Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ބެޑްމިންޓަން ލީގްގައި އައްޑޫގެ އަމާޒަކީ މި ފަހަރު ތަށި

އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް އަންނަ މަހު މާލޭގައި ފެށުމަށް ތައްޔާރުވަމުންދާ އިރު އައްޑޫ ސިޓީގެ ޓީމް ވެސް މުބާރާތަށް ތައްޔާރުވާން ފަށައިފި އެވެ.

ޓީމުގެ ލަނޑުދަނޑިއަކަށް މިފަހަރު ތަށި ހޯދުން ހަދާފައިވާއިރު ހުރިހާ ކުޅުންތެރިންވެސް ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ކޮށްފައިވާ ހުސެން ރިޔާޒު(ބަބާ) ގެ އިރުޝާދުގެ ދަށުން މުބާރާތަށް ފަރިތަ ކުރަމުންދާ އައްޑޫ ޓީމާއި މެދު އޭނާއަށް ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަށް ބަބާ ބުނެފައިވާއިރު އޭނާގެ ފުރިހަމަ އަމާޒަކީ މިފަހަރުގެ ތަށި އައްޑުއަށް ގެނައުމެވެ.

ޓީމަށް ކުޅުންތެރިން ނަގުމުގެ މަސައްކަތް މިހަފްތާގައި ކުރިއަށް ދާނެ ކަމަށް ބަބާ ބުނެފައިވެ އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށާފައިވާއިރު ބަބާ ބުނެފައިވަނީ އައްޑޫ ޓީމަކީ އަޒުމު ވަރުގަދަ، މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ.

މިދިޔަ ފަހަރުގެ މުބާރާތުގައި އައްޑޫ ސިޓީގެ ޓީމަށް އެދެވޭ ކާމިޔާބީއެއް ލިބިފައި ނުވަނީ އައްޑޫ އިން ދެ ޓީމު އުފެދި މޮޅު ކުޅުންތެރިން ދެ ޓީމަށް ބައިބައިވުމުގެ ސަބަބުން ކަމަށް ބަބާ މައުލޫމާތު ދިނެވެ. ނަމަވެސް މިދިޔަ އަހަރާ ހިލާފަށް އޭނާ ވަނީ ޓީމު އެއްބައި ކުރުވައި ކުރިއަށް ވުރެ ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ.

މުބާރާތުގައި ވާދަކުރުމަށް އައްޑޫ ޓީމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 17 ކުޅުންތެރިޔަކު ވަނީ ބައިވެރިވެފައެވެ. ފަރިތަކުރުންތައް ކުރިއަށް ދަނީ ހިތަދޫ ޔޫތް ސެންޓަރުގައެވެ.