Last Updated: April 27, 06:00
Saturday, April 27, 2024
ކުޅިވަރު

މެސީގެ ހެޓްރިކާ އެކު ނޫ ކޭމްޕްގައި ސިޓީ ލަދު ގަންނަވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި މެންޗެސްޓާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 އިން ބާސާ ކާމިޔާބުކޮށްފި އެވެ.

މިއީ ގާޑިއޯލާގެ އާޓީމު، ސިޓީގެ މެނޭޖަރުގެ ހައިސިއްޔަތުން ބާސާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ބެޔާން މިއުނިކްގެ ކޯޗުގެ މަގާމުގައި އޭނާ ބާސާ އާ ދެކޮޅަށް ކުޅުނު މެޗުންވެސް ވަނީ 0-3 އިން ބަލިވެފައެވެ.

މެޗުގައި ސިޓީ އަށް ދިފާއީ ކުޅުމެއް ކުޅެން މަޖުބޫރު ވިނަމަވެސް ފުރަތަމަ ގޯލު ވަދެފައިވަނީ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވިގެންނެވެ. އޭރިޔާ ތެރެއިން އިނިއެސްޓާ މެސީ އަށް ދިން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފާނަންޑީނިއޯ ވެއްޓި މެސީއަށް ލިބުނީ ހުސް ގޯލަކަށް ބޯޅަ ފޮނުވާލުމުގެ ފުރުސަތެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ސިޓީގެ ގޯލު ކީޕަރު ބްރާވޯ އޭރިޔާ ބޭރުން ގަސްތުގައި ބޯޅައިގައި އަތުން ޖެހުމުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ. އޭރިޔާ ބޭރުން އޭނާ ކޮންޓްރޯލު ކުރި ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުވެ ލިބިފައިވަނީ އިދިކޮޅު ޓީމުގެ ސުއަރޭޒަށެވެ. އޭނާ ގޯލަށް ފޮނުވާލި ބޯޅަ ބްރާވޯ ވަނީ އޭރިޔާ ބޭރުން ގަސްތުގައި އަތުން ދިފާއުކޮށްފައެވެ.

އެއް ކުޅުންތެރިޔަކު މަދުން ކުޅުނު ސިޓީ ކޮޅަށް މެސީގެ ދެވަނަ ގޯލު ޖަހާފައިވަނީ 61 ވަނަ މިނެޓުގައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން މެސީ ވަނީ ތިން ވަނަ ގޯލާއެކު އޭނާގެ ހެޓްރިކު ފުރިހަމަ ކޮށްފައެވެ. މިއީ މެސީ ބާސާ އަށް ޖަހާދިން 37 ވަނަ ހެޓްރިކެވެ.

ބާސާ ލީޑު ފުޅާ ކޮށްގެން ކުޅެމުން ދަނިކޮށް ދެ މިނެޓު ތެރޭ ދެ ކާޑު ހޯދައިގެން މެތިއު ވަނީ ދެޓީމުގެ ދެމެދުގައި ކުޅުންތެރިން ހަމަހަމަ ކޮށްފައެވެ. މެޗު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ނޭމާ އަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ބޭކާރުކޮށްފައެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އޭނާ ވަނީ މެޗުގެ ނަތީޖާ 0-4 އަށް އިތުރުކޮށްފައެވެ.