ހެންނެވެ.

މިސާލަކަށް ކިތަންމެ ކަމެއްގެ ވާހަކަ ބަޔާންކުރެވިދާނެއެވެ. އައްޑޫ ސިޓީ ކައުންސިލުން ޕާކުތައް ތަރައްޤީކޮށް އައުޓްޑޯ ޖިމް ސެޓްތައް ބަހައްޓަން ފެށުމުން އެކަން ހުއްޓުވިއެވެ. މަސްވެރިންނަށް ފަސޭހައަކަށް ކައުންސިލުގެ ފަރާތުން ބަނދަރަށް ފެންހޮޅި ގުޅުމުގެ މަސައްކަތް ހުއްޓުވާލިއެވެ. އެންމެ ފަހުން މިހާރު ހުއްޓުވާލަން މިއުޅެނީ، ބާބަކިއު ސްޓޭންޑްތައް ހެދުމުގެ މަސައްކަތެވެ.

މިފަދަ އެތައް ކަމެއްގެ ކަމެއް ހައުސިންގެ އައްޑޫ ޑިޕާޓްމަންޓުން ކުރަމުން ގެންދާއިރު އެންމެ ކުޑަމިނުން އެތަނުން އެކަށީގެންވާ ޚިދުމަތެއް ވެސް ލިބެނީއެއް ނޫނެވެ. ނުވިތާކަށް އެ ޝަކުވާ ހިއްސާކުރަން ރައްޔިތުމީހާއަށް ވެސް އެތަނުގެ ވެރިއަކާއި ދިމާވަނީއެއް ނޫނެވެ. އެހެނަސް މިއީ ރައްޔިތުންނާއި "ގާތުން ޚިދުމަތް ދިނުމަށް" ޤާއިމްކުރި ޑިޕާޓްމަންޓެކޯލައެވެ.

"ރައްޔިތުންނާއި ގާތުން" ޚިދުމަތް ދިނުމަށް ގާއިމްކުރި ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގެ އުނދަގޫ އެއްހާސް މީދަލުގެ އުނދަގުލަށް ވުރެ ބޮޑުވެއްޖެއެވެ. ރައްޔިތުންނަށް ފާއިދާހުރި ކަމެއް ނުކުރާ ހާލު، މި ޑިޕާޓްމަންޓެއްގެ އުނދަގުލާ ހުރެ އެހެން ބަޔަކަށް އެކަން ކުރެވޭކަށް ވެސް ނެތީއެވެ.

ހައުސިންގެ އައްޑޫ ޑިޕާޓްމަންޓުގެ ވެރިން ޤަބޫލުކުރައްވާށެވެ. ތިމާމެންނަށް ކަމެއް ނުވާ އިރު އެހެން މީހުންނަށް ޖެއްސުންކޮށްގެން ލިބޭނެ ވަކި މޮޅެއް ނޯންނާނެއެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ބަނޑުއަޅައިގެން އަބަދަކު ނުތިބެވޭނެއެވެ. ތި ޑިޕާޓްމަންޓުގެ ވެރިންނަށް ވުރެ މާ އުހުގައި އާރާއި ބާރުގައި އުޅުނު މީހުން ނަގައި ހޫރާލީ ހިތުހުރި ގޮތަކަށެވެ.

އަދި ކީއް ހެއްޔެވެ؟ އެއްހާސް މީދަލަށް ވުރެ އުނދަގޫ ބޮޑުވީމާ އެ އުނދަގުލުން ސަލާމަތްވާން ރައްޔިތުން "ކޮކަޑި" އަޅާނެއެވެ. އެ ދުވަސް އޮތީ މާ ދުރުގައެއް ނޫނެވެ. މިއީ 2018 ވަނަ އަހަރެވެ.