Last Updated: April 26, 10:52
Friday, April 26, 2024
ވިޔަފާރި

ސެންޗޫރިއަންގެ ހިއްސާ މިހާރު ބީއެމްއެލުން ގަނެވޭނެ

ރާއްޖޭގެ ޝިޕިންގް އެންޑް ލޮޖިސްޓިކްސް ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ކޮށް މިއަދު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އާއްމުންނަށް ހިއްސާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ހިއްސާ ގަނެވޭނެ އެއްބަސްވުމުގައި ސެންޗޫރިއަން އާއި ބީއެމްއެލްއިން ވަނީ ސޮއިކޮށްފައެވެ.

ސެންޗޫރިއަން ކުންފުނީގެ 49 އިން ސައްތަ ހިއްސާ އާމުންނަށް ދޫކޮށްލުމަށް ނިންމާފައިވާ އިރު 23 އިން ސައްތަ ހިއްސާ ގަނެގެން ކުންފުނީގެ މައި ހިއްސާދާރަކަށްވުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ. އެކުންފުނިން ހިއްސާއެއް 25 ރުފިޔާއަށް ވިއްކާއިރު މަދުވެގެން 4 ހިއްސާ ކޮންމެ ފަރާތަކުންވެސް ގަންނަން ޖެހެއެވެ.

ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މައުމޫން (މާނު) ވިދާޅުވީ ކުންފުނީގެ 49 އިން ސައްތަ ހިއްސާ ވިއްކައިގެން ލިބޭ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ. މާނު ވިދާޅުވީ ކުންފުނީގެ އަމާޒު ހުރީ ހިއްސާ ގަންނަ ފަރާތްތަކަށް މަދުވެގެން 4 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް ކަވާ ކުރެވޭނެ ގޮތް ހޯދައި ދިނުން ކަމަށެވެ.

ހިއްސާގެ ބާޒާރަށް ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިތުބާރުވަނީ ކުރިން ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން ގެއްލިފައެވެ.

މާނު ވިދާޅުވީ، ކުންފުނީގެ މާލީ ހިސާބު ދައްކާ ގޮތުން ހިއްސާދާރުންނަށް ފައިދާވެ، ސްޓޮކް މާކެޓްގައި ރަނގަޅު އަގުތަކެއްގައި މި ހިއްސާތައް މުއާމަލާ ކުރެވޭނެ ކަމަށެވެ.

އެކުންފުންނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޖެންޓުން މެދުވެރިކޮށް ހިއްސާ ގަނެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އާއްމު ހިއްސާ ވިއްކާ ފުރަތަމަ ފަހަރެވެ.