Last Updated: May 1, 20:45
Wednesday, May 1, 2024
ރިޕޯޓް

"ރޯވާ" ނޯޓް 7 ގެ ފީޗާތައް އެސް 7 ގައި ވެސް

ފޮޓޯ: ގެޓީ އިމޭޖެސް

ނާކާމިޔާބުވި ގެލެކްސީ ނޯޓް 7 ގެ ބައެއް ފީޗާތައް އެސް 7 އަދި އެސް 7 އެޖުގެ ފޯންތަކުގައި ހިމެނުމުގެ މަސައްކަތް ސެމްސަންގްއިން ދަނީ ކުރަމުންނެވެ.

ގެލެކްސީ ނޯޓް 7 ގޮވާ ކަމުގެ ރިޕޯޓްތައް ކުރެވެން ފެށުމުން އެ މޮޑެލްގެ ފޯންތައް އުފެއްދުމާއި ވިއްކުން ވަނީ އޮކްޓޯބަރު މަހުގައި މުޅިން ހުއްޓާލާފައެވެ.

ސެމްސަންގްއިން ބީބީސީއަށް މަޢުލޫމާތު ދިން ގޮތުގައި އެސް 7 އަދި އެސް 7 އެޖުގައި މުޅިން އާ ފީޗާތަކެއް ހިމަނާނެ ކަމަށް ވަނީ ބުނެފައެވެ.

އެއް އެނެލިސްޓަކު ބުނި ގޮތުގައި ނޯޓް 7 އަނބުރާ ރައްދުކުރާ ފަރާތްތަކުން، ވާދަވެރި އެހެން އާ ފޯންތަކުގެ މައްޗަށް ސެމްސަންގް ބްރޭންޑްގެ ފޯން ބޭނުންކުރާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރާ ކަމަށެވެ.

"އާންމުކޮށް ސެމްސަންގްއިން ފްލޭގްޝިޕް ފޯން ތަޢާރަފް ކުރަނީ އަހަރު ދެ ފަހަރު"، އައިއެޗްއެސް މާކިޓްގެ އެނެލިސްޓް ބުންޏެވެ. "މިހާރު އެސް 7 އެޖުއަކީ މި އަހަރުގެ ދެން އޮތް ބަޔަށް އެ ކުންފުނީގެ ފްލޭގްޝިޕް"، އޭނާ އިތުރަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވާދަވެރި އައިފޯން 7 އާއި ގޫގުލް ޕިކްސެލްއާއި އެއް ފެންވަރެއްގައި ވާދަކުރެވޭނެ މިންވަރަށް އެ ފޯން ހެދުމަށް ސެމްސަންގްއިން ކުރެވޭ ހުރިހާ ކަމެއް ކުރަން ޖެހޭކަމަށެވެ.

ސެމްސަންގްއިން ނެރުމަށް ހަމަޖެހިފައިވާ އާ ފޯންގައި ހިމެނޭ އެންމެ މޮޅު އެއް ފީޗާއަކީ "އޯލްވެއިސް-އޮން ސްކްރީން" ނުވަތަ އަބަދުވެސް ދިއްލިފައި ހުންނަ ސްކްރީނެވެ. ފޯން ބޭނުން ނުކުރާ ވަގުތުތަކުގައި، މި ފީޗާގެ ދަށުން ފޯންގެ ސްކްރީންއިން ފޮޓޯތަކާއި، ގަޑިއާއި ނޯޓިފިކޭޝަންސް ފެނިގެންދާނެއެވެ.