Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ޕީޕީއެމް ދެ ފަޅިވެ، ކާޑު ސަބްސިޑީގެ އަޑު ކެނޑިއްޖެ!

ޔާމީނާއި އުމަރު މައުމޫނާ އެކު. ފޮޓޯ/ ހަވީރު

ރާއްޖޭގައި ޒަމާނުއްސުރެ ދެމުން އައި ކާޑް ސަބްސިޑީ ރައީސް ޔާމީންގެ ސަރުކާރުން ކަނޑާލުމާއި ގުޅިގެން އާއްމު ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ކާޑު ބަލައި މާލެ ދާން" ގޮވާލިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ނިކުމެ އަޑު އުފުލިއެވެ. އެކަމަކާއި ސަރުކާރުން މާބޮޑު ފަރުވާލެއް ހުރި ތަނެއް ނުފެނެއެވެ. ސަރުކާރުން ބުނިހާވެސް އެއްޗަކީ ބޭރުގެ މާލީ އެހީދޭ ޖަމާއަތްތަކުން ސަބްސިޑީ ކަނޑާލަން މަޝްވަރާ ދީފައިވާކަމަށެވެ.

ކާޑް ސަބްސިޑީ އާއި އެކު ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންގެ ތެރޭގައި އުފެދުނު އުދާސްތައް މިއަދު މިވަނީ ފިނިވެފައެވެ. ކާޑް އަގުބޮޑުވެ، އާއްމު މުދަލުގެ އަގުބޮޑުވި ހަނދާން ދިވެހިން ނެތިއްޖެއެވެ. ދިވެހިންގެ އެވާހަކަ ދޫކޮށްލައި މިވަނީ އާ ވާހަކައެއް ފަށާފައެވެ. ކާޑް އަގު ބޮޑުވެގެން މަގު މައްޗަށް ނިކުތް ރައްޔިތުން މިއަދު ހުއްޓިލައިގެން ތިބީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. ވެރިކަން ކުރާ ޕާޓީ ދެ ފަޅިވެ، ދެ ފެކްޝަން ހެދި ދެ ނައިބް ލީޑަރުންނާއި، ދެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާ މަންޒަރު ބަލާށެވެ.

ރައީސް އަބްދުﷲ ޔާމީން ގެ ފެޝަނާއި، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ އަރާރުމާއި ކޯޅުމުގެ އަވާގައި ދިވެހިން ރަނގަޅަށް ވެސް ޖެހިއްޖެއެވެ. މި ކޯޅުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުގެ މަސައްކަތް ވެސް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އެންމެންގެ ސުވާލަކީ ދެންވާނީ ކިހިނެއް ހެއްޔެވެ؟

މޮޅުވާނީ ރައީސް ޔާމީންގެ ފެކްޝަންތޯ ނުވަތަ ރައީސް މައުމޫންގެ ފެކްޝަން ތޯއެވެ. އެބަހުސްގައި އެންމެން ތިބި އިރު ބަނޑުހައި ނުވާ ކަހަލައެވެ.

ދިވެހިން އަބަދުވެސް ހަނދާން ހުންނާނީ އޭރަކު ހިނގަމުން އަންނަ ކަންކަމެވެ. މީގެ ކުރިން ވެފައި ހުންނަ ކަންކަން ދިވެހިން ވަރަށް ފަސޭހައިން ހަނދާން ނައްތާލައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހްގައި ސިޔާސީ މީހުން ހިތު ހުރި ގޮތަކަށް ނާޖާއިޒު ފައިދާ ނަގަނީ އެހެންވެގެންނެވެ. ކިތަންމެ ބޮޑު ގޯހެއް، ވައްކަމެއް ކުރި ނަމަވެސް އެވާހަކަތައް ދިވެހިން ހަނދާން ނައްތާލައެވެ.

ކާޑް ސަބްސިޑީ ކަނޑާލުމުގެ ރުޅިގަނޑު ރައްޔިތުން މިއައީ ދިވެހި ބައިތުލް މާލުން 1.2 ބިލިއަން ރުފިޔާ ގެއްލުން ކޮޅެއްގައި ނުޖެހި އޮތްވައެވެ. އެކަމަކާއި ހެދި ކަންބޮޑުވާ ރައްޔިތަކު ނެތެވެ. ރާއްޖޭގެ ބިންތައް ބޭރު ފަރާތްތަކަށް މިލްކު ކުރެވޭ ގޮތް ހެދި ހަނދާން ވެސް ދިވެހިން މިހާރަކު ނެތެވެ. އޮތީ އެންމެ ވާހަކައެކެވެ. މޮޅުވާނީ ކާކުގެ ސުވާލެވެ.

ޕީޕީއެމްގައި މިއަދު އުފެދިވައިވާ ދެ ފެކްޝަން އުފެދުމުގެ އެންމެ ބޮޑު އަސްލަކީ ކުރިން މިދެންނެވި ކަންކަމެވެ. ގައުމުގެ ހަޒާނާއިން ގެއްލުނު ފައިސާ އާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތް ހެދުމާއި، އަބުރުގެ ބިލުން ފެށިގެން ގޮސް ކާޑް ސަބްސިޑީ ކަނޑާލުމަކީ ރައީސް މައުމޫން ސީދާ ދެކޮޅު ކަންކަމެވެ. އެމަނިކުފާން އެއްގޮތަކަށްވެސް ރުހިވަޑައިގަންނަވާ ކަންކަމެއް ނޫނެވެ.

އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތައް މިއަދު ދައްކަވަނީ ސީދާ ރައީސް މައުމޫންއެވެ. ގައުމުގެ ހާލަތު މިއަދު މިފަދަ ނާޒުކު ހާލަތެއްގައި އޮތް އިރު ކޯޓު ތަކުން ނެރެމުންދާ ހުކުމް ބުރަވަނީ ރައީސް ޔާމީން ކޮޅަށެވެ.
އެހެންވެ ސިޔާސީ ގޮތުން ކަންކަން ނިމިގެންދާނީ ރައީސް ޔާމީން ކޮޅަށް ކަމަށް ބުނެވިދާނެއެވެ. އެހެންވެއްޖެ ނަމަ ކާޑް ސަބްސިޑީ ހަނދާން ނެތުނު ގޮތަށް ޕީޕީއެމްގެ ޒައީމްވެސް ދިވެހިން ހަނދާން ނައްތާލުމަކީ ކައިރިކަމެކެވެ.

ގައުމުގެ ކަންކަން ކުރިއަށްދާ އުސޫލުން ވިސްނާނަމަ މިވާހަކަތައް ވެސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަައި ހަނދާން ނެތިގެންދާނެއެވެ.